ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޒީ-ޖެނެރޭޝަނަށް ގެއްލުނު ހިތްވަރުގަދަކަމުގެ 9 ސިއްރު

ޒީ-ޖެނެރޭޝަންގެ ގިނަ ކުދިންނަށް، 1970 އާއި 1980 ގެ އަހަރުތަކުގައި ބޮޑެތިވި ކުދިންގެ ކިބައިގައި ހުރި ނަފުސާނީ ހިތްވަރުގަދަކަން ނުވަތަ “ރެޒިލިއަންސް” އުފެއްދި ވަކި ތަޖުރިބާތަކެއް ވަނީ ގެއްލިފައެވެ. މިއީ މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ދުނިޔެއާއި، ދަރިން ބެލެހެއްޓުމުގައި މުޖުތަމަޢު ދެކޭގޮތަށް އައި ބަދަލުތަކުގެ ނަތީޖާއެވެ.

1970 އާއި 1980 ގެ އަހަރުތަކުގައި ބޮޑެތިވި މީހުންގެ ކިބައިގައި ހިތްވަރުގަދަކަން އުފެއްދި، ނަމަވެސް ޒީ-ޖެނެރޭޝަނަށް ގެއްލިފައިވާ ތަޖުރިބާތަކަކީ:

1 – ބޮޑެތި މީހުންގެ ބެލުމެއް ނެތި ބޭރުގައި ކުޅުން

70 އާއި 80 ގެ އަހަރުތަކުގެ ކުދިންނަކީ އަމިއްލަ މިނިވަންކަމާއި ތަސައްރަފު ފުދުމުގެ ސިފަ އަމިއްލައަށް ދަސްކުރަން ޖެހުނު ބައެކެވެ. އާއިލާއާއެކު ވަގުތު ހޭދަކުރި ނަމަވެސް، އެކުދިންގެ ދުވަހީ ހުސްވަގުތުތަކަކީ ވަރަށް ތުއްތުއިރުން ފެށިގެން އެކުދިންގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ވަގުތުތަކެކެވެ. ގިނަ ކުދިން އުއްމީދުކުރަނީ އަވަށްޓެރި ކުދިންނާއެކު ބޭރުގައި ކުޅުމަށެވެ. މީގެ ސަބަބުން އެކުދިންގެ އުފެއްދުންތެރިކަމާއި، ޒިންމާދާރުކަން އިތުރުވެގެން ދިޔައެވެ. ޒީ-ޖެނެރޭޝަންގެ ކުދިން ބޮޑުވަމުން އައީ ފޯނާއި ސްކްރީންތަކުގެ ތެރޭގައެވެ. މީގެ ސަބަބުން ބޭރުތެރޭގެ ހަރަކާތްތަކުން ލިބޭ އިޖުތިމާއީ ހުނަރުތަކާއި ހިތްވަރުގަދަކަން އެކުދިންނަށް ވަނީ ގެއްލިފައެވެ.

2 – އާންމުންގެ ލޮލަށް ނުފެނި ކުށްތައް ކުރެވުން

މިއަދުގެ ޒުވާނުންނަށް ކުރެވޭ ކުޑަވެސް ކުށެއް ނުވަތަ ގޯހެއް ރެކޯޑުކުރެވިއްޖެނަމަ، އެއީ އިންޓަނެޓުގައި އަބަދަށް ދެމިއޮންނާނެ އެއްޗެކެވެ. މީގެ ސަބަބުން ގިނަ ޒުވާނުން ތިބެނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. 70 އާއި 80 ގެ އަހަރުތަކުގެ ކުދިންނަށް ފޯނެއް ނެތި މިފަދަ “މޮޔަ” ކަންތައްތައް ކުރެވުނީ އެކަން ބަލަން ނުވަތަ ރެކޯޑުކުރަން މީހަކު ނެތުމުންނެވެ. ނަމަވެސް މިއަދު ގިނަ ޒުވާނުން ތިބެނީ އަމިއްލަ “ކޮމްފަޓް ޒޯން” އިން ބޭރަށް ފިޔަވަޅެއް އަޅަންވެސް ބިރުންނެވެ.

3 – ކުރިމަތީގައި ހުރެ ނަތީޖާއާ ކުރިމަތިލުން

ޒީ-ޖެނެރޭޝަންގެ ކުދިންނަށް ފޯނުގެ ޒަރީއާއިން މުއާމަލާތްކުރާއިރު ޒިންމާދާރުކަމުން ރެކެވޭނެ މަގުތައް އޮވެއެވެ. އިންޓަނެޓް މެދުވެރިކޮށް މީހުންނަށް ދިމާކުރުމާއި ނުރުހޭ އެއްޗެހި ބުނުމަށްފަހު، އެކަމުގެ ޒިންމާ އުފުލުމުގެ ބަދަލުގައި ފޯނު ފުރަގަހުގައި ފިލާ ތިބެވިދާނެއެވެ. އެއާ ޚިލާފަށް، 70 އާއި 80 ގެ އަހަރުތަކުގެ ކުދިން ޖެހުނީ މައްސަލަތައް ކުރިމަތީގައި ތިބެގެން ހައްލުކުރާށެވެ. މީގެ ސަބަބުން އެކުދިންނަށް މީހުންނާ މުއާމަލާތްކުރާނެ ގޮތާއި ހިތްވަރާއެކު ކަންކަމާ ކުރިމަތިލާން ދަސްވިއެވެ.

4 – ކެތްތެރިކަން ބޭނުންވާ ކަންކަމުގައި އުޅުން

ކުރީގެ ޖީލުތަކުގެ ހޮބީތަކަކީ ކެތްތެރިކަން ބޭނުންވާ ކަންކަމެވެ. މިސާލަކަށް ފޮޓޯއެއް ނެގުމަށްފަހު އެ ސާފުވަންދެން އިންތިޒާރުކުރަން ޖެހެއެވެ. ނުވަތަ ބަލަން ބޭނުންވާ ފިލްމެއް ޓީވީން ދައްކަންދެން މަޑުކުރަން ޖެހެއެވެ. މިއަދުގެ ދުނިޔޭގައި ހުރިހާ ކަމެއް ވަގުތުން ފުރިހަމަވާން އޮތުމުން، ޒީ-ޖެނެރޭޝަންގެ ކުދިންގެ ކިބައިން ކެތްތެރިކަމުގެ ސިފަ ދަނީ ކުޑަވަމުންނެވެ.

5 – ޗާޕުކޮށްފައިވާ ފޮތްތަކުން ކިޔެވުމާއި ހޯދުންތައް ހެދުން

އިންޓަނެޓުގައި “ސާޗް” ކޮށްލުމުގެ ބަދަލުގައި، ކުރީގެ ކުދިން ޖެހުނީ އެކަލްސިކްލޮޕީޑިއާތަކާއި ފޮތްތައް ބަލައިގެން މަޢުލޫމާތު ހޯދާށެވެ. މި އުނދަގޫ މަގުން ކަންކަން ދަސްކުރުމަކީ އިންސާނާގެ ހިތްވަރު ގަދަކޮށްދޭ ކަމެކެވެ. މިއަދު ފޯނުން ލިބޭ ލުއިފަސޭހަކަމުގެ ސަބަބުން އަމިއްލައަށް ކަންކަން ހޯދައި ދެނެގަތުމުގެ ޤާބިލުކަން ބައެއް ކުދިންގެ ކިބައިން ވަނީ ކުޑަވެފައެވެ.

6 – ހިމޭންކަމުގައި މަޑުން އިނުން

މިއަދުގެ ކުދިންނަށް “ފޫހިވުމަކީ” ވަރަށް ބޮޑު ކަމެކެވެ. އެކުދިންނަށް އަބަދުވެސް ކޮންމެވެސް ކަހަލަ މުނިފޫހިފިލުވުމެއް ބޭނުންވެފައެވެ. 70 އާއި 80 ގެ އަހަރުތަކުގެ ކުދިންނަށް ހިމޭންކަމުގައި ތިބެން ދަސްވެފައި އޮތް ނަމަވެސް، ޒީ-ޖެނެރޭޝަންގެ ކުދިން އެކަނިވާ ވަގުތުތަކުގައި ފޯނަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑެވެ.

7 – ލޭންޑްލައިން ފޯނު ބޭނުންކުރުން

ކުރީގެ ޖީލުތަކުގައި މީހުންނާ ގުޅުން ބޭއްވުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރާ ކަމެކެވެ. މީހެއްގެ ނަންބަރު ހަނދާން ބެހެއްޓުމާއި، ފޯނު ހުސްވަންދެން އިންތިޒާރުކުރުމަކީ އިޖުތިމާއީ ގޮތުން މީހާ ހަރުދަނާކޮށްދިން ކަންކަމެވެ. ޒީ-ޖެނެރޭޝަންގެ ކުދިންނަށް މިއަދު މީހުންނާ ގުޅުން ބޭއްވުމަށްޓަކައި ކުރީގެ މީހުންނަށްވުރެ ބޮޑު މަސައްކަތެއް ކުރަން ޖެހެއެވެ.

8 – އޮފްލައިންކޮށް އަމިއްލަ ވަންތަކަން ބިނާކުރުން

ޒީ-ޖެނެރޭޝަންގެ ކުދިންނަށް ސޯޝަލް މީޑިއާގެ ނުފޫޒުން އެއްކިބާވެ، އަމިއްލަ ޝަޚްސިއްޔަތެއް ބިނާކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކުރީގެ ޖީލުތަކަށް އޮތް ހަމައެކަނި ގޮތަކީ އޮފްލައިންކޮށް އަމިއްލަ ސިފަތައް ބިނާކުރުމެވެ. މީގެ ސަބަބުން އެމީހުންގެ ކިބައިގައި އަމިއްލަވަންތަކަމާއި ހިތްވަރުގަދަކަން އަށަގަތެވެ.

9 – ކުޑަ ކޮއްކޮމެން ބެލުން

ކުރީގެ ޖީލުތަކުގައި ބެލެނިވެރިން މަސައްކަތުގައި އުޅޭއިރު، ގޭގެ ކަންކަން ބެލެހެއްޓުމާއި ކޮއްކޮމެން ބެލުމަކީ ދޮށީ ކުދިންގެ ޒިންމާއެކެވެ. މިއީ އުނދަގޫ ކަމަކަށް ވިޔަސް، މީގެ ސަބަބުން އެކުދިންނަށް ޒިންމާ އުފުލަން ދަސްވެ، ހިތްވަރުގަދަ ބަޔަކަށް ވިއެވެ. މިއަދުގެ ދަރިން ބެލުމުގެ ސަގާފަތް ބަދަލުވެ، ގިނަ ބެލެނިވެރިން ތިބެނީ ދަރިން އެކަނި ބޭރަށް ނެރެން ނުވަތަ ގޭގައި އެކަނި ބައިތިއްބަން ބިރުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top