ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން ވެމްކޯ މޮޅުވެއްޖެއެވެ. ވެމްކޯ މި މެޗު ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބު ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ. މި މުބާރާތުގެ ކުޅުން މިރޭ ފަށާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ މިރޭގެ މެޗުގައި ބައްދަލުކުރި ދިވެހި ސިފައިންގެ ކުލަބާއި ވެމްކޯގެ އިތުރުން ބިސްބުރު ސްޕޯރޓްސް ކުލަބެވެ.
ދިވެހި ސިފައިންގެ ކުލަބާއި ވެމްކޯ ބައްދަލުކުރި މި މެޗުގެ ލީޑު ނެގީ، މިދިޔަ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ. މެޗުގެ ދެވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ ސުމައްޔާ މަތުސިމާއެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ ވެމްކޯއިން މަސައްކަތްކުރަމުން ދަނިކޮށް ދިވެހި ސިފައިންގެ ކުލަބް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. ފަސްވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސުމައްޔާ މަތުސިމާއެވެ. ފެށީއްސުރެ މެޗު ލީޑު ކުރަމުންދިޔަ ދިވެހި ސިފައިންގެ ކުލަބުން ވަނީ ހަތްވަނަ މިނިޓްގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މައިޝާ އަބްދުލް ހަންނާނެވެ.
މަޑުމަޑުން މެޗުގެ ތެރެއަށް ވަތް ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް 12 ވަނަ މިނިޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ދިވެހި ސިފައިންގެ ކުލަބްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައި ވެމްކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޗްލޭ ލަރިއްސާއެވެ. ގާތްގާތުގައި ފުރުސަތު ތަނަވަސްކުރި ވެމްކޯއިން ވަނީ 15 ވަނަ މިނިޓްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހައްވާ ހަނީފާއެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފީ ވެމްކޯއިންނެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ދަނޑި ކައިރިން ގޯލްގެ ތެރެއަށް ވައްދާލައި ވެމްކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން މަރިޔަމް ނޫރާއެވެ.
ފަހަތުން އަރައި ވެމްކޯއިން ލީޑު ނެގި މި މެޗުގައި ވެމްކޯގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަލްދާސޯއެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހި ސިފައިންގެ ކުލަބަށް ފުރުސަތުގެ ބޭނުން ކުރެވޭގޮތް ނުވުމުގެ ނަތީޖާއަކަށް ވީ ވެމްކޯއިން އެ ޓީމުގެ ލީޑު ފުޅާކުރުމެވެ. މެޗުގެ ފަހު މިނިޓްގައި ވެމްކޯގެ ލީޑު ފުޅާކޮށްދިނީ ތިންވަނަ ލަނޑު ވެސް ޖަހައިދިން މަރިޔަމް ނޫރާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މަރިޔަމް ނޫރާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މަރިޔަމް ނޫރާއެވެ.
