ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސޭހަކަމާއިއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ސްޕެއިން ދެވަނަ ބުރުގައި ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ފަރާތުން މިރޭ ވެސް ފެނުނީ މޮޅު ކުޅުމެކެވެ. އެމެރިކާގެ ލޮސްއެންޖެލްސްގައި ކުޅުނު މި މެޗު ސްޕެއިން ކާމިޔާބުކުރީ 3-0 އިންނެވެ.

މެޗު ފެށީއްސުރެ އެޓޭކަށް އިސްކަންދީގެން ކުޅެމުންދިޔަ ސްޕެއިނުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި އޮސްޓްރިއާއިން ކާމިޔާބު ހޯދިއިރު، އެ ޓީމުގެ ކީޕަރުގެ ފަރާތުން ވަނީ މުހިންމު ސޭވްތަކެއް ފެނިފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ސްޕެއިންއަށް ޖަހައިދީ ލީޑު ނަގައިދިނީ މިކެލް އޮޔާޒަބަލްއެވެ. މިއީ މާކް ކުކުރެޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮޔަޒަބަލް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު 1-0 އިން ނިމުނުއިރު، މި ހާފުގައި ލަނޑު ޖަހާނެ ފުރުސަތު އޮސްޓްރިއާއަށް ވެސް ލިބިފައިވެއެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ސްޕެއިންއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް ލިބުނު، ސްޕެއިނުން އެ ޓީމުގެ ލީޑު ފުޅާކުރީ 66 ވަނަ މިނިޓްގައެވެ. ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުކުރެވިދިޔަ ސްޕެއިންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޮރޯއެވެ. ޕެޑްރޯ މި ލަނޑު ޖަހާފައިވަނީ އެލެކްސް ބައޭނާ ނަގައިދިން ޕާހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި އަހަރުގެ މުބާރާތުގައި މިކެލް އޮޔާޒަބަލް ޖެހި ހަތަރުވަނަ ލަނޑާއިއެކު ސްޕެއިންގެ ލީޑު އޭނާ ފުޅާކޮށްދިނީ މެޗުގެ ފަހު މިނިޓްގައެވެ. މި ލަނޑު ޖެހުމުގައި ވެސް އޮޔާޒަބަލްއަށް އެހީތެރިވީ ފުރަތަމަ ލަނޑު ޖެހުމުގައި ވެސް އެހީތެރިވި މާކް ކުކުރެޔާއެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިން، ވޭތުވެދިޔަ 16 އަހަރުތެރޭ ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މޮޅުވެފައެއް ނުވެއެވެ. 2014 ވަނަ އަހަރު ދެވަނަ ބުރަށް ނުގޮސް މުބާރާތުން ކަޓާފައިވާއިރު، 2018 ވަނަ އަހަރު ނޮކައުޓްގެ ފުރަތަމަ މެޗުން ރަޝިޔާ އަތުން ބަލިވެ މުބާރާތުން ކެޓިއެވެ. އަދި 2022 ވަނަ އަހަރު ނޮކައުޓްގެ ފުރަތަމަ މެޗުން މޮރޮކޯ އަތުން ބަލިވެ މުބާރާތުން ކެޓިއެވެ.

ތަރިންގެ ޓީމެއްގެ ގޮތުގައި ބެލެވޭ ސްޕެއިން ގަދަ 16 ގައި ބައްދަލުކުރާނީ، ޕޯޗްގަލްއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top