ފީފާ ވޯލްޑް ކަޕްގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ތާރީޚީ ދެ ގޯލާއެކު، ސެނެގާލްގެ މައްޗަށް 3-1 އިން ފްރާންސް ކުރި ހޯދައިފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ވަރުގަދަ އެޓޭކިން ލައިން ފެނިގެންދިޔަ ނަމަވެސް، އެ ޓީމަށް ސެނެގާލްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އޭގެ ބަދަލުގައި ސެނެގާލުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެގޮތުން ސަޑިއޯ މާނޭ އާއި ނިކޮލަސް ޖެކްސަންގެ އިތުރުން އިސްމާއިލާ ސާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ފާހަގަކޮށްލެވެއެވެ.
ނަމަވެސް ދެވަނަ ހާފުގައި ފްރާންސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޅު މައިކަލް އޮލީސޭ އާއި އެމްބާޕޭއަށް ލިބުނު ހުސް ފުރުސަތުތައް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ތެރެއިން އެމްބާޕޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ވީއޭއާރު ބެލުމަށްފަހުވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނުދިނުމަށެވެ.
ޕެނަލްޓީ ނުލިބުނު ނަމަވެސް، މެޗުގެ 66 ވަނަ މިނިޓުގައި އޮލީސޭ ދިން ފުރިހަމަ ޕާހަކުން ކެޕްޓަން އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. ފްރާންސްގެ ދެވަނަ ލަނޑު 82 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޑީ ބާކޮލާއެވެ. އޭނާ މި ލަނޑު ޖެހީ ކުޅެން ނުކުތްތާ އެންމެ ދެ މިނިޓު ތެރޭގައެވެ.
ސެނެގާލުން އުންމީދެއް ހޯދީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އުމުރުން އެންމެ 18 އަހަރުގެ އިބްރާހިމް އެމްބާޔޭ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް، އެ ލަނޑަށްފަހު އަލުން ކުޅުން ފެށިގޮތަށް އެމްބާޕޭ ވަނީ ދުރުން ފޮނުވާލި ހަމަލާއަކުން ފްރާންސްގެ ތިންވަނަ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްދީފައެވެ.
މި ލަނޑާއެކު އެމްބާޕޭ ވަނީ ފްރާންސްގެ ޤައުމީ ޓީމަށް 58 ލަނޑު ހަމަކޮށް، ކުރިން 57 ލަނޑާއެކު އޮތް އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލާފައެވެ. އަދި ވޯލްޑް ކަޕްގެ ތާރީހުގައި 14 ލަނޑު ހަމަކޮށް، ލިއޮނެލް މެސީއަށްވުރެ އެއް ލަނޑުން ކުރި ހޯދައި ޖާޑް މުލާއާއެކު ތިންވަނަ މަޤާމަށް ޖެހިލާފައެވެ. މިހާރު އޭނާގެ ކުރީގައި އޮތީ 15 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯ އާއި 16 ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭއެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ ފަހަރު ފްރާންސް ކުރި ހޯދިއިރު، 2002 ވަނަ އަހަރުގެ މުބާރާތުގައި ސެނެގާލުން ވަނީ ފްރާންސް ބަލިކޮށްފައެވެ. މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމާއެކު ގްރޫޕް އައިގައި ދެން ހިމެނެނީ ނޯވޭ އާއި އިރާގެވެ.
