ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި އެޗްޑީސީއަށް ފަސޭހަ މޮޅެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 3 ވަނަ މެޗުން ސްޓެލްކޯ އަދި 4 ވަނަ މެޗުން އެޗްޑީސީ ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 3

ތިންވަނަ މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މިއީ މިއަހަރުގެ މުބާރާތުގައި ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ.

ދެވަނަ މިނިޓްގައި އައިޝަތު ދީނާ ވަސީމް ޖަހައިދިން ލަނޑުން ސްޓެލްކޯއިން ލީޑު ނެގިއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ސްޓެލްކޯއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސްޓެލްކޯއިން ތަނަވަސްކުރި މި މެޗުގެ 12 ވަނަ މިނިޓްގައި އާމިނަތު މައިހާ އަދި 13 ވަނަ މިނިޓްގައި ހަލީމަތު ހަސްނާ އެ ލީޑު ފުޅާކޮށްދިނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އެމްއޭސީއެލްގެ މިލްނާ އިބްރާހިމް ޖަހައިދިން ލަނޑުން އެ ޓީމުން އުންމީދު އާކުރިއެވެ.

މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި މޮޅަށް ކުޅުނީ ސްޓެލްކޯއެވެ. ސްޓެލްކޯގެ ހަތަރުވަނަ ލަނޑު މަރިޔަމް ޒާނާ ޖަހައިދިންއިރު ފަސްވަނަ ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އާމިނަތު މައިހާއެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ހަލީމަތު ހަސްނާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހަލީމަތު ހަސްނާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ބީއެމްއެލް އާއި ކުލަބް އެޗްޑީސީއެވެ. މިއީ ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ މިނިޓްގައި ފިރްޝާނާ ނަސީރުގެ ލަނޑުން ލީޑު ނެގި އެޗްޑީސީގެ ފަރާތުން މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ބީއެމްއެލްއަށް ފުރުސަތެއް ނުދީ ދެވަނަ މިނިޓްގައި އާމިނަތު ރިސާލާ ޖެހި ލަނޑުން އެޗްޑީސީ ވަނީ ލީޑު ފުޅާކޮށްފައެވެ. ދެވަނަ ލަނޑު ޖަހައި އެޗްޑީސީއަށް ހަމަޖެހި ނުލެވި އުޅެނިކޮށް ބީއެމްއެލްގެ އައިޝަތު ލައިބާ ވަނީ ބީއެމްއެލްއަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދީފައެވެ. ފާތިމަތު ޝައިލަންގެ ލަނޑުން ބީއެމްއެލް މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް ޖެހިގެން އައި މިނިޓްގައި ފާތިމަތު ސާލިޔާ އަނެއްކާ ވެސް އެޗްޑީސީއަށް ލީޑު ނަގައިދިނެވެ.

ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ އެޗްޑީސީއަށް ފާތިމަތު ސާލިޔާ ޖަހައިދިން އިތުރު ދެ ލަނޑާއިއެކު އެޗްޑީސީން ލީޑުކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 5-2 އިންނެވެ. ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އެޗްޑީސީއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ފާތިމަތު ސާލިޔާ އޭނާގެ ހަތަރުވަނަ ލަނޑު ޖެހިއިރު، ހަލީމަތު ހިޝްމާ އާއި ފަރަހް އަޙްމަދު ކޮންމެ ކުޅުންތެރިއެއް ލަނޑެއް ޖަހައިދިނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ފާޠިމަތު ސާލިޔާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

8-2 އިން އެޗްޑީސީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ކެޕްޓަން ފާތިމަތު ސާލިޔާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top