ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނ. ޒޯންގެ ފައިނަލްގެ ފުރަތަމަ ޖާގަ ވެލާ ޕްރިވެޓް އައިލެންޑް ހޯދިއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައެޅުމަށް ކުޅެވޭ ސެމީ ފައިނަލްގައި ވާދަކުރާނެ ދެ ޓީމަކަށް ސޮނެވާ ޖާނީ އާއި ރޮބިންސަން ނޫނު ހޮވިއްޖެއެވެ.
ފަސް ޓީމު ވާދަކުރާ މި ޒޯންގެ ކުޅުން ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ކުޅޭ ލީގު ބުރުން އެއްވަނަ ހޯދާ ޓީމަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ.
ލީގު ބުރުގެ ފަހު ދެ މެޗު އިއްޔެ ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސޮނެވާ ޖާނީ އާއި ވެލާ ޕްރައިވެޓް އައިލެންޑެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗުގައި ފެނުނީ އެހެން މަންޒަރެކެވެ. މެޗު ފެށުމާއިއެކު މެޗުގެ ކޮންޓްރޯލް ހޯދި ވެލާއިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މެޗު ފެށީއްސުރެ ހޯދި ވެލާގެ ހަމަލާތައް ހުއްޓުވުމުގައި ސޮނެވާ ޖާނީއިން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓާއި ހަމައަށް ކާމިޔާބު ހޯދާފައެވެ. މަދުން ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ސޮނެވާ ޖާނީ އަށް ވެސް ވަނީ ލިބިފައެވެ.
މެޗުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެލާއިން ޖެހިއިރު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ ރަޒީއެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފުގައި ވެލާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އިތުރު ހަތަރު ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި މުޙައްމަދު ޒާހިދު ވެލާގެ ދެވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ 27 ވަނަ މިނިޓްގައި އަޒްލީމް އަޙްމަދު ވަނީ ވެލާއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. މެޗުގެ ފަހުކޮޅު އަޙްމަދު އިމްތިނާހް ވެލާގެ ހަތަރުވަނަ ލަނޑު އަދި މެޗުގެ ފަހު މިނިޓްގައި ހަމްދޫން ޢަލީ ވެލާގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނުވަ ޕޮއިންޓް ހަމަކޮށް ލީގު ބުރުގެ އެއްވަނަ ޔަގީންކޮށް ވެލާއިން ވަނީ ފައިނަލްގެ ސީދާ ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ މުޙައްމަދު ޒާހިދެވެ.
މި ޒޯންގެ ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރީ ރޮބިންސަން ނޫނާއި ޗެވެލް ބުލެންކު ރަންދެއްޔެވެ. މި މެޗަށް ނުކުތްއިރު މި މެޗުން މޮޅުވެގެން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހުޅުވިފައެވެ. ވާދަވެރި ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ މިނިޓްގައި އިބްރާހިމް ޒިދާން ޖަހައިދިން ލަނޑުން ޗެވެލް ބުލެންކް ރަންދެލި ލީޑު ނެގިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ރޮބިންސަން ނޫނުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 5 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަނޫން ރަޝީދެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުން މޮޅުވެގެން ސެމީ ފައިނަލްގެ ޖާގަ ހޯދުމަށްޓަކައި ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް، ފަހަތުން އަރައި ކާމިޔާބުކުރީ ރޮބިންސަން ނޫނެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޔައިފްއެވެ. ލިބުނު ލީޑާއިއެކު ޑިފެންސަށް އިސްކަން ދީގެން ކުޅެމުންދިޔަ، ރޮބިންސަން ނޫނުން ވަނީ އެ ނަތީޖާއާއެކު މެޗު ނިންމާލާފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ލީގު ބުރުގެ ތިންވަނަ ރޮބިންސަން ނޫނުން ވަނީ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޮބިންސަން ނޫނުގެ މުޙައްމަދު ޝުހާދެވެ. ލީގު ބުރުގެ ދެވަނަ ހޯދީ 7 ޕޮއިންޓާއިއެކު ސޮނެވާ ޖާނީއެވެ.
ސޮނެވާ ޖާނީ އާއި ރޮބިންސަން ނޫނު ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
