ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕެރެގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕެރަގުއޭ ބަލިކޮށް، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ލިންކަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސް ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު ފަސޭހަކަމާއެކު މޮޅުވާނެ ކަމަށް ބެލެވުނު ފްރާންސަށް، ޕެރަގުއޭގެ ފަރާތުން ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ އިމްތިހާނަކާއެވެ. މެޗުގެ ފެށީއްސުރެ ޕްރާންސުން ބޯޅަ ކޮންޓްރޯލްކޮށްގެން އެޓޭކިން ގޭމެއް ކުޅުނު ނަމަވެސް، ޑިފެންސަށް އިސްކަންދީގެން ކުޅުނު ޕެރެގުއޭގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ޑިފެންސް ވަރުގަދަކޮށް، ކައުންޓަރ އެޓޭކުގައި ފްރާންސްގެ ގޯލަށް ނުރައްކާކުރަން ޕެރެގުއޭ މަސައްކަތްކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފްރާންސުން މެދުނުކެނޑި ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ތެރެއިން ނަތީޖާ ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ މެދުތެރެއިން ފްރާންސަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެރެގުއޭގެ އޭރިއާ ތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެސިރޫ ޑޫއޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފްރާންސަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިލިއަން އެމްބާޕޭއެވެ.

ފްރާންސްގެ މި ލަނޑަށްފަހު ޕެރެގުއޭއިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މެޗުގެ ފަހު މިނެޓުތަކުގައި އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ފްރާންސްގެ ޑިފެންޑަރުންނާއި ކީޕަރު މައިކް މައިނާން ވަނީ ހުޝިޔާރުކަމާއެކު ހުއްޓުވާފައެވެ. މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ޕެރެގުއޭގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ކަށިގަނޑު ފުމެލުމާއެކު ފްރާންސްގެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ އުފާ ފާޅުކުރިއިރު، ކުއާޓާ ފައިނަލްގައި ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މެޗުން ބަލިވި ނަމަވެސް ޕެރެގުއޭގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސަޕޯޓަރުން ވަނީ ބޮޑު ތަރުހީބެއް ދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top