ދިވެހި ފިލްމީ ދާއިރާގައި އެންމެ އުހުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު “ޖަންނަތު”ގެ އާ ޓްރެއިލާއެއް އާންމުކޮށްފިއެވެ. 03 އޯގަސްޓް 2026ގައި ރިލީޒްކުރާ ފިލްމު “ޖަންނަތު”ގެ މި ޓްރެއިލާއިން އެނގިގެންދަނީ މިއީ އާއިލީ ގުޅުންތަކާއި، ލޯތްބާއި، ކެކުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވަރަށް އަސަރުގަދަ ފިލްމެއްކަމެވެ.
“ތިޔަ އިންސާފުވެރި ޢިއްޒަތްތެރި ގާޒީގެ ކުރިފުޅުމަތީ މި އޮތީކީ ހަމައެއްގޮތަކަށްވެސް ކުޑަކުއްޖަކު ބެލުމަކީ ފިރިހެނަކަށްވެސް ކުރެވިދާނެ ކަމެއްތޯ ނިންމުމުގެ މައްސަލައެއް ނޫން. މިއަދު މި ވާހަކަ ދެކެވެނީ ކުޑަކުއްޖެއްގެ މުޅި މުސްތަގްބަލް ވާނުވާނޭނގެ ނުކުޅެދޭ ފިރިހެނަކާ ހަވާލުކުރުމަކީ ހެޔޮވެގެންވާނެ ކަމެއްތޯ ނިންމުމުގެ މައްސަލަ އިނގޭތޯ.” އިސްމާޢީލް ރަޝީދު (ޤާނޫނީ ވަކީލު)
ޓްރެއިލާ ފެށެނީ މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ) އިއްސެ، ވަރަށް ކެރުމާ، ޤާބިލުކަމާއެކު ކޯޓް ކޭސްއެއްގައި ގާޒީގެ ކުރިފުޅުމަތީގައި ހުރެގެން އޭނާ ވަކާލާތުކުރާ ކޮޅަށް ވާހަކަދައްކައި ހެކިތައް ހުށައަޅަމުންދާ އަޑާއި މަންޒަރެވެ. ކޯޓުގެ ގާޒީއަކަށް އިންނަވަނީ ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ) އެވެ.
ކޯޓުގައި ވާހަކަދެކެވެމުންދާ ކުޑަކުއްޖާ، އޭނާގެ ކާފަކަމަށް ބެލެވޭ އަޙްމަދު އަފްރާހް އާއެކު މަގުމަތިންދާ މަންޒަރެއްގެ ފަހުން އަނެއްކާވެސް ފެނިގެންދަނީ ކޯޓުމަރުހަލާގެ މަންޒަރެކެވެ.
“ކުއްޖާގެ ހައްގުތައް އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭނީ، އެކުއްޖާގެ ބެލުން، އެކުއްޖާދެކެ އިންތިހާއަށް ލޯބިވާ، މާމައާ ހަވާލުކުރުމަށްވުރެ، ގިނަ ފަހަރަށް ވާނުވާ ނޭނގޭ ނުކުޅެދޭ ބައްޕަޔާ ހަވާލުކުރުންތޯ ނިންމުމުގެ ޚައްޞާސް މައްސަލަ އިނގޭތޯ. ޝުކުރިއްޔާ ޢިއްޒަތްތެރި ގާޒީ.” އިސްމާޢީލް ރަޝީދު (ޤާނޫނީ ވަކީލު)
އަނެއްކާވެސް އިވެނީ ވަކީލު އިސްމާޢީލް ރަޝީދުގެ ވަރުގަދަ ވަކާލާތުކުރުމުގެ ބަސްތަކެކެވެ. މި ޖުމްލަތައް އިވޭއިރު، މައްސަލައިގެ އަނެއްކޮޅުން ވަކާލާތުކުރާ ވަކީލު ޢާއިޝަތު ޔާދާގެ މަންޒަރެއް ފެނިގެންދެއެވެ. އިއްމާޢީލް ރަޝީދުގެ ޖުމްލަތަކާއެކު ޔާދާގެ މޫނަަށް އަރާ ފައިބާ ކުލަވަރުން، މި ދެވަކީލުންގެ ދެމެދުގައިވެސް ކޮންމެވެސް ޒާތީ ގުޅުމެއް އޮންނަކަން ކަމަށް ބެލެވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ބައްޕައެއްގެ ވާހަކަތައް ދައްކާއިރު، މި ފިލްމުގައި ވަަރަށް އާދަޔާޚިލާފު ނުކުޅެދުންތެރިކަމެއް ހުންނަ ފިލްމުގެ ލީޑް ޝަރަފްގެ ކެރެކްޓަރުގައި ދައްކަން ޖެހޭ ނުކުޅެދުންތެރިކަން ވަރަށް ހުނަރާއެކު ދައްކާލާ މަންޒަރެއް ފެނިގެންދެއެވެ.
ކޯޓުގެ މައްސަލަ އެމީހަކަށް ރައްދުވާ ތުއްތު ކުއްޖާ ވަރަށް ބޮޑަށް ހިތުގައި ޖެހި، ގިސްލަމުންދާ އަސަރުގަދަ މަންޒަރެއް އޭގެ ފަހުން ފެނިގެންދެއެވެ.
ފިލްމު “ޖަންނަތު”ގެ އާއްމުކޮށްފައިވާ މި ޓްރެއިލާއާއި ރަސްމީ ޕޯސްޓަރުން އެނގިގެންދަނީ މިއީ ދިވެހީންގެ ހިތްތަކާ ކުޅެލާނެ ފަދަ ޖަޒުބާތީ ވާހަކައެއް ގެނެސްދޭނެ އަސަރުން ފުރިފައިވާނެ ފިލްމެއްކެމެވެ.
“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، މުޙައްމަދު ރަޝީދު (ދަރާ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޔާދާ، އަފްރާހް އަދި އަންޖީއެވެ.
ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްކޯށްފައިވާ ފިލްމު “ޖަންނަތު” ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް އެވެ. މި ފިލްމު ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ.
