މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަކާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވަނީ ބިންހެލުން ކުރިއާލާ ނުލަފާކުރެވޭނެ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތެއް ކަމަށެވެ.
ސޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ބުނެފައިވަނީ، އިންޑިއާ ކަނޑުގެ ޓެކްޓޯނިކް ޕްލޭޓެއް ކަމަށްވާ “ކާލްސްބާގް ރިޖް” އަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަންނާނެ ކަމަށާއި، އޭގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއަށް ކުރާނެ ކަމަށެވެ.
ނަމަވެސް، މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައިންޓިފިކް ގޮތުން ބަލާއިރު ބިންހެލުމެއް އަންނާނެ ވަގުތެއް ނުވަތަ ދުވަހެއް އަދި އެ ނޫންވެސް ތަފުސީލެއް ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، އެ އިދާރާއިން ދަނީ ބިންހެލުންތަކާ ގުޅޭ މައުލޫމާތުތައް މެދުނުކެނޑި މޮނިޓަރ ކުރަމުންނެވެ. އަދި ރާއްޖެއަށް އަސަރުކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފައެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފަތުރާ މިފަދަ ދޮގު ޚަބަރުތަކަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
މި ޚަބަރުތަކުގައި ބަޔާންކޮށްފައިވާ “ކާލްސްބާގް ރިޖް” އަކީ މާލެއާ ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ، ދޭތެރެއަކުން ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑުކުރެވިފައިވަނީ 2003 ވަނަ އަހަރުގެ ޖުލައި 15 ގައެވެ. އެއީ 7.6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
އާންމުގޮތެއްގައި ބިންހެލުން އުފެދެނީ ބިމުގެ އަޑީގައިވާ ދެ ޓެކްޓޯނިކް ޕްލޭޓް އެކަތި އަނެކައްޗާ ކައިރިވެ ނުވަތަ ކޭތޭ ވަގުތު އުފެދޭ ހަކަތަ ބޭރުވުމުގެ ސަބަބުންނެވެ. މީގެ 21 އަހަރު ކުރިން، 2004 ޑިސެމްބަރު 26 ގައި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަކީ އިންޑިއާ ކަނޑަށް އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ދިމާވި ހާދިސާއެކެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ރެކޯޑުކުރެވުނު ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ.
