ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގައި މިވަގުތު އޮތް އެންމެ ދުވަސްވީ އާސާރީ ފޮތަކީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ތަރުޖަމާކުރައްވައި، އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ “އައްސީރަތުއް ނަބަވިއްޔާ” (ކީރިތި ރަސޫލާގެ ސިޔަރަތު) ކަމަށް އެ ކުތުބުޚާނާއިން ހާމަކޮށްފިއެވެ.
ޤައުމީ ކުތުބުޚާނާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ތާރީޚީ ފޮތަކީ ހިޖުރައިން 1356 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތެކެވެ.
މި ޕޯސްޓްގައި ފޮތުގެ ބަނޑޭރިގަނޑުގެ ފޮޓޯއެއް ފެންނަގޮތަށް ހަދާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ “ކޮންމެ ފޮތަކީ ހަމައެކަނި ލިޔެވިފައިވާ ބަސްތަކެއް ނޫނެވެ. އެއީ ތާރީޚާއި އިލްމުގެ ތެރެއިން މުހިންމު ޞަފުހާއެއް ރައްކާތެރިކޮށްދޭ އަމާނާތެކެވެ.” މިހެންނެވެ.

ޤައުމީ ކުތުބުޚާނާއިން އާއްމުކޮށްފައިވާ ފޮޓޯއެއް
ކީރިތި ރަސޫލާގެ ސިޔަރަތު ފޮތުގެ އަސްލު ނަމަކީ “އައްސީރަތުއް ނަބަވިއްޔާ އަލްމުތަރުޖަމަތި ބިއްލުޣަތިލް މަހަލްދީބިއްޔާ” އެވެ.
މިއީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (ދަރަވަންދޫގޭ ޙުސައިން ދީދީ)ގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ “السيرة النبوية” (ކީރިތި ރަސޫލާގެ ސިޔަރަތު) އެވެ. މި ތާރީޚީ ފޮތަކީ ހިޖުރައިން 1364 (މީލާދީން 1945) ވަނަ އަހަރު އެމަނިކުފާނު ދައުލަތުގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވި އަގުހުރި އިލްމީ ޚަޒާނާއެކެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ފޮތުގެ މުޤައްދިމާއިން ސަފުހާއެއް ވަނީ ވަކިވެ ބުރިބުރިވެފައެވެ. ޖުމްލަ ހަ ބަޔަކަށް ބައްސަވާލައްވައިގެން އެކުލަވާލައްވާފައިވާ މި ފޮތަކީ ދިވެހި އަދަބިއްޔާތާއި ދީނީ ތާރީޚުގައި ނުހަނު މުހިންމު މަސައްކަތްޕުޅެކެވެ.
މި ފޮތް ތަސްނީފުކުރައްވަން (ލިޔުއްވަން) ފަށްޓަވާފައިވަނީ ހިޖުރީގޮތުން 19 ޛުލްޤަޢިދާ 1347 (29 އޭޕްރީލް 1929) ގައެވެ. އަދި މި މަސައްކަތްޕުޅު އެއްކޮށް ނިންމަވައިލެއްވީ 2 ޞަފަރު 1354 ވީ ހޯމަވިލޭރޭގައެވެ. އެއީ މީލާދީ ސަނަތުން 6 މެއި 1935 އެވެ.
ފޮތުގެ ފަސްވަނަ ބައިގެ 218 ވަނަ ޞަފުޙާއިން ފެށިގެން އެ ބައިގެ ނިޔަލަށް ލިޔުއްވާފައިވަނީ ހިމިތީ އިސްމާޢީލް ކަލޭގެފާނުގެ ދަރިކަލުން މުޙައްމަދު ކަލޭގެފާނެވެ. ފޮތުގެ ބާކީ ހުރި އެހެނިހެން ހުރިހާ ބައިތަކެއް ލިޔުއްވާފައިވަނީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އަމިއްލަފުޅު އަތްޕުޅުންނެވެ.
ޝައިޚް ޙުސައިން ޞަލާޙުއްދީން އެކުލަވައިލެއްވި “ކީރިތި ރަސޫލާގެ ސިޔަރަތު” ޗާޕުކުރެވިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ޖުމުލަ 1654 ޞަފުޙާ ހިމެނޭ މި ފޮތް ޗާޕުކުރީ ހިޖުރައިން 1356 (މީލާދީން 1946) ވަނަ އަހަރު، ދިވެހި ދައުލަތުގެ ޚަރަދުގައި އިންޑިއާގެ ކަލްކަތާގައެވެ. އެ ފަހަރު މި ފޮތް ޗާޕުކޮށްގެން ގެނެސް، ރާއްޖޭގެ ކޮންމެ ރަށަކަށް ދެ ފޮތުގެ މަގުން ބެއްސެވުމުގެ އިތުރުން، މާލޭގެ އިސްވެރިންނަށާއި އިއްޒަތްތެރިންނަށް ވެސް މި ފޮތް ހަދިޔާކުރެއްވިއެވެ.
