ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓީސީ ކައިރިން އުނދަގޫ މޮޅެއް ހޯދައި އޮޑި އެއްވަނައަށް
ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން މޮޅުވެ އޮޑި ސްޕޯރޓްސް ކުލަބް ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ކުޅެވުނު މި މެޗުގައި ބައްދަލުކުރީ އޮޑި ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބެވެ. ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އެއްވަރުވެ ދެވަނަ މެޗުން މޮޅުވެފައިވާ އޮޑި އާއި ވާދަކުރި ޓީސީ ވަނީ ކުޅުނު ދެ މެޗުން ވެސް ތަފާތު ބޮޑު ބައްޔަކުން ބަލިވެފައެވެ.

މެޗު ފެށުމާއިއެކު ލަނޑެއް ޖެހުމުގެ މަސައްކަތް އޮޑިން ފެށިއެވެ. އެޓޭކަށް ބޮޑު އިސްކަމެއްދީ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސް ކުރިއެވެ. ކުރިން ދެ މެޗުގައި ބޮޑު ތަފާތަކުން ބަލިވި ޓީސީގެ ފަހަތް މި މެޗުގައި ފެނުނީ އެހެން މެޗުތަކަށްވުރެ ރަނގަޅުކޮށެވެ. އޮޑިން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ޓީސީން ވަނީ ކާމިޔާބު ހޯދާފައެވެ.

މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޮޑިއަށް ލިބުނު ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ނަމަވެސް، ކައުންޓާރ އެޓޭކްގައި ޓީސީން ވަނީ ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ. ރަނގަޅު ދެ ފުރުސަތެއް ވެސް އެ ޓީމުން ފަހިކުރިއެވެ.

އޮޑިން ފޮނުވާލި ހަމަލާއެއް ޓީސީގެ ގޯލުގެ މަތީދަނޑިއަށް އަމާޒުވިއިރު، އޮޑިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ޓީސީގެ ކީޕަރުގެ ހިއްސާ ވެސް ބޮޑެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އޮޑިއެވެ. ފުރަތަމަ ހާފުގައި ދެއްކި ރަތް ކާޑާއި ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސްކުރީ އެ ޓީމުންނެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އޮޑިން ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.

63 ވަނަ މިނިޓްގައި އޮޑީގެ ކެޕްޓަން އަހްޒަމް ރަޝީދަށް ޓީސީގެ އޭރިޔާތެރެއިން އެ ޓީމުގެ ކީޕަރު ކުރި ފައުލާއި ގުޅިގެން އޮޑިއަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ވެސް އޭނާއެވެ.

އޮޑިން ލަނޑު ޖެހިފަހުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިފައެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަތް ޕޮއިންޓް ހަމަކޮށް އޮޑި ވަނީ ލީގު ބުރުގެ އެއްވަނައަށް ޖެހިލާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުން އޮޑި މޮޅުކޮށްދިން ލަނޑު ޖަހައިދިން އަހްޒަމް ރަޝީދެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް އާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top