ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވޭތުވެދިޔަ 23 އަހަރު ރޮނާލްޑޯގެ ކެރިއަރު ދުއްވާލަން އުޅުނު ފާޑުކިޔުންތެރިންނަށް ވަރުގަދަ ރައްދެއް
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން، ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ (7) ބޯޅަ ކޮންޓްރޯލް ކުރަނީ. - އޭއެފްޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ އާދިއްތަ ދުވަހު ވޯލްޑް ކަޕްގައި ވާހަކަދައްކަމުން، ކުރިން އޭނާ ހުރި ފެންވަރުގައި މިހާރު ނެތް ކަމަށް އެއްބަސްވެއްޖެއެވެ. ނަމަވެސް، ވޭތުވެދިޔަ 23 އަހަރު ދުވަހު އޭނާގެ ކެރިއަރު “ދުއްވާލަން” ނުވަތަ ހަލާކުކޮށްލަން މަސައްކަތްކުރި ފާޑުކިޔުންތެރިންނާ ދެކޮޅަށް އޭނާ ވަނީ ވަރުގަދަ ރޫހެއްގައި ކުރިމަތިލާފައެވެ.

އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ މި މާސިންގާ ތަރި، އޭނާގެ ފަހު ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެންދިޔައީ ވަރަށް ޖޯޝުން ފުރިގެންވާ، އަދި އެހާމެ ހިތްހަމަޖެހިފައި ހުރި މީހެއްގެ ގޮތުގައެވެ.

ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ، ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ތަރި، ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރާނެ ތާރީޚެއް ހާމަކުރުމަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުންނާއި ފަހަކަށް އައިސް އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ، “އަހަރެން ކުރިން ހުރި ފެންވަރުގައި މިހާރު ނެތް ކަމަށް ގަބޫލުކުރަން،” ކަމަށެވެ.

އެހެންނަމަވެސް، އޭނާގެ ކުޅުން “އެހާ ގޯސް ނޫން” ކަމަށް ބުނެ، މިފަހަރުގެ މުބާރާތުގައި އޭނާ ޖަހާފައިވާ ތިން ލަނޑަށް އިޝާރާތް ކުރިއެވެ. އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރަން ކެތްމަދުވެފައި ތިބި ނޫސްވެރިންނަށް އޭނާ ބުނީ، “އުމުރުން 18 އަހަރުން ފެށިގެން ކަންތައް ހުރީ މިހެން، މިއަކަށް ބަދަލެއް ނާންނާނެ،” ކަމަށެވެ.

“އަހަރެން އަބަދުވެސް ހަށިގަނޑާއި ފުރާނައިން މަސައްކަތް ކުރަނީ ގައުމީ ޓީމުގެ ލަނޑުދަނޑިތައް ހާސިލްކޮށްދޭން. ކުޅުނަސް ނުކުޅުނަސް، އަހަރެންގެ ދައުރެއް އަބަދުވެސް އޮންނާނެ. އަހަރެން ކުރިންވެސް ބުނި ފަދައިން، ކުޅުން ހުއްޓާލާނީ އަހަރެން އަމިއްލައަށް ބޭނުންވީމަ، ތިޔަބޭފުޅުން ބޭނުންވީމައެއް ނޫން. ތިޔަބޭފުޅުން އަބަދުވެސް ތިޔަ ކުރަނީ އެއް ސުވާލެއް،” ރޮނާލްޑޯ ބުންޏެވެ.

“ވަގުތު ބޭކާރު ކުރުން”

ރޮނާލްޑޯ ބުނި ގޮތުގައި މިއީ އޭނާގެ ކެރިއަރުގައި އެންމެ އުފާވެރިކަމާއެކު ހޭދަކުރަމުންދާ ވޯލްޑް ކަޕެވެ. އެއީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ކުރެވޭ ތަފާތު އިހުސާސްތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ބައިނަލްއަގުވާމީ މުސްތަގުބަލާ ބެހޭގޮތުން އަލުން ސުވާލުކުރުމުން އޭނާ ރައްދުދިނީ ވަރަށް ސާދާކޮށެވެ. “ވޭތުވެދިޔަ 23 އަހަރު ތިޔަބޭފުޅުން މަސައްކަތް ކުރަމުން ތިޔަދަނީ އަހަރެންގެ ކެރިއަރު ދުއްވާލަން. ނަމަވެސް އެއީ ބޭކާރު ކަމެއްކަން މިހާރު ތިޔަބޭފުޅުންނަށް އެނގެންވާނެ. އެއީ ހަމަ ވަގުތު ބޭކާރުކުރުން. އެކަމަކު އަދިވެސް ތިޔަބޭފުޅުން ތިޔަ މަސައްކަތް ހުއްޓައެއް ނުލާ،” ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮތް ތަރި ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު ނުކުމެގެން ދިޔައިރު އެތަނުގައި ތިބި މީހުންގެ އަތްތިލަބަޑީގެ އަޑު އިވިގެންދިޔައެވެ. ރޮނާލްޑޯ އިތުރަށް ބުނީ، “ވޯލްޑް ކަޕް ކާމިޔާބުވުމަކުން ނުވަތަ ނުވުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަންނާނެ ބަދަލެއް ނެތް،” ކަމަށެވެ.

“އުމުރުން ދުވަސްވުމުން ކަންކަމާ މެދު ވިސްނާ ގޮތް އިތުރަށް ފައްކާވެ، ތަޖުރިބާ ލިބޭ. އުމުރުން 40 އަހަރު ފުރުނު ފަހުން އަހަންނަށް އަމާޒުވާ ފާޑުކިޔުންތަކަށް އަހަރެން ޝުކުރުވެރިވަން. ފާޑުކިޔުންތަކުގެ ސަބަބުން މީހާ އިތުރަށް ކުރިއަރާނެ،” އޭނާ ބުންޏެވެ.

ރޮނާލްޑޯ ވަނީ ވަކި ނޫސްވެރިއަކަށް އިޝާރާތްކޮށް، ސުވާލެއް ކުރުމަށް ގޮންޖަހާފައެވެ. އެއީ އެ ނޫސްވެރިއަކީ އޭނާދެކެ “ލޯބިނުވާ” މީހެއްކަން އެނގޭތީއެވެ. “އަހަރެން މީހުންގެ މޫނުމަތި ވަރަށް ރަނގަޅަށް ހަނދާން ހުރޭ،” ހިނިތުންވުމާއެކު އޭނާ ބުންޏެވެ.

“އަހަރެން ތެދަށް ބުނާނަން: މާދަމާ ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް، ކްރިސްޓިއާނޯ ރޮނާލްޑޯ ހުންނާނީ ވަރަށް ހިތްހަމަޖެހިގެން. 100 އިންސައްތައެއް ނޫން، 1000 އިންސައްތަ ހިތްހަމަޖެހުމާއެކު. އެއީ ދިރިއުޅުމުގައާއި ފުޓްބޯޅައިގައި އަހަރެންގެ ހުރިހާ ހަކަތައެއް ގައުމަށްޓަކައި ދީފައިވާތީ،” ރޮނާލްޑޯ ބުންޏެވެ.

އޭނާގެ ދެވަނަ ގޭގެ ގޮތުގައި ދެކޭ ސްޕެއިނާ ދެކޮޅަށް ޓެކްސަސްގައި ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، އެއީ ވަރަށް އުނދަގޫ ކުރިމަތިލުމަކަށް ވާނެ ކަމަށެވެ.

“އަހަރެމެން ބޭނުންވަނީ އިތުބާރާއި، ހިތްވަރާއެކު ދުވެ، ކެރިގެން ކުރިމަތިލާން،” އޭނާ ވާހަކަ ނިންމާލަމުން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top