ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ސްޓެލްކޯއާއި އެމްޕީއެލް ތިންވަނަ މެޗުން މޮޅުވެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 21 ވަނަ މެޗު ކާމިޔާބުކޮށް، ގުރޫޕް އޭގެ އެއްވަނައަށް ސްޓެލްކޯ ޖެހިލިތާ މާގިނައިރެއް ނުވެ، 22 ވަނަ މެޗު ކާމިޔާބުކޮށް، ފައިދާ ލަނޑުގެ ތަފާތުން އެމްޕީއެލް ގުރޫޕްގެ އެއްވަނަ ހޯދައިފިއެވެ. ރޭ ކުޅެވުނު މި ދެ މެޗުން ހޯދި ކާމިޔާބާއިއެކު މި ދެ ޓީމު ވަނީ ގުރޫޕް އޭއިން ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 21

އެކާވީސް ވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނައަށް ވާދަކުރަމުންދާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ކުލަބް ޓީޓީއެސްއެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ސްޓެލްކޯއަށް ހަތަރު ޕޮއިންޓް އަދި ޓީޓީއެސްއަށް ތިން ޕޮއިންޓް ލިބިފައިވެއެވެ. މި މެޗުން މޮޅުވެގެން ގުރޫޕްގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ.

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ މިނިޓްގައި ސްޓެލްކޯއިން ވަނީ ލީޑު ނަގާފައެވެ. 8 ވަނަ މިނިޓްގައި ޓީޓީއެސްއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓެލްކޯއިން އިތުރު ދެ ލަނޑު އަދި ޓީޓީއެސްއިން އެއް ލަނޑު ޖެހިއެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފު ވެސް ލީޑުކުރީ ސްޓެލްކޯއެވެ. 8-5 އިން މޮޅުވެ ގުރޫޕް އޭގެ އެއްވަނައަށް ސްޓެލްކޯ ޖެހިލި މި މެޗުގައި ސްޓެލްކޯއަށް ލަނޑުތައް ޖަހައިދިނީ، މުޙައްމަދު ވިލްފު 2 ލަނޑު، އިބްރާހިމް ރިމާހް 3 ލަނޑު، ޝުއައިދު ސައީދު އާއި އަޙްމަދު ނައުފަލް އަދި މުޙައްމަދު ސިރުހާން، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. މި މެޗުގައި ޓީޓީއެސްއަށް ލަނޑުތައް ޖަހައިދިނީ ސައްޖާދު އަޑެލިޕޯރ 2 ލަނޑު، އަޙްމަދު މާއިން، ހުސައިން އަފްސަލް، ޔޫނުސް ރައްޔާނު، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ހެޓްރިކް ހެދި، ސްޓެލްކޯގެ އިބްރާހީމް ރިމާހްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ރިމާހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 22

ބާވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕްގެ އެއްވަނަ ހިއްސާކުރަމުންދިޔަ އެމްޕީއެލް އާއި ޕޮލިސް ކުލަބެވެ. ގުރޫޕްގެ އެއްވަނަ ދިފާއުކުރުމަށްޓަކައި މޮޅެއް މުހިންމުވެފައި އޮތް އެމްޕީއެލް އުންމީދާއިއެކު މި މެޗަށް ނުކުތްއިރު، ކުއާޓާރ ފައިނަލަށް ދިއުމަށްޓަކައި މި މެޗުން މޮޅުވުން ޕޮލިހަށް އޮތީ މަޖުބޫރުވެފައެވެ.

ދެ ޓީމަށް ވެސް މޮޅެއް މުހިންމުވި މި މެޗު ފަށައިގެން މިނިޓެއް ނުވަނީސް ޢަލީ ޝަމާލް ވަނީ އެމްޕީއެލްއަށް ލީޑު ނަގައިދީފައެވެ. ޝާހިން ޢަބްދުﷲ ޕޮލިހަށް ނަތީޖާ ހަމަހަމަކޮށް ދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިބްރާހިމް ވަހީދު ދެވަނަ ފަހަރަށް އެމްޕީއެލްއަށް ލީޑު ނަގައިދިނެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ މުޙައްމަދު ޝަހާއު އާއި ނަސާހް އަޙްމަދު އެމްޕީއެލްގެ ލީޑު ފުޅާކޮށްދިނެވެ. އަދި ހަސަން ޔޫން ދެ ލަނޑު ޖެހިއިރު، އިބްރާހީމް އަތީގު ވެސް އެމްޕީއެލްއަށް ލަނޑެއް ޖަހައިދިނެވެ. 7-3 އިން އެމްޕީއެލް މޮޅުވެ އަލުން ގުރޫޕްގެ އެއްވަނައަށް ޖެހިލި މި މެޗުގައި ޕޮލިސް ކުލަބުގެ ފަހު ދެ ލަނޑު ޖެހީ އަޙްމަދު ލޫތު އާއި ތޯއިފް އަބްދުލް މަޖީދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޢަލީ ޝަމާލްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top