ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތުޅާދޫ އާއި އޭދަފުށި ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ބ. އަތޮޅު މުބާރާތުގެ ފައިނަލަށް ތުޅާދޫ އާއި އޭދަފުށި ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު މިއަދާއި މިރޭ ކުޅެފައިވާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރީ ތުޅާދޫ އާއި ގޮއިދޫ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އޭދަފުށްޓާއި ދޮންފަނެވެ.

މިއަދު ހަވީރު ތުޅާދޫ އާއި ގޮއިދޫ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ތުޅާދޫ އެވެ. ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ތުޅާދޫން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ގޮއިދޫން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ތުޅާދޫންނެވެ. އެ ޓީމުން އުފައްދަން މަސައްކަތްކުރި ހަމަލާތައް ހުއްޓުވައި ގޮއިދޫން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ތުޅާދޫގެ ގޯލަށް އަމާޒުކޮށްލެވޭތޯ މަސައްކަތްކޮށްފައެވެ. މި މެޗުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގޮއިދޫއަށެވެ. އެ ޓީމުގެ ކުޅުންތެރިއަކު ހުސްކޮށް ކުރިއަށް އަރައި ފޮނުވާލި ބޯޅަ ތުޅާދޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ތުޅާދޫންނެވެ. މެޗުގެ ހަވަނަ މިނިޓްގައި ތުޅާދޫއަށް މި ލަނޑު ޖަހައިދިނީ އާދިލް އަބްދުއްރަހުމާންއެވެ. އީމާން އާދިލްއަށް ޖައްސާލި ބޯޅަ އާދިލް ގޯލުގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް ގޯލު ކުރިމަތީ ހުރެއެވެ. ނަތީޖާ ހަމަހަމަކުރުމަށް ގޮއިދޫން މަސައްކަތްކުރަމުން ދިޔައިރު، ލަނޑު ޖެހުމަށް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މިވެސް ކިޔާލަން:  ކޮވިޑް 19 އަށް ދިވެއްސަކު ފައްސިވެއްޖެ

ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ ތުޅާދޫންނެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު ތުޅާދޫން އެ ޓީމުގެ ލީޑު ފުޅާކުރީ 16 ވަނަ މިނިޓްގަ އެވެ. ތުޅާދޫ ޓީމުގެ އާދިލަށް އެ ޓީމުގެ ހާފުތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލު ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލިއިރު، އެ ޓީމުގެ ހަސަން ނާއިލް ހުރީ ހުސްކޮށެވެ. ނާއިލް ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެތެރެއަށް ވައްދާލާފައެވެ.

ތުޅާދޫން ދެވަނަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ އެ ޓީމުން ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. ޑިފެންސް ކުރުމުގައި ގިނަ މިސްޓޭކްތަކެއް ގޮއިދޫ ޓީމުގެ ފަރާތުން ފެނުނު މި ހާފުގައި ތުޅާދޫން ތިންވަނަ ލަނޑު ވެސް ޖަހާފައިވަނީ ޑިފެންޑަރުންގެ ފަހަތުގައި ކުޅުންތެރިއަކު ހުސްކޮށް ހުރެއެވެ. ގޮއިދޫ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޢަބްދުﷲ، ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ހާޔަން ހަސަން ހުސައިންއެވެ.

މި މެޗުގައި ގޮއިދޫން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ 19 ވަނަ މިނިޓްގައެވެ. ތުޅާދޫ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ތިރިތިރިން ފޮނުވާލި ބާރު ބޯޅައިން މި ލަނޑު ކާމިޔާބުކޮށްދިނީ އޮބައިދާ ކާދިމް އަޙްމަދު އެވެ.

ދެވަނަ ހާފުގައި ގޮއިދޫން ކުޅުން ރަނގަޅުކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ތުޅާދޫން ކުރި މަސައްކަތް އެ ޓީމުން ވަނީ އިތުރުކޮށްފައެވެ. ކައުންޓާރ އެޓޭކްގައި ލަނޑު ޖަހަން މަސައްކަތްކުރި ތުޅާދޫއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތެއް ނުވިއެވެ. ހާފުގެ ފަހުކޮޅު ގޮއިދޫން ވަނީ ކީޕަރާއިއެކު މުޅި ޓީމު ކުރިޔަށް ޖެހި ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ. ގޮއިދޫން އުފެއްދި ގިނަ ހަމަލާތަކެއް ތުޅާދޫގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިވެސް ކިޔާލަން:  އަރި ޒޯންގެ ޗެމްޕިއަންކަން ކޮންރަޑް ހޯދައިފި

ދެވަނަ ހާފުގައި ފެނުނީ އެންމެ ލަނޑެކެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ގޮއިދޫއަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް ކާމިލް އެވެ. ކާމިލް މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ތިން ކުޅުންތެރިއަކު ގުޅިގެން އުފެއްދި ފުރުސަތެއްގައެވެ.

3-2 އިން ތުޅާދޫ މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އާދިލް ޢަބްދުއްރަޙްމާން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދިލް ޢަބްދުއްރަޙްމާން / ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ

އޭދަފުށްޓާއި ދޮންފަނު ބައްދަލުކުރި ސެމީ ފައިނަލް މެޗު 3-1 އިން ކާމިޔާބުކުރީ އޭދަފުށްޓެވެ. މި މެޗުގައި ބައްދަލުކުރި ދޮންފަނަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. އޭދަފުށްޓަކީ ގުރޫޕް އޭގެ ދެވަނަ ޓީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗަކީ ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ އަވަސް ކުޅުމެއް ފެނުނު މެޗެކެވެ. ފުޓްސަލްގެ ތަރިންތަކެއް ހިމެނޭ އޭދަފުށިން މެޗު ފެށިގޮތަށް އެޓޭކް ކުރަން ފެށިއިރު، ދޮންފަނުން މަސައްކަތްކޮށްފައިވަނީ އޭދަފުށީގެ އެޓޭކްތައް ހުއްޓުވައި ކައުންޓާރ އެޓޭކްގައި ލަނޑެއް ޖެހޭތޯއެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލީޑު ނެގީ އޭދަފުށިންނެވެ. ފަސްވަނަ މިނިޓްގައި އޭދަފުއްޓަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއިލް ޝަރީފް އެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ ދޮންފަނުން މަސައްކަތްކުރަމުން ދަނިކޮށް އޭދަފުށްޓަށް ވަނީ ލަނޑު ޖަހާނެ، ވަރަށް ހުސް ދެ ފުރުސަތެއް ލިބި ގެއްލިފައެވެ. އޭގެ ތެރެއިން އެއް ހަމަލާ ގޯލު ދަނޑިއަށް ވެސް އަމާޒުވިއެވެ.

އޭދަފުށީ ކުޅުންތެރިއަކު ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް، ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދޮންފަނު ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މޮހްސެން މޮންތަޒެމީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މިވެސް ކިޔާލަން:  ފައިނަލަށް އެޕޮކަލިޕްސް އާއި ކަންމަތި އެފްސީ ދަތުރުކޮށްފި

ދޮންފަނުން ނަތީޖާ ހަމަހަމަކޮށް މާގިނައިރެއް ނުވެ އޭދަފުށިން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ދޮންފަނުގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހޯދައި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ގޯލު ކައިރިއަށް ޖެހިލައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އިމްތިޝާލް ޢަބްދުއްރަހީމް އެވެ. ހާފުގެ ފަހުކޮޅު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޭދަފުށްޓަށް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އޭދަފުށިންނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދޮންފަނަށް ވެސް ލިބުނު މި ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ފުރުސަތުތަކެއް އޭދަފުށިން ފަހިކުރިއެވެ. އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި ހާފުގެ މެދަކާއި ހަމައަށް ދިޔައިރު، ދެވަނަ ރީނދޫ ކާޑާއިއެކު ދޮންފަނުގެ ބިދޭސީ ކުޅުންތެރިޔާ މޮހްސެންއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ޓީމު ލީޑު ކުރުމުގައި އިސްދައުރެއް އަދާކުރަމުންދިޔަ މޮހްސެން ބޭލުމާއިއެކު ދޮންފަނު ޓީމަށް ވަނީ އެކަމުގެ އަސަރުކޮށްފައެވެ. އޭދަފުށިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ސައްޓު މި ލަނޑު ޖަހާފައިވަނީ ފާއްޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

3-1 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އޭދަފުށިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

އޭދަފުށްޓާއި ތުޅާދޫ ބައްދަލުކުރާ ފައިނަލް މެޗު، ކުޅުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top