ފްލޯ ފިކްސް ހަންޏާސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ކުރައުޑް ބަލިކޮށް ނެކްސަސް ހޯދައިފި އެވެ. ވޭތުވެދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް މިޑްލް ކުރައުޑް ބަލިކޮށް ޗެމްޕިއަންކަން ހޯދި ނެކްސަސް އެވެ.
އއ. އަދި އދ.ގެ ރަށްތަކަށް އަމާޒުކޮށްގެން އދ. ހަންޏާމީދޫގައި ބާއްވާ، މި މުބާރާތުގައި މިއަހަރު ހަތަރު ރަށުން ހަތް ޓީމު ބައިވެރިވިއެވެ.
ގުރޫޕް ސްޓޭޖާއި ސެމީ ފައިނަލް ހިމެނޭހެން، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރި މި ދެ ޓީމުގެ ކުރިމަތިލުން ވާދަވެރި ފޯރިގަދަ ކުރިމަތިލުމަކަށް ވާނެކަމަށް ބެލެވުނު ނަމަވެސް، ފެނުނީ ތަފާތު މަންޒަރެކެވެ.
ރަށު ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއިއެކު އަމިއްލަ ދަނޑުގައި މެޗު ފެށި ނެކްސަސްއިން މެޗުގެ ދެވަނަ މިނިޓްގައި ލީޑު ނެގި އެވެ. ނެކްސަސްއަށް މި ލަނޑު ޖަހައިދިން އިބްރާހިމް ރިމާހް ފަސްވަނަ މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާވެސް ކޮށްދިނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި މިޑްލް ކުރައުޑްގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރި ނެކްސަސްގެ ކީޕަރު މުޙައްމަދު އަހްޒަމް ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. ނެކްސަސްގެ ތިންވަނަ ލަނޑު ހާފުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ މިފްޒާލް އަބްދުލް ހަސީބު އެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ނެކްސަސްގެ މޮޅު ކުޅުމެވެ. އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސްގެ އަސްލު ފެންވަރު ދައްކާލި މި ހާފުގައި އެ ޓީމުން އިތުރު ފަސް ލަނޑު ޖެހި އެވެ. ހާފުގެ ކުރީކޮޅު ނެކްސަސްގެ ހަތަރުވަނަ ލަނޑު ޝަނާން ރަޝާދު ޖަހައިދިންއިރު 25 ވަނަ މިނިޓްގައި މިފްޒާލް އަބްދުލް ހަސީބު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްގައި ހުރި ޝަނާން ރަޝާދު، އޭނާ މުބާރާތުގައި ޖަހާފައިވާ ލަނޑުގެ އަދަދު 10 އަށް ބަދަލުކޮށްލީ 29 ވަނަ މިނިޓްގަ އެވެ. ކޮންމެ މެޗެއްގައި މޮޅު ކުޅުމެއް ދައްކަމުން އައި އިބްރާހިމް ރިމާހް 36 ވަނަ މިނިޓްގައި ހެޓްރިކް ފުރިހަމަކުރިއިރު، މެޗުގެ ފަހު މިނިޓްގައި ހުސައިން އާނިމް ނެކްސަސްގެ އަށްވަނަ ލަނޑު ޖެހި އެވެ.
8-0 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ނެކްސަސް ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އިބްރާހިމް ރިމާހް އެވެ. މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ނެކްސަސްގެ ޝަނާން ރަޝާދު އެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިއަކީ ނެކްސަސްގެ މިފްޒާލް އަބްދުލް ހަސީބު އެވެ. މުބާރާތުގެ ބެސްޓް ސަޕޯޓާސް ޓީމަކީ ނެކްސަސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ނެކްސަސްގެ އިބްރާހިމް ރިމާހް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނެކްސަސްގެ ޝަނާން ރަޝާދު، ނެކްސަސްގެ އިބްރާހިމް ރިމާހް، މިޑްލް ކުރައުޑްގެ އިސްމާއިލް މަހްފޫޒް، ނެކްސަސްގެ އަހްނަފް ޒާހިރު އަދި ނެކްސަސްގެ މުޙައްމަދު އަހްޒަމް އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ވަނީ އަންނަ އަހަރު ކުލަބް މޯލްޑިވްސްއިން ބާއްވާ ކިންގްސް ކަޕްގެ ދެ ޖާގަ ލިބިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން އއ. އަދި އދ.ގެ ރިސޯޓްތަކަށް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
