ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ކ. އަތޮޅުގެ ތިންވަނަ މެޗާއި ހަތަރުވަނަ މެޗު އެއްވަރުވެ ފައިދާ ލަނޑުގެ ތަފާތުން ގާފަރު އެއްވަނައިގައި ހަމަޖެހިލައިފި އެވެ. އިއްޔެއާއި ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 3
އިއްޔެ ހަވީރު ކުޅެވުނު މެޗަކީ މި އަތޮޅުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ހިންމަފުށްޓާއި މާފުށްޓެވެ. މިއީ މުބާރާތުގައި މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ހިންމަފުށި ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައިވާއިރު، މާފުށި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ތަފާތު ބޮޑުކޮށް ބަލިވެފައެވެ.
އިއްޔެގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މާފުށިންނެވެ. ހާފުގެ ކުރީކޮޅު ލިބުނު ބައެއް ފުރުސަތުތައް މިސްވި ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެ ޓީމުންނެވެ. 4 ވަނަ މިނިޓްގައި މާފުށްޓަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް މުބީން އަޙްމަދު ރަޝީދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މާފުށީ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅައެއް ހިންމަފުށީ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނު މާފުށިން ވަނީ 13 ވަނަ މިނިޓްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަކްރޯވް އުމަރުޖަނޯވްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުންނެވެ.
މާފުށިން ދެވަނަ ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ހިންމަފުށިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ހިންމަފުށްޓަށް މި ލަނޑު ޖަހައިދިނީ ހުސައިން ޝިޔާންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާގެ އަރިމަތިން ބޯޅަ ހިފައިގެން ކުރިޔަށް އަރައި ކީޕަރާއި ދަނޑިއާ ދޭތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. މި ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން ހިންމަފުށްޓަށް ވަނީ ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މި ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް ދެ ޓީމަށް ވަނީ ލިބިފައެވެ. މި ހާފުގައި ލަނޑު ޖަހަން ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފައި ހިންމަފުށިން ނަތީޖާ ހަމަހަމަކުރިއެވެ. ހާފުގެ ފަހުކޮޅު ހިންމަފުށްޓަށް މި ލަނޑު ޖަހައިދިނީ އަޙްމަދު މީޝާންއެވެ. މި ލަނޑަށްފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.
ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ހިންމަފުށިން ހޯދި ޕޮއިންޓާއިއެކު، ހަތަރު ޕޮއިންޓް ހަމަކޮށް އެއްވަނައަށް ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީ ޓީމުގެ އިބްރާހިމް މުބީން އަޙްމަދު ރަޝީދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މުބީން އަޙްމަދު ރަޝީދު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
މެޗު 4
މިރޭ ކުޅެވުނު މެޗަކީ މި އަތޮޅުގެ ހަތަރުވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ގާފަރާއި ގުރައިދޫއެވެ. ގާފަރު ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވި ނަމަވެސް، ގުރައިދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެއްގެ ގޮތުގައި ފެނުނު މި މެޗުގައި ގުރައިދޫން ވަނީ އާދަޔާ ޚިލާފު ހިތްވަރެއްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގުރައިދޫންނެވެ. ފުޓްސަލް ތަރިން ގިނަ ގާފަރުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވައި ލަނޑު ޖެހުމަށް މަސައްކަތްކުރި ގުރައިދޫން ވަނީ މެޗުގެ 9 ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިޝްއާފް މުޙައްމަދު ފިރާގެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގާފަރު ހާފުތެރެއިން ލިބުނު ބޯޅައެއް އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ޖައްސާލުމަށްފަހު އޭރިޔާ ކުރިމައްޗަށް ހުސްވެ ދެވަނަ ފަހަރަށް އެ ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސިހުން ލިބުނު މި ލަނޑާއިއެކު ގާފަރުން ވަނީ ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް އިތުރު ކޮށްފައެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ގާފަރަށް ނުހިފި، ހާފު ނިމުމާއި ހަމައަށް ދިޔައިރު، ހާފުގެ ފަހުކޮޅު ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގުރައިދޫއަށެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ގާފަރުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެފައެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް ގާފަރުން ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅުމުގައި ގުރައިދޫން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަން ދިން ނަމަވެސް ލަނޑު ޖެހުމަށް ވެސް ގުރައިދޫން މަސައްކަތްކުރިއެވެ.
ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފެއްދި ގާފަރުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޒްޔާން އިބްރާހިމްއެވެ. މި މެޗުން ލިބުނު ޕޮއިންޓާއިއެކު ހިންމަފުށްޓާއި ގާފަރަށް ހަތަރު ޕޮއިންޓް ހަމަވެ ގާފަރަށް އަނެއްކާ ވެސް އެއްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.
