ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު މެޗުން މޮޅުވި ބީއެމްއެލް އާއެކު ފަހު މެޗުން ބަލިވި އެމްއޭސީއެލް ކުއާޓާރ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 23 ވަނަ މެޗު ކާމިޔާބުކޮށް، ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ބީއެމްއެލް ކުއާޓާރ ފައިނަލަށް ދިޔައިރު، 24 ވަނަ މެޗުން ބަލިވި އެމްއޭސީއެލް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެންމެ ވާދަވެރި ގުރޫޕްގެ ގޮތުގައި ގުރޫޕް ސްޓޭޖްގެ މެޗުތައް ނިންމާލި މި ގުރޫޕުން ކުއާޓާރ ފައިނަލަށް ދަތުރުކުރި ބީއެމްއެލް އާއި އެމްއޭސީއެލްއާ އެއްވަރަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށް ވެސް ވަނީ ޕޮއިންޓް ލިބިފައެވެ. އެ ޓީމަށް ކުއާޓާރ ފައިނަލްގެ ފުރުސަތު ގެއްލުނީ ލަނޑުގެ ތަފާތުންނެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 23

ތޭވީސްވަނަ މެޗުގައި ބައްދަލުކުރީ ޓީމް ފެނަކަ އާއި ޔުނައިޓެޑް ބީއެމްއެލްއެވެ. ކުއާޓާރ ފައިނަލަށް ދިއުމަށްޓަކައި މޮޅެއް ހޯދުން ބީއެމްއެލްއަށް މަޖުބޫރު މި މެޗާއި އެ ޓީމުން ކުރިމަތިލީއިރު، އަނެއްކޮޅުން ވާދަކުރި ފެނަކައަށް ވަނީ ކުއާޓާރ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.

ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތް ފެނައިކައިގެ މައްޗަށް ބީއެމްއެލްއިން ބޮޑު މޮޅެއް ހޯދި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، ޢަލީ އުޒައިރު އާއި އަރީން ޢަބްދުﷲ، ކޮންމެ ކުޅުންތެރިއެއް 2 ލަނޑު، އަދި އިޝާން އިބްރާހީމް އާއި އުނައިސް ޒުބައިރު އަދި އިބްރާހިމް ހަމްދާން، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. ފެނަކައިގެ މުޙައްމަދު ވަހީދު އާއި މުޙައްމަދު އަރީޝް އަދި އަޙްމަދު ޝަހުމް، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. ފެނަކައިގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ.

މި މެޗުން ހޯދި މޮޅާއިއެކު ހަ ޕޮއިންޓް ހަމަކޮށް ބީއެމްއެލް ގުރޫޕްގެ އެއްވަނައަށް ޖެހިލީ ލަނޑުގެ ތަފާތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީއެމްއެލްގެ އިޝާން އިބްރާހީމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 24

ސައުވީސްވަނަ މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބް (ސީއާރުސީ) އެވެ. ގުރޫޕް ބީގައި ހިމެނޭ މި ދެ ޓީމު ވެސް ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް މެޗުން މޮޅުވެފައެވެ. ގުރޫޕްގެ އެއްވަނައިގައި އޮތް ބީއެމްއެލްއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މަގާމްތަކުގެ ތަފާތު އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި މެޗުން މޮޅުވެގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހުޅުވިފައެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗުގެ ލީޑު ނެގީ އެމްއޭސީއެލްއެވެ. ހަވަނަ މިނިޓްގައި އެމްއޭސީއެލްއަށް އަޙްމަދު ހުސާމް ލީޑު ނަގައިދިންއިރު، 10 ވަނަ މިނިޓްގައި ސީއާރުސީގެ މުޙައްމަދު ނާބިތު ނަތީޖާ ހަމަހަމަކޮށްދިނެވެ. މުޙައްމަދު އަކުމަލްގެ ލަނޑުން ސީއާރުސީ ނެގި ލީޑަށް ދެ މިނިޓް ނުވަނީސް އަޙްމަދު ވިސާހް އެމްއޭސީއެލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައްމާމް ސަމީރު ވަނީ ދެވަނަ ފަހަރަށް ސީއާރުސީއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އަޙްމަދު ހުސާމް އެމްއޭސީއެލްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، ހާފުގެ ކުރީކޮޅު އަޒްޔާން އިބްރާހީމް އެމްއޭސީއެލްއަށް އަނެއްކާ ވެސް ލީޑު ނަގައިދިނެވެ. އެމްއޭސީއެލް މޮޅުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ ފަހު ވަގުތު ޔައީޝް ޖަމީލް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި މެޗުގެ ފަހު މިނިޓްގައި އަޙްމަދު ޢަބްދުﷲ ސީއާރުސީ މޮޅުކޮށްދިނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައީޝް ޖަމީލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއާރުސީގެ ޔައީޝް ޖަމީލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top