ކެލަރީ ކޮންޓްރޯލްކުރެވިފައިވާ ޚާއްޞަ ކާނާގެ ޕްލޭނަކާއެކު، 30 މިނެޓުގެ “މޫދު ކަސްރަތު” (ފެނުގެ ތެރޭގައި ދުވުމާއި، ފުންމުމާއި، ފައިން ފެނުގައި ޖެހުން ފަދަ ކަސްރަތުތައް) ފުރިހަމަކުރުމުން އެންމެ އެދެވޭ ނަތީޖާ ހާސިލުކުރެވޭނެއެވެ.
މިފަދަ ލުއި ކަސްރަތުތައް ކުރަން ފެށުމުގެ 45 ނުވަތަ 60 މިނެޓު ކުރިން “ގްރީކް ޔޯގަޓް” އާއި “އޯޓްމީލް” ފަދަ ލުއި ކާނާއެއް ބޭނުންކުރުމަށާއި، ކެއުމުގައި ލީން ޕްރޮޓީން ލިއްބައިދޭ ފަދަ މަހާއި، ކާބޯހައިޑްރޭޓްސް އަދި ތަރުކާރީ ހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. މޫދު ކަސްރަތާއި ކާނާގެ ޕްލޭން އެންމެ ފުރިހަމަވާނީ ކެލަރީ އަންދާ މިންވަރާއި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް އެކަށީގެންވާ ގޮތެއްގައި ބެލެންސްކޮށްގެންނެވެ.
މޫދު ކަސްރަތު ޕްލޭން
ފެނަކީ ކަސްރަތުކުރާއިރު ހަށިގަނޑަށް ހުރަހެއް ނުވަތަ “ރެސިސްޓެންސް” ފޯރުކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ހުޅުތަކަށް ބުރަވުމެއް ނެތި ކެލަރީ އަންދައި މަސްތައް ވަރުގަދަކޮށްދެއެވެ.
1- ހަށިގަނޑު ހޫނުކޮށްލުން (ވޯރމް އަޕް): ކަސްރަތު ފެށުމުގެ ގޮތުން 5 އާއި 10 މިނެޓާ ދެމެދު ފެނުގެ ތެރޭގައި (އުނަގަނޑާ ހަމައަށް ނުވަތަ މޭމައްޗާ ހަމައަށް ފެން ހުންނަ ހިސާބެއްގައި ހިނގާށެވެ. ހިނގާއިރު ފުންނާބުން ފެށިގެން ފައިގެ އިނގިލިތަކާ ހަމައަށް ބިންމަތީގައި ޖައްސައި، އަތް ފެނުގެ ތެރޭގައި ހަރަކާތްތެރި ކުރަމުން ގެންދާށެވެ.
2- ކާޑިއޯ އަދި ބުރަ ކަސްރަތުތައް: “ޕޫލް ޖަމްޕިންގ ޖެކްސް” 1 ނުވަތަ 2 މިނެޓު ވަންދެން ހަދާށެވެ. މީގައި އަތާއި ފައި ބޭރަށް ފޮޅުވައި ފެނުގެ ބާރުގެ ބޭނުން ހިފާށެވެ. އެއަށްފަހު 1 މިނެޓު މަޑުކޮށްލުމަށްފަހު، 2 ނުވަތަ 3 މިނެޓު ވަންދެން ފެނުގެ ތެރޭގައި ދުވުން ނުވަތަ ކަކޫ މައްޗަށް އުފުލައިގެން ހިނގުން ކުރިއަށް ގެންދާށެވެ.
3- މަސްތައް ވަރުގަދަކުރުން: ފެނުގައި ބޭނުންކުރާ ލުއި ބަރު ނުވަތަ “ޕޫލް ނޫޑްލްސް” ބޭނުންކޮށްގެން އަތާއި ފައިގެ މަސްތަކަށް އަމާޒުކޮށްގެން ކަސްރަތުތައް ކުރާށެވެ. މީގެ ތެރޭގައި ފެނުގައި ކޮޅަށް ހުރެ ބައިސްކަލް ދުއްވާ ގޮތަށް ފައި ހަރަކާތްތެރިކުރުން ހިމެނެއެވެ.
3- ހަށިގަނޑު ފިނިކޮށްލުން (ކޫލް ޑައުން): އެންމެ ފަހު ކަމެއްގެ ގޮތުން 5 މިނެޓު ވަންދެން ފެނުގެ ތެރޭގައި މަޑުމަޑުން ހަރަކާތްތެރިވުން ނުވަތަ ސްވިމިން ޓްރެކް/ޕޫލްގެ ފާރުގައި ހިފަހައްޓައިގެން ހުރެ ފައިގެ މަސްތައް ދަމާލާށެވެ
ލަފާދޭ މިންވަރު: ހަފުތާއަކު 3 އާއި 5 ދުވަހާ ދެމެދު މި ކަސްރަތުތައް ކުރުމަށް އަމާޒު ހިފާށެވެ. ފެނުގެ ހޫނުމިން 27 އާއި 30 ޑިގްރީ ސެލްސިއަސްގައި ހުރުމަކީ ހަށިގަނޑަށް އެންމެ އަރާމުވާނެ މިންވަރެވެ.
ކާނާގެ އިރުޝާދުތައް
ފެނުގެ ކަސްރަތަކީ މުޅި ހަށިގަނޑަށް ބާރުދޭ ކަމަކަށްވާތީ، ކަސްރަތުގެ ކުރިން އެކަށީގެންވާ ކާނާއެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
* ކަސްރަތުގެ ކުރިން ބޭނުންކުރާނެ ކާނާ: ކަސްރަތު ފެށުމުގެ 45 ނުވަތަ 60 މިނެޓު ކުރިން ހަށިގަނޑަށް ފަސޭހައިން ހަޖަމުވާ ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީން ހިމެނޭ ކާނާއެއް ބޭނުންކުރާށެވެ. މިސާލަކަށް:
– ގްރީކް ޔޯގަޓާއި މޭވާއާއެކު އޯޓްމީލް.
– ދޮންކޭލާއި ޕީނަޓް ބަޓަރ.
– ބިހަކާއެކު ހޯލް-ގްރެއިން ޓޯސްޓް.
* ކަސްރަތަށްފަހު ހަށިގަނޑު ދުޅަހެޔޮކުރުން: ކަސްރަތަށްފަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ޕްރޮޓީން (ކުކުޅު މަސް، މަސް) އަދި ފައިދާހުރި ކާބޯހައިޑްރޭޓްސް (ބްރައުން ރައިސް، އަލަ ނުވަތަ ކައްޓަލަ) ހިމެނޭ ކެއުމެއް ބޭނުންކުރާށެވެ.
* ފެން ބުއިން: ފެނުގެ ތެރޭގައި ކަސްރަތު ކުރި ނަމަވެސް ހަށިގަނޑުން ދާހިިއްލާނެއެވެ. އެހެންކަމުން ކަސްރަތުގެ ކުރިންނާއި، ކަސްރަތު ކުރާ ވަގުތާއި، އަދި ކަސްރަތަށްފަހުވެސް ގިނައިން ފެން ބޯންވާނެއެވެ.
