ޢުމުރުން 51 އަހަރުގެ ލީ ބޮންޑުރަންޓަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ކަމަށްވާ ‘ސެރެބްރަލް ޕަލްސީ’ ހުންނަ، އަމިއްލައަށް އަތް ބޭނުންނުކުރެވޭ މީހެކެވެ. 2016 ވަނަ އަހަރުގެ މެމޯރިއަލް ޑޭ ބަންދު ދުވަހެއްގައި، އޭނާގެ މަންމަ ލިންޑާއާއެކު ނޯތު ކެރޮލައިނާގެ ރެލީގައި ހުންނަ ރެސްޓޯރެންޓަކަށް ކާންދިޔައެވެ.
އާދައިގެ މަތިން ލިންޑާ ދިޔައީ އޭނާގެ ދަރިފުޅަށް ކާންދެމުން ޚުދު އޭނާވެސް ކަމުންނެވެ. އެއް ސަމުސާ ދަރިފުޅަށް، އަނެއް ސަމުސާ އޭނާއަށެވެ. މިގޮތަށް ކާންދެމުން ދިޔައިރު، ލިންޑާގެ ކުރިމަތީގައި ހުރި އޭނާގެ ކާނާތަށި ދިޔައީ މަޑުމަޑުން ފިނިވަމުންނެވެ.
މި މަންޒަރު އެތަނުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ކޮލެޖް ދަރިވަރެއް ކަމަށްވާ “ފައިވް” އަށް ފާހަގަވިއެވެ. އޭނާ ވަރަށް އާދައިގެ ގޮތަކަށް ލީގެ ގާތަށް އައިސް، “އޮއިސްޓާ” (އިތާ) ކައިފިތޯ އަހާލިއެވެ. އަދި ލީއަށް އޭނާގެ ފުރަތަމަ އޮއިސްޓާ ކާންދިނުމަށް އެހީތެރިވެދިނުމަށް ހުށަހެޅިއެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި، ހަމްދަރުދީގެ މާބޮޑު ދެއްކުންތެރިކަމެއް ނެތި، އޭނާ އެ އެހީތެރިކަން ފޯރުކޮށްދިނީ ވަރަށް ގާތްކަމާއެކުގައެވެ. އޭގެ ސަބަބުން، އެހީތެރިކަން ގަބޫލުކުރާއިރު އެހެން މީހުންނާ ތަފާތު މީހެއްގެ އިހުސާސް ލީއަށް ނުކުރެވޭ ފަދަ ގޮތަކަށެވެ.
“އޭނާ އަހަންނަށް ދެއްކި އެހީތެރިކަމަކީ އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ މަތިވެރި އިންސާނިއްޔަތުކަން،” ލީ ބުންޏެވެ.
ލިންޑާ ބުނިގޮތުގައި، “ނުދަންނަ ބީރައްޓެއްސަކު އިސްވެ މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެ މަންމައެއްގެ ހިތަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ މަންމައަކަށް މިކަން ވެގެންދާނީ ވަރަށް ބޮޑު އުފަލަކަށެވެ.”
ގިނަ ބަޔަކު އަޅާނުލާ ދޫކޮށްލާ ކަންކަމަށް މި ބީރައްޓެހި ޒުވާނާ ސަމާލުކަން ދިނުމުގެ ސަބަބުން، އެ ދުވަހު ލިންޑާއަށް އޭނާގެ ކާނާ ތާޒާކަންމަތީގައި ބަހައްްޓައިގެން އެއްވެސް މެދުކެނޑުމެއް ނެތި ދަރިފުޅުގެ ކައިރީގައި އިނދެގެން ފުރިހަމައަށް އިންސާފުކޮށްލުމުގެ ފުރުސަތު ލިބުނެވެ.
