ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސައިންސްގެ އަލީގައި ފުރިހަމައަށް ބިސް ކައްކާނެ ގޮތް

ސައިންސްވެރިން މިވަނީ އެންމެ ފުރިހަމައަށް ބިސް ކައްކާނެ ގޮތުގެ ސިއްރު ހޯދާފައެވެ. މި ދިރާސާ ޝާއިޢުކޮށްފައިވަނީ ‘ކޮމިއުނިކޭޝަންސް އެންޖިނިއަރިންގ’ ޖާނަލްގައެވެ.

ފުރިހަމައަށް ރޯފިލާފައިވާ ބިހެއްގެ ސިފައަކީ، އޭގެ ހުދުބައި މަޑުކޮށް އަދި ހަރުކޮށް ހުންނައިރު، ރީނދޫބައި އޮމާންކޮށް (ވެލްވެޓް ފަދައިން) ހުރުމެވެ.

މި ބެލެންސް ހިފެހެއްޓުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ބިހުގެ ހުދުބަޔަށްވުރެ ދަށް ފިނިހޫނުމިނެއްގައި ރީނދޫބައި ރޯފިލާތީއެވެ. މާ ބޮޑަށް ބިސް ކައްކައިފިނަމަ ރީނދޫބައި ހިކި ފުހުރުވެއެވެ. އަދި މާ މަޑު ގިނީގައި ގިނައިރު ކައްކައިފިނަމަ ހުދުބައި ރަނގަޅަށް ނުފިހި، ޖެލީއެއް ފަދައިން ހުރެދާނެއެވެ.

ދިރާސާވެރިން އެތައް ސަތޭކަ ބިހެއް ބޭނުންކޮށްގެން، ހިސާބު އިލްމުގެ އެހީގައި މި މައްސަލައަށް ހައްލެއް ހޯދިއެވެ. މިގޮތުން، ހޫނު ތަނަކުން ބިހުގެ ތެރެއަށް ހޫނު ދަތުރުކުރާ ގޮތާއި، ބިހުގެ އެތެރޭގައިވާ ދިޔާ މާއްދާ ހަރު މާއްދާއަކަށް ބަދަލުވާ ގޮތް ބަލައި ދިރާސާކުރިއެވެ.

މި ހޯދުމުގެ ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔަ ގޮތަކީ، ބިސްތައް ފެން ކައްކާ ތެއްޔަކަށް ލުމަށްފަހު، ކޮންމެ ދެ މިނެޓަކުން ދެ ތަށި ފެނުގެ ތެރެއަށް ބަދަލުކުރުމެވެ. އެއީ ކެކިކެކި ހުރި ފެނާއި، 30 ޑިގްރީ ސެލްސިއަސްގެ ތާފަނާ ފެނުގެ ތެރެއަށެވެ. މިގޮތަށް ޖުމްލަ 32 މިނެޓް ވަންދެން ހެދުމަށްފަހު، ފިނި ފެނުގެ ތެރޭގައި ބަހައްޓައި ފިނިކޮށް، ތޮށި ނޮޅުމުން އެންމެ ފުރިހަމައަށް ރޯފިލާފައި ހުންނަ ބިސް ލިބެއެވެ.

“މި ގޮތަށް ގޭގައި ވެސް ފަސޭހަކަމާއެކު ބިސް ކެއްކިދާނެ،” ކެލިފޯނިއާ ޔުނިވަރސިޓީގެ ކެމިސްޓެއް ކަމަށްވާ ގްރެގަރީ ވައިސް ވިދާޅުވިއެވެ.

‘ޕީރިއަޑިކް ކުކިންގ’ގެ ނަމުން ނަންދެވިފައިވާ މި ގޮތުގެ ސަބަބުން، ބިހުގެ ހުދުބައި އެކަށީގެންވާ ވަރަށް ހަރުވެއެވެ. އަދި ރީނދޫބައި އެއް މިންވަރެއްގައި ހޫނު ހިފެހެއްޓި، ކްރީމް އެއްގެ ގޮތަށް ތައްޔާރުވެއެވެ.

ނޭޕްލްސް ޔުނިވަރސިޓީގެ އެމީލިއާ ޑި ލޮރެންޒޯ ވިދާޅުވި ގޮތުގައި، މިގޮތަށް ތައްޔާރުކުރާ ބިހުގެ ރީނދޫބައި، ޕާން ފަދަ ތަކެތީގައި ފަސޭހައިން އުނގުޅާލެވޭނެއެވެ.

މި އާ ގޮތް ކަށަވަރުކުރުމަށްޓަކައި، ދިރާސާވެރިން ބިހުގެ ކެމިކަލް މާއްދާތައް ޗެކްކޮށް، އަށް މީހުންގެ ޕެނަލަކަށް ރަހަ ބަލަން އެރުވިއެވެ.

މި އާ ގޮތަށް ބިސް ތައްޔާރުކުރަން އާދައިގެ ގޮތަށްވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، އޭގެ ރަހައާއި އޮމާންކަމުގެ ސަބަބުން އެއީ ކުރަން ރަނގަޅު ކަމެއް ކަމަށް ކާނާއާ ބެހޭ ސައިންސްވެރިން ދެކެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top