ލޮސް އެންޖެލެސްގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗުގެ ކުރިން، ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ލަމީން ޔަމާލްގެ އެންމެ މޮޅު ކުޅުން އަދި ފެންނާނެ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާން ތަރި ޔަމާލަށް، މިފަހަރުގެ ވޯލްޑް ކަޕްގައި އަދި އެދެވޭ މޮޅު ކުޅުމެއް ނުދެއްކެއެވެ. މިއީ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދި އާލިން ހާލަންޑް ފަދަ މަޝްހޫރު ކުޅުންތެރިން ގިނަ ލަނޑުތަކެއް ޖަހަމުންދާ މުބާރާތެކެވެ.
“އަހަރެމެންނަށް އެނގޭ އޭނާގެ އެންމެ ވަރުގަދަ ކުޅުން، ނުވަތަ އެޓޭކިންގް ގޭމް އަދި މި މުބާރާތުން އެންމެ ފުރިހަމައަށް ފެނިފައި ނުވާކަން. އަހަރެމެން އާންމުކޮށް އޭނާގެ ފަރާތުން ފެންނަ ފެންވަރަށް އަދި ކުޅުން ނުދެއްކޭ،” ޑި ލަ ފުއެންޓޭ ބުންޏެވެ.
އާދަޔާ ހިލާފު ހުނަރެއް ލިބިފައިވާ ޔަމާލަށް މިހާތަނަށް މި މުބާރާތުގައި ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އަދި އެއްވެސް ގޯލަކަށް އެހީތެރިވެދީފައެއް ނުވެއެވެ. އޭނާ އެމެރިކާއަށް އައީ ސީޒަން ނިމުނުކޮޅު ލިބުނު އަނިޔާއަކުން މުޅިން ރަނގަޅު ނުވަނީހެވެ. އެހެންނަމަވެސް، ސްޕެއިންގެ ކަނާތް ފަޅިން އޭނާ ދަނީ އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރަމުންނެވެ.
މިދިޔަ ބުރުގައި ޕޯޗުގަލް އަތުން 1-0 އިން ސްޕެއިން މޮޅުވި މެޗަށްފަހު، ކޯޗު ވަނީ ޔަމާލްގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެއީ ޔަމާލްގެ “އެންމެ މޮޅު އެއް ކުޅުން” ދެއްކި މެޗު ކަމަށާއި، އެއީ އޭނާގެ ކުރިއެރުމަށް ލިބުނު ވަރަށް މުހިންމު ދުވަހެކެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން ޑި ލަ ފުއެންޓޭ ފާހަގަކުރީ، ޔަމާލް ހުއްޓުވުމަށް ޕޯޗުގަލްގެ ނޫނޯ މެންޑޭޒް ކުރި މަސައްކަތުގެ ސަބަބުން، މެޗުގެ 55 ވަނަ މިނެޓުގައި އޭނާ ދަނޑުން ބާލަން ޖެހުނު ކަމެވެ.
“އަހަރެމެން ކުރިމަތިލީ ވަރުގަދަ ވާދަވެރިއަކާ. އޭނާ (ޔަމާލް) މާކް ކުރަން ހުރި ޑިފެންޑަރަށް އެ މަސައްކަތުގައި މާ ބޮޑަށް ބާރުލާން ޖެހުމުގެ ސަބަބުން އެންމެ ފަހުން އޭނާއަށް އަނިޔާވީ،” ކޯޗު ބުންޏެވެ.
އުމުރުން އެންމެ 18 އަހަރުގެ ޔަމާލަށް މި މުބާރާތުގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން، އޭނާގެ ކުޅުމަށް “ފައްކާކަމެއް” ނުވަތަ މެޗޫރިޓީއެއް ލިބިފައިވާ ކަމަށް ކޯޗު ގަބޫލުކުރެއެވެ.
“އޭނާއަށް އިތުރު ހިތްވަރެއް ދޭކަށް ނުޖެހޭ. ބައެއް ފަހަރު އޭނާގެ އެ ހުންނަ ޖޯޝް މައިތިރިކުރަން ވެސް ޖެހޭ. އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެފައި — އޭނާ ބޭނުންވަނީ ގިނަ ކަންތައްތަކެއް ހާސިލުކުރަން،” ޑި ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިން ކޮޅަށް މި މުބާރާތުގައި އަދި ލަނޑެއް ވަދެފައި ނުވި ނަމަވެސް، މިއަދު ނުކުންނާނީ ހޯމަ ދުވަހު އެމެރިކާ ކޮޅަށް ހަތަރު ލަނޑު ޖެހި ބެލްޖިއަމާ ދެކޮޅަށެވެ.
“އޭނާ އެޓޭކުގައި މޮޅު ކުޅުމެއް ދައްކާނެކަން ވަރަށް ސާފު. އޭނާގެ ކިބައިގައި އާދަޔާ ހިލާފު ގާބިލުކަމެއް އެބަހުރި. އަދި ޔަގީނުންވެސް، ބައެއް ގޮތްގޮތުން ބަލާއިރު އޭނާގެ އެންމެ މޮޅު ކުޅުން އަދި ފެންނާން އެބައޮތް.” މިއަދުގެ ކުއާޓާ ފައިނަލަކީ ޔަމާލް އަލުން ލަނޑު ޖަހަން ފަށާނެ ވަގުތުތޯ ސުވާލުކުރުމުން ކޯޗު ބުންޏެވެ:
