ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނ. ޒޯންގެ ކުޅުން ފަށައިފިއެވެ. އިއްޔެ ހަވީރު ސިޔާމް ވޯލްޑްގައި ފެށި މި މުބާރާތުގައި ނ. އަތޮޅަށް ނިސްބަތްވާ 5 ރިސޯޓަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ރިސޯޓްތަކަކީ ސިޔާމް ވޯލްޑް މޯލްޑިވްސް، ޗެވަލް ބުލަންކު ރަންދެލި، ވެލާ ޕުރައިވެޓް އައިލެންޑް، ސޮނެވާ ޖާނީ އަދި ރޮބިންސަން ނޫނު އެވެ.
މެޗު 1
ސިޔާމް ވޯލްޑްގައި ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިޔާމް ވޯލްޑް އާއި ވެލާ ޕްރައިވެޓް އައިލެންޑެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެލާއިންނެވެ. ފުރަތަމަ ހާފު ނިމުނީ ނަތީޖާ ހަމަހަމަކުރުމަށް ސިޔާމް ވޯލްޑް ކުރަމުން އައި މަސައްކަތަށް ކާމިޔާބެއް ނުލިބިއެވެ. ދެވަނަ ހާފު ފެށުމާއިއެކު ސިޔާމް ވޯލްޑްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މޮޅެއް ހޯދުމަށް ދެ ޓީމުން މަސައްކަތްކުރަމުންދިޔަ މި މެޗުގައި ދެވަނަ ފަހަރަށް ވެލައަށް ލީޑު ލިބުނީ ސިޔާމް ވޯލްޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އެ ލަނޑަށް މާގިނައިރެއް ނުވެ ދެވަނަ ފަހަރަށް ވެސް ސިޔާމް ވޯލްޑް ނަތީޖާ ހަމަހަމަކުރިއެވެ. ތިންވަނަ ފަހަރަށް ވެލާއިން ނެގި ލީޑު، މެޗު ނިމުމުގެ ކުރިން އެ ޓީމުން އިތުރުކުރިއެވެ.
4-2 އިން ވެލާ ޕްރައިވެޓް އައިލެންޑް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ ހަސަން އަބްދުލް ޖަލީލްއެވެ.
މެޗު 2
މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޗެވެލް ބުލެންޑް ރަންދެލި އާއި ސޮނެވާ ޖާނީއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ތިންވަނަ މިނިޓްގައި ސޮނެވާ ޖާނީއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ޗެވެލް ބުލެންކް ރަންދެއްޔަށް އެކަން ކާމިޔާބުނުވެ އުޅެނިކޮށް ސޮނެވާ ޖާނީއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ސޮނެވާ ޖާނީއިން މި ލަނޑު ޖަހާފައިވަނީ 8 ވަނަ މިނިޓްގައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފުގައި ޗެވެލް ބުލެންކް ރަންދެލިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާ ހަމަހަމަކުރުމަށް ހިތްވަރާއިއެކު މަސައްކަތް ކުރަމުންދިޔަ ޗެވެލް ބުލެންކް ރަންދެލިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައެވެ. މި ލަނޑާއިއެކު އުންމީދު އާކުރި ޗެވެލް ބުލެންކް ރަންދެލިން ވަނީ 33 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، އެންމެ ރަނގަޅަށް ބޭނުން ނުކުރެވިޔަ މި މެޗު ނިމުނީ މި ނަތީޖާއާ އެކުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެވެލް ބުލެންކް ރަންދެލީގެ އަޙްމަދު އަބްދުއްރަޙްމާންއެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ވެލާ ޕުރައިވެޓް އައިލެންޑް އާއި ރަންދެލި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ސޮނެވާ ޖާނީ އާއި ރޮބިންސަން ނޫނެވެ.
