އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިންގްލެންޑް ދަތުރު ކޮށްފިއެވެ. ކުއާޓާރ ފައިނަލްގައި އިންގްލެންޑާއި ނޯވޭ ބައްދަލުކުރި މެޗް އިންގްލެންޑް ކާމިޔާބުކުރީ ނޯވޭއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 2-1 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗަށް ނުކުތްއިރު، އިންގްލެންޑް އެންމެފަހުން ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލުން މޮޅުވެފައިވަނީ 2018 ވަނަ އަހަރުއެވެ. އެގައުމުން ވޯލްޑްކަޕް އެންމެފަހުން ކާމިޔާބު ކޮށްފައިވަނީ 1966 ވަނަ އަހަރު އެވެ.
ކުއާޓާރ ފައިނަލްގައި އިންގްލެންޑާއި ވާދަކުރި ނޯވޭ، ވޯލްޑްކަޕަށް ކޮލިފައިވެފައި މިވަނީ 28 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
މިމެޗް ފެށުމުގެ ކުރިން ވަނީ، ދެކުނު އެފްރިކާގެ މިޑްފީލްޑަރ ޖޭޑަން އެޑަމްސްގެ ހަނދާނުގައި ސްކޫތެއް ގެނެސްފަ އެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއަށް ގުރޫފް ސްޓޭޖްގެ ތިން މެޗާއި ދެވަނަ ބުރުގެ މެޗް ކުޅެދިން ޖޭޑަން އެޑަމްސް ވަނީ ކުއްލިގޮތަކަށް މަރުވެފައެވެ.
ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ފޯރިގަދަ މިމެޗްގައި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ހިފީ ނޯވޭ އިންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ނޯވޭއަށް މިލަނޑު ޖަހައިދިނީ އަންޑްރޭސް ޝާލްޑްރަފް އެވެ. މިމެޗްގެ ފުރަތަމަ އެގާރާގައި އަންޑްރޭސް ހިމަނާފައިވަނީ އެންޓޯނިއޯ ނޫސާގެ ބަދަލުގައެވެ.
މިލަނޑާއިއެކު ކުޅުން އިތުރަށް ރަނގަޅުކުރި ނޯވޭއިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އިންގްލެންޑަށް ނޯވޭގެ ގޯލް ފޫއަޅުވާލެވޭގޮތް ވީ މެޗްގެ ފަހުކޮޅު އެވެ. މެޗްގެ ނަތީޖާ އިންގްލެންޑަށް ހަމަހަމަކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. ބެލިންގްހަމް މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.
ލަނޑު ޖެހުމަށް ދެޓީމަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނު މިމެޗްގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާ އާއެކުއެވެ.
މެޗްގެ ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ދެވަނަ ހާފުގައި ވެސް ވަނީ ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ފައެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރު ވެފައި އޮތުމުން މިމެޗްގެ ނަތީޖާ ނެރެފައިވަނީ ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
މިމެޗުން އިންގްލެންޑް މޮޅުވި ލަނޑު ބެލިންގްހަމް ޖަހައިދިނީ، އިތުރު ވަގުތުގެ ދެހާފުގެތެރެއިން ފުރަތަމަ ހާފުގައެވެ. މިހާފުގެ ތިންވަނަ މިނިޓްގައި އެޓީމުގެ މޯގަން ރޮޖާސް ފޮނުވާލި ބާރު ހަމަލާ، ނޯވޭގެ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ބެލިންގްހަމް ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
މިމެޗްގައި ޖެހި ދެ ލަނޑާއިއެކު މި އަހަރުގެ މުބާރާތުގައި ބެލިންގްހަމް ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ. އެޓީމުގެ ތަރި ހެރީ ކޭން ވެސް ވަނީ މިއަހަރުގެ މުބާރާތުގައި މިހާތަނަށް ހަ ލަނޑު ޖަހާފައެވެ.
މިމެޗްގައި އިންގްލެންޑްގެ ގޯލް ބެލެހެއްޓި ޖޯޑަން ޕިކްފޯޑް ވަނީ، ވޯލްޑްކަޕްގައި މިހާތަނަށް އިންގްލެންޑަށް އެންމެ ގިނަ މެޗް ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. 17 މެޗާއިއެކު ކުރިން މި ރެކޯޑް އޮތީ ޕީޓާ ޝެލްޓަން އަތުގައެވެ.
ސެމީފައިނަލްގައި އިންގްލެންޑް ބައްދަލު ކުރަން ޖެހޭނީ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއިއެވެ.
