ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ތިންވަނަ މެޗު ކާމިޔާބުކޮށް ވެމްކޯ ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ވެމްކޯ އާއި ބިސްބުރު ސްޕޯރޓްސް ކުލަބްއެވެ. މިއީ މި މުބާރާތުގައި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ވެމްކޯ މޮޅުވެފައިވާއިރު، ބިސްބުރު ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވެމްކޯއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއިރު، ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ބިސްބުރުން ވެމްކޯގެ ހަމަލާތައް ހުއްޓުވުމުގައި ވަނީ ކާމިޔާބު ހޯދައިފައެވެ.
ކައުންޓަރ އެޓޭކްގައި ލަނޑު ޖަހަން މަސައްކަތްކުރި ބިސްބުރުން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހާފައެވެ. ވެމްކޯގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ކައިރިއަށް ޖެހިލުމަށްފަހު، ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަގްނެސް މަޓުލަޕެލްވާއެވެ.
ބިސްބުރުން ލަނޑު ޖެހި ފަހުން ވެސް ރަނގަޅަށް ކުޅުނީ ވެމްކޯއެވެ. ކުރިޔަށްވުރެ ބޮޑަށް ޑިފެންސަށް އިސްކަންދީގެން ބިސްބުރުން ކުޅުނުއިރު ނަތީޖާ ހަމަހަމަކުރުމަށް ވެމްކޯއިން ކުރަމުން ދިޔަ މަސައްކަތް އިތުރު ކުރިއެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ވެމްކޯއިން ފެށި މަސައްކަތް، ބިސްބުރުން ލަނޑު ޖެހިތާ މާގިނައިރެއްނުވެ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޗްލޭ ލަރިއްސާއެވެ.
ދެވަނަ ފަހަރަށް ބިސްބުރުން ލީޑު ނެގީ، ވެމްކޯގެ އޭރިޔާ ކައިރިން ގޯލު ކުރިމަތިން އެ ޓީމަށް ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ވޯލްގައި ތިބި ކުޅުންތެރިން ކައިރިން ކީޕަރާއި ދަނޑިއާ ދޭތެރޭން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަގްނެސް މަޓުލަޕެލްވާއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކުލަބް ތިން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެން ކާމިޔާބުކުރި ވެމްކޯ، މި މެޗުގެ ފަހު ހާފު ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ޕަވަރޕްލޭގެ ބޭނުންކޮށް އަޗްލޭ ލަރިއްސާ ކީޕަރަކަށް ލައިގެން ކުޅެމުންދިޔަ ވެމްކޯގެ މަރިޔަމް ނޫރާ ޖަހައިދިން ލަނޑުން، މެޗުގެ ފަހުކޮޅު އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ވެމްކޯއަށް ލީޑު ނަގައިދިނީ، ނަތީޖާ ހަމަހަމަކޮށްދިން މަރިޔަމް ނޫރާއެވެ. މެޗު ނިމެން ފަސްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ނޫރާ ނަގައިދިން ލީޑު ފުޅާކޮށްދިނީ އަޗްލޭ ލަރިއްސާއެވެ.
ދިގާ ފެބްރީނާ ޖަހައިދިން ތިންވަނަ ލަނޑާއިއެކު ބިސްބުރުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އަޗްލޭ ލަރިއްސާއެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް ވެމްކޯ ވަނީ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
