އަޖޭ ދޭވްގަންގެ ފިލްމު “ދަމާލް 4” ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ބޮކްސް އޮފީހުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ފިލްމު ދެއްކުމަށް ފެށި ދުވަހު އާމްދަނީ ތަންކޮޅެއް ދަށްކޮށް އުޅުނު ނަމަވެސް، އާދީއްތަ ދުވަހާ ހަމައަށް އައިއިރު ފިލްމަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ފިލްމަށް ހުކުރު ދުވަހު 14 ކްރޯޑް ރުޕީސް ލިބުނުއިރު، ހޮނިހިރު ދުވަހު މި އަދަދު ވަނީ 22.50 ކްރޯޑް ރުޕީސްއަށް އުފުލިފައެވެ. އަދި އާދީއްތަ ދުވަހު 28.50 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މި ފިލްމަށް ވަނީ ލިބިފައެވެ. މިއާއެކު އިންޑިއާގެ ބާޒާރުން ފުރަތަމަ ތިން ދުވަހު ފިލްމަށް ވަނީ ޖުމްލަ 65 ކްރޯޑް ރުޕީސް (ނެޓް) ލިބިފައެވެ. ޓެކުހާއެކު އިންޑިއާއިން ލިބުނު ޖުމްލަ އާމްދަނީއަކީ ގާތްގަނޑަކަށް 78 ކްރޯޑް ރުޕީސްއެވެ.
ބޭރުގެ ބާޒާރުތަކުން ފިލްމަށް 14 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ދުނިޔޭގެ ބާޒާރުން މިހާތަނަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ އުޅެނީ ގާތްގަނޑަކަށް 92 ކްރޯޑް ރުޕީސްގައެވެ. ފާޑުކިޔުންތެރިންގެ މެދުގައި ފިލްމަށް ތަފާތު ޚިޔާލުތަކެއް ހުރި ނަމަވެސް، ހަފުތާ ބަންދުގައި ގިނަ ބަޔަކު ފިލްމު ބަލަން ވަނުމަކީ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އަޖޭ ދޭވްގަންގެ އިތުރުން ރިތޭޝް ދޭޝްމުކް، އަރުޝަދު ވަރްސީ، ޖާވިދު ޖެފްރީ، އަންޖަލީ އާނަންދު އަދި ސަންޖީދާ ޝެއިޚް މުހިންމު ރޯލުތަކުން ފެނިގެންދާ މި ކޮމެޑީ ފިލްމަކީ 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ކުރިމަގު ބިނާވެފައިވަނީ ހަފުތާ ބަންދަށްފަހު މިއަދު (ހޯމަ ދުވަހު) ފިލްމަށް ލިބޭ އާމްދަނީގެ މައްޗަށެވެ.
