ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ” ޔޫތު ޗެންޕިއަންޝިޕް 2026″ ގެ ފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ހޯދައިފިއެވެ.
ލީގު ބުރުގައި ނިއުރޭޑިއަންޓު ކުޅެން ޖެހޭ ފަހު މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު، މި މެޗްގައި ބައްދަލުކޮށްފައިވަނީ ބުރު ސްޕޯރޓްސް ކުލަބާއި އެވެ. މިއީ ބުރުގެ ވެސް ފަހު މެޗެވެ.
އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް 11 ޕޮއިންޓް ނިއުރޭޑިއަންޓް ހަމަކޮށްފައިވާއިރު، އެޓީމުގެ ފައިދާ ލަނޑުގެ އަދަދަކީ 12 އެވެ. ލީގުބުރުގެ އެއްވަނާގައި މިވަގުތު ނިއުރޭޑިއަންޓް އޮތްއިރު ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރާ މާޒިޔާ އާއި އޮޑިއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. މާޒިޔާގެ ފައިދާ ލަނޑު 21 ގައި އޮތްއިރު، އޮޑީގެ ފައިދާ ލަނޑަކީ 11 އެވެ.
ލީގު ބުރުގެ ފަހުމެޗްގައި މިއަދު ހަވީރު މާޒިޔާ އާއި އޮޑި ވާދަކުރާއިރު، އެމެޗުން މޮޅުވާ ޓީމަކަށް 13 ޕޮއިންޓާއިއެކު ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ. މެޗް އެއްވަރު ވެއްޖެނަމަ، ޕޮއިންޓްގެ ގޮތުން ނިއުރޭޑިއަންޓާއި، މާޒިޔާ އަދި އޮޑި އެއްވަރުގެ ފައިދާ ލަނޑުގެ ތަފާތުން މާޒިޔާއަށް ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލްގެ ޖާގަ ލިބޭނެއެވެ.
އިއްޔެ ހަވީރު ކުޅުނު މިމެޗް ވެގެން ގޮސްފައިވަނީ މުބާރާތުގައި މިހާތަނަށް ފެނުނު މެޗްތަކަށް ބަލާއިރު ވަރަށް އާދައިގެ ކުޅުމެއް ފެނުނު މެޗަކަށެވެ.
މެޗް ފަށައިގެން ރަނގަޅަށް ކުޅުނު ނިއުރޭޑިއަންޓުން 7 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނެގިއެވެ. ބުރުގެ އޭރިޔާ ބޭރުން އީތަން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރަން މަސައްކަތްކުރި، ބުރުގެ ކީޕަރުގެ އަތުގައި ޖެހިފައި ދޫވި ވަގުތު ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިޒާން އަލީ އެވެ.
މިލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓް އެވެ. މިމެޗްގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުރޭޑިއަންޓުގެ ޒާކީ މުޖުތަބާ ޒާހިރު އަށެވެ. ނިއުރޭޑިއަންޓްގެ ދެ ކުޅުންތެރިން ހުސްކޮށް ކަހަލަ ގޮތަކަށް އޭރިޔާތެރެއަށް ވަދެ، ޒާކީ އަމިއްލައަށް ލަނޑު ޖަހަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.
ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބުނު މިމެޗްގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ބުރަށް ވުރެ ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓް އެވެ. އިތުރު ލަނޑެއް ޖަހައި ފައިނަލްގެ ޖާގަ ޔަގީން ކުރަން ނިއުރޭޑިއަންޓުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ރަނގަޅު އެތައް ފުރުސަތެއް ބޭނުން ނުކުރެވި ދިޔަ ފަހުން ފަހު ހާފުގެ ފަހުކޮޅު އެވެ. 82 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް މިލަނޑު ޖަހައިދިނީ ޒާކީ މުޖުތަބާ ޒާހިރު އެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ޒާކީ މުޖުތަބާ ޒާހިރު އެވެ.
މިމުބާރާތުގެ މެޗެއް ރޭ ވެސް ކުރިއަށްދިޔައެވެ. މިމެޗްގައި ބައްދަލުކުރީ ޓީސީ ސްޕޯރޓްސް ކުލަބާއި އާއި ކެޔޮދޫ އެވެ.
