ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށްވާ “ބޫލް ބުލައްޔާ” ގެ ހަތަރުވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ފިލްމުގައިވެސް ލީޑް ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން ކަމަށާއި، ފިލްމު ޕްރޮޑިއުސް ކުރާނީ ބޫޝަން ކުމާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، “ބޫލް ބުލައްޔާ 4” ގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފަހު ބައިގައެވެ. މި ވަގުތު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާއިރު، ކްރިއޭޓިވް ޓީމުން ދަނީ ފްރެންޗައިޒް ކުރިއަށް ގެންދާނެ އާ އަދި ތަފާތު ޚިޔާލުތަކަކަށް މަޝްވަރާ ކުރަމުންނެވެ.
މި ފިލްމުގައިވެސް ކާތިކް ފެނިގެންދާނީ އޭނާގެ މަޤުބޫލު ކެރެކްޓަރ ކަމަށްވާ “ރޫހް ބާބާ” ގެ ރޯލުންނެވެ.
“ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސްކްރީންޕްލޭ އެއްކޮށް ނިންމާލުމަށްފަހު، ޑައިރެކްޓަރަކު ހަމަޖެއްސުމުގެ މަސައްކަތް ފަށާނެ. މަޤުސަދަކީ 2027 ގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފެށުން.” ފިލްމާ ގާތް މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.
އަކްޝޭ ކުމާރާއެކު ފެށި މި ހޮރޯ-ކޮމެޑީ ފްރެންޗައިޒްގެ ތިންވަނަ ބައިގެ ކާމިޔާބީއަށްފަހު، ހަތަރުވަނަ ބަޔަކަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑުވެފައެވެ. ޕްރޮޑިއުސަރ ބޫޝަން ކުމާރު މީގެ ކުރިންވެސް ވަނީ ފްރެންޗައިޒް ފިލްމުތަކުގެ މުހިންމުކަމާއި، ބޮކްސް އޮފީހުގައި އެފަދަ ފިލްމުތަކަށް އޮންނަ ތަރުހީބާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ފިލްމުގެ ޑައިރެކްޓަރާއި އިތުރު ކާސްޓުން އަދި ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، އެތެރޭގެ މަޝްވަރާތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ. “ބޫލް ބުލައްޔާ 4” ގެ ރަސްމީ އިއުލާނެއް ކުރާނީ ސްކްރިޕްޓާއި ޑައިރެކްޓަރު ފައިނަލް ކުރުމަށްފަހުގައެވެ.
