ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިނގިރޭސި ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވޯލްޑް ކަޕްގެ ފިއްތުންތަކާ ކުރިމަތިލަނީ ތަފާތު ގޮތަކަށް!

ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރާއިރު ކުރިމަތިވާ ނުތަނަވަސްކަމާއި ފިއްތުންތަކުން ސަލާމަތްވުމަށް ޓުޗެލް ގެންގުޅޭ އުކުޅަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ. އެއީ ބައިސްކަލަކާއި، ހުސް މައިދާނަކާއި، އައިސްކްރީމެކެވެ.

ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން ވާހަކަދައްކަމުން ޓުޗެލް ބުނީ، އޭނާ ހާސްކަން ފިލުވައިލަނީ ކުޑައިރުގެ ހަނދާންތަކާ ގުޅުވައިގެން ކަމަށެވެ.

“ބައެއް ފަހަރު ބައިސްކަލެއްގައި ގޮސް، ބޮޑު ހުސް މައިދާނެއްގައި އަތަށް އައިސްކްރީމެއްލައިގެން 15 މިނެޓު ދުއްވާލުމުން ހީވަނީ އުމުރުން 15 އަހަރުގެ ކުއްޖެއްހެން،” ޓުޗެލް ބުންޏެވެ. “ހޫނު މޫސުމުގެ ހިތްގައިމު ރޭގަނޑެއްގައި އައިސްކްރީމަކާއެކު އެ ހޭދަކޮށްލާ 15 މިނެޓަކީ އަހަރެމެންގެ އެތެރޭގައިވާ އުފާވެރި އިހުސާސްތައް އަލުން އާލާކޮށްދޭ ކަމެއް. ބައެއް ފަހަރު އެވަރުން ފުދޭ.”

2024 ވަނަ އަހަރު އިނގިރޭސި ޓީމާ ހަވާލުވި ޖަރުމަނުގެ ކޯޗު ޓުޗެލްގެ މައިގަނޑު މަގުސަދަކީ 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. އޭނާ މިހާރު ހުރީ އެ ތާރީޚީ ކާމިޔާބީއާ އެންމެ ފިޔަވަޅެއްގެ ދުރުގައެވެ.

އަންދާޒާ ކުރެވޭ ގޮތުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް އެޓްލާންޓާގައި ކުޅޭ މި މެޗުގެ ކުރިން ޓުޗެލްއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެއެވެ. ޚާއްޞަކޮށް މެސީއާ ދެކޮޅަށް ނުކުންނަން ޖެހުމާއި، އިނގިރޭސިވިލާތާއި އާޖެންޓީނާގެ ދެމެދުގައި އޮންނަ ފޯރިގަދަ ވާދަވެރިކަމުގެ ސަބަބުންނެވެ.

މެކްސިކޯއަށް ދަތުރުކުރުމާއި އުސް ސަރަހައްދުތަކުގައި ކުޅެންޖެހުމުގެ ސަބަބުން ވަރުބަލިކަން އިހުސާސްވި ނަމަވެސް، އަދި ކޮންގޯ އާއި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުތަކަކީ ވަރަށް “އުދަނގޫ” މެޗުތަކެއް ކަމަށް ވިޔަސް، މި ތަޖުރިބާގެ ސަބަބުން އިތުރު ހިތްވަރެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

“މިކަމުގެ ސަބަބުން އަހަރެންގެ ހަކަތަ އިތުރުވެ، ދިރިހުރިކަމުގެ އިހުސާސް ކުރެވޭ. އަހަރެން މި މަސައްކަތްދެކެ އިންތިހާއަށް ލޯބިވޭ،” ބޮރޫޝިއާ ޑޯޓްމަންޑް، ޕީ.އެސް.ޖީ، ޗެލްސީ އަދި ބަޔާން މިއުނިކަށް ކާމިޔާބީތައް ހޯދައިދީފައިވާ ކޯޗު ބުންޏެވެ.

އިނގިރޭސިވިލާތުގެ 60 އަހަރުވީ ތަށީގެ ހުސްކަން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، “އަހަރެން އެކަން ބޮޑު ބުރައެއްގެ ގޮތުގައި އިހުސާސެއް ނުކުރަން. ނުތަނަވަސްކަމާއި ހާސްކަން ހުންނާނެ، އެއީ އާދައިގެ ކަމެއް. އެކަމަކު އެއީ އުފުލަންޖެހޭ ބުރައެއް ކަމަކަށް ނުދެކެން.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top