ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހުވަފެނީ ބަދިގެއެއް ފަރުމާކުރުމަށް އެހީތެރިވެދޭނެ 6 އިރުޝާދެއް

ބަދިގެއަކީ ގޭގެ އެންމެ ބުރަކޮށް ބޭނުންކުރެވޭ، އަދި އެންމެ ގިނަ މީހުން އުޅޭ ތަނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަދިގޭގެ ދައުރު ވަނީ ހަމައެކަނި ކެއްކުމަށް ޚާއްޞަ ތަނަކުން، ގޭގެ ހުރިހާ ހަރަކާތްތަކެއްގެ މަރުކަޒަކަށް ބަދަލުވެފައެވެ.

އިންޓީރިއާ ޑިޒައިންގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާލިބިފައިވާ އަދި ‘ކެންޑަލް އެންޑް ކޯ’ ގެ ބާނީ، ފާހަގަކުރާ ގޮތުގައި، ބަދިގެއަކީ މިހާރު ހަމައެކަނި ކެއްކުމަށް އޮންނަ ތަނެއް ނޫނެވެ. އެއީ އާއިލާ އެއްވާ، ރައްޓެހިންނާއެކު ވަގުތު ހޭދަކުރާ، ކުދިން ފިލާވަޅު ހަދާ އަދި މުސްތަޤުބަލުގެ ރޭވުންތައް ރާވާ ތަނެވެ.

ޖޫލިއާ ކެންޑަލް

އެހެންކަމުން، ފުރިހަމަ ބަދިގެއެއް ފަރުމާކުރުމަކީ ހަމައެކަނި ކަބަޑު ސެޓާއި ކައުންޓަރޓޮޕް އިޚްތިޔާރުކުރުމަށް ވުރެ މާ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ޓީވީ ޝޯތަކުގެ ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޖޫލިއާ، އޭނާގެ ތަޖުރިބާގެ އަލީގައި ހިއްސާކޮށްފައިވާ ބައެއް މުހިންމު އިރުޝާދުތައް ތިރީގައި އެވަނީއެވެ.

1- އިމާރާތް އެޅުމުގެ ކުރިން ބަދިގޭގެ ފަރުމާއަށް އިސްކަންދިނުން

އާ އިމާރާތެއް ނުވަތަ ބައެއް އިތުރުކުރާނަމަ، ބިންގާ އެޅުމުގެ ކުރިން ބަދިގޭގެ ލޭއައުޓް ނިންމުމަކީ އެންމެ މުހިންމު ކަންތަކެވެ. އިމާރާތުގެ ބައްޓަމަށް ބަދިގެ ފަރުމާކުރުމުގެ ބަދަލުގައި، ބަދިގެ ބޭނުންކުރަން ބޭނުންވާ ގޮތަށް ބިނާކޮށް އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަންޖެހެއެވެ. މިސާލަކަށް ބޮޑު އައިސްއަލަމާރިއެއް ނުވަތަ ކާބޯތަކެތި ބަހައްޓާނެ ވަކި ކޮށާރެއް (ޕޭންޓްރީ) ބޭނުންވާނަމަ، އެކަމަށް ބޭނުންވާ ޖާގަ ކުރިއާލާ ހޯދަންޖެހެއެވެ. ބައެއް ފަހަރު ކުޑަކުޑަ ދޮރެއްގެ މަގާމަށް ގެނެވޭ ކުޑަ ބަދަލަކުންވެސް ބަދިގޭގެ ފަސޭހަކަމަށް ބޮޑު ތަފާތެއް އާދެއެވެ.

2- އަލީގެ މުހިންމުކަން

ބަދިގެއެއްގެ ފުރިހަމަކަން ބިނާވެފައިވަނީ އެތަނަކަށް ލިބޭ އަލީގެ މައްޗަށެވެ. ޚާއްޞަކޮށް އިމާރާތަކަށް ބައެއް އިތުރުކުރާއިރު، އަސްލު ބަދިގެ ހުރި ސަރަހައްދު އަނދިރިވުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން، ކެއްކުމަށް ތަކެތި ތައްޔާރުކުރާ ތަނާއި ކާ މޭޒު، އެންމެ ގިނައިން އިރުގެ އަލި ލިބޭ ސަރަހައްދުތަކުގައި ބަހައްޓަންވާނެއެވެ. އަދި ބޭރު ފެންނަ ގޮތަށް ހުންނަ ބޮޑެތި ބިއްލޫރި ދޮރުތައް ހުންނަނަމަ، ރޭގަނޑު ބޭރު ގޯތިތެރޭގައި ބޮކި ހަރުކުރުމުން، ދޮރުތަކުން ކަޅު އަނދިރިގަނޑެއް ފެނުމުގެ ބަދަލުގައި ހިތްގައިމު މަންޒަރެއް ފެންނާނެއެވެ.

3- ބޯދާ އުސޫލުތައް ދޫކޮށްލުން

ޒަމާނުއްސުރެ ބަދިގެ ފަރުމާކުރުމުގައި ބޭނުންކުރަމުން އައި ‘ވޯކް ޓްރޭންގަލް’ (ސިންކު، އުނދުުން އަދި އައިސްއަލަމާރި ތިންކަނަކަށް ބެހެއްޓުން) މިހާރު ވަނީ ބަދަލުވެފައެވެ. މިހާރުގެ ބަދިގެތައް ބޮޑުވެފައި، ބޭނުންކުރާ ގޮތް ތަފާތުވުމުން ‘އެކްޓިވިޓީ ޒޯން’ ތަކަކަށް ބަދިގެ ބަހާލުމަކީ ބުއްދިވެރިކަމެކެވެ. މިސާލަކަށް ކެއްކުމަށް ތަކެތި ތައްޔާރުކުރާ ސަރަހައްދުގައި ސިންކާއި، ވަޅިއާއި، ކުނިވަށިގަނޑު (ޑަަސްޓްބިން) ފަދަ ތަކެތި އަތްފޯރާ ފަށުގައި ހުންނަންވާނެއެވެ. މިގޮތަށް ޒޯންތަކަށް ބަހާލުމުން، އެކަކު އަނެކަކަށް އުނދަގޫނުވެ އެކި މީހުންނަށް އެކި މަސައްކަތް ބަދިގޭގައި ކުރެވޭނެއެވެ.

4- ރައްކާކުރާނެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުން

ބަދިގޭގެ ކައުންޓަރު ދަށުގައި ހުންނަ ކަބަޑުތަކުގެ ބަދަލުގައި ފުންކޮށް ހުންނަ ދަމާ ވަތްގަނޑު (ޑްރޯވާސް) ބޭނުންކުރުމަކީ ދިރިއުޅުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އޭރުން ކަބަޑުގެ އެންމެ އެތެރޭގައި ހުންނަ ތަކެތި ހޯދުމަށް ކަކޫޖަހައިގެން ގުދުވާކަށް ނުޖެހޭނެއެވެ. އަދި ފާރުގައި ހަރުކުރާ ކަބަޑުތަކުގެ ބަދަލުގައި، ބިންމަތިން ފެށިގެން މައްޗަށް ހުންނަ ‘ލާޑަރ’ ނުވަތަ ‘ޕޭންޓްރީ’ ޔުނިޓްތައް ބޭނުންކުރުމުން ހުރިހާ އެއްޗެއް ލޮލަށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ހުޅުވާފައި ހުންނަ ހަރުތަކަކީ ބަދިގެއަކީ ތަނަވަސް ތަނެއްގެ ގޮތުގައި ދެއްކުމަށް އެހީތެރިވެދޭނެ ކަމެކެވެ.

5- ބުއްދިވެރިގޮތުގައި ޚަރަދުކުރުން

ކޮންމެ ދުވަހަކު އަތްލާންޖެހޭ ތަކެއްޗަށް ރަނގަޅު ޚަރަދެއް ކުރާށެވެ. މިސާލަކަށް ކަބަޑުތަކުގެ ހޭންޑްލްތަކާއި އިސްކުރު (ޓެޕް) ފަދަ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތި ކަމުގައި ހަދާށެވެ. ބަޖެޓް ކުޑަނަމަ، ކަބަޑުތަކަށްވުރެ ބޮޑަށް ކައުންޓަރޓޮޕްގެ ފެންވަރަށް އިސްކަންދޭށެވެ. އަދި ދުވަހަކުވެސް ބޭނުންނުކުރާނެ ފަދަ ގިނަ ފީޗާތައް ހުންނަ މެޝިންތަކާއި، ވަގުތީ ފެޝަނަށް ބަލައިގެން ގަންނަ ސާމާނަށް ޚަރަދުކުރުމުން ދުރުހެލިވާށެވެ.

6- ކިޗަން އައިލެންޑް

ކިޗަން އައިލެންޑަކީ ބަދިގޭގެ މެދުގައި ވަކިން ހުންނަ ގޮތަށް ފަރުމާކޮށްފައިވާ، މަސައްކަތްކުރުމަށް ބޭނުންކުރާ ޚާއްސަ ކައުންޓަރެކެވެ. މިއީ ބަދިގޭގައި ތަކެތި ތައްޔާރުކުރުމަށް އިތުރު ޖާގަ ލިބުމުގެ އިތުރުން، ސާމާނު ރައްކާކުރުމަށާއި، ކެއްކުމާއި ކެއުމުގެ ވަގުތުތަކުގައި އާއިލާގެ މެންބަރުންނާއި ރައްޓެހިން އެކުގައި މަޝްވަރާކޮށް ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދޭ މުހިންމު މަރުކަޒެކެވެ.

 

ބަދިގެއެއްގައި ‘އައިލެންޑް’ އެއް ހުރުމަކީ ގިނަ މީހުން ބޭނުންވާ ކަމެކެވެ. ނަމަވެސް، އައިލެންޑް މަތީގައި ސިންކު ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ސިންކު ކައިރީގައި އަބަދުވެސް ހަޑި ތަށިތަކާއި ފެން ބުރާފައި ހުންނާތީ، ބަދިގޭގެ މަރުކަޒީ ސަރަހައްދުގައި އެފަދަ މަންޒަރެއް ފެންނަން އޮތުމަކީ ބަދިގޭގެ ފުރިހަމަކަން ގެއްލޭނެ ކަމެކެވެ. އައިލެންޑުގައި އިށީނުމަށް ގޮނޑި ޖަހާއިރު، އެއް ސަފަކަށް ގޮނޑިތައް އަތުރާލުމުގެ ބަދަލުގައި، ކަނަކަށްވާ ގޮތަށް (90 ޑިގްރީގައި) ގޮނޑިތައް ބެހެއްޓުމުން މީހުންނާ ވާހަކަދައްކަން މާ ފަސޭހަވާނެއެވެ. އަދި ޖާގަ ކުޑަ ބަދިގެއެއް ނަމަ، މުޅިން ބައްދާފައި ހުންނަ އައިލެންޑެއްގެ ބަދަލުގައި ފައި ހުންނަ ގޮތަށް ފަރުމާކޮށްފައިވާ އައިލެންޑެއް ބޭނުންކުރުމުން، ތަނުގެ ހުސްޖާގަ ފެނި ބަދިގެ ތަނަވަސްކޮށް ދައްކުވައިދޭނެއެވެ.

ފުރިހަމަ ބަދިގެއެއް ތައްޔާރުކޮށްލެވެނީ އިއްތިފާގަކުން ނޫނެވެ. އެއީ މަސައްކަތް ފެށުމުގެ ކުރިން ރަނގަޅަށް ވިސްނާ، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅޭގޮތަށް ފަރުމާކުރުމުން ލިބޭ ނަތީޖާއެކެވެ. މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ، ދެން ހުރި ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތަރުތީބުވެގެންދާނެ ކަމަށް ކެންޑަލް ޔަގީންކަމާއެކު ފާހަގަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top