ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ޑިއޯލްގެ އާ ފިލްމު “ބަޓްވާރާ 1947 ” އޮގަސްޓްގައި
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް މުހިންމު ރޯލަކުން ފެނިގެންދާ ތާރީޚީ ފިލްމު “ބަޓްވާރާ 1947” ގެ ދެވަނަ ޓީޒާ އާއި ފިލްމު ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިއުލާނުކޮށްފިއެވެ. އާމިރު ޚާން ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ 14 އޯގަސްޓް 2026 ގައެވެ.

މި މަހުގެ 13 ވަނަ ދުވަހު ފިލްމުގެ އުފެއްދުންތެރިން ވަނީ ފިލްމުގެ ވަރުގަދަ ޓީޒާއަކާއި އާ ޕޯސްޓަރެއް އާންމުކޮށްފައެވެ. މި ތާރީޚަކީ އިންޑިއާ އާއި ޕާކިސްތާން ވަކިވި “ޕާޓިޝަން” އާ ގުޅުންހުރި، އަދި އިންޑިއާގެ މިނިވަން ދުވަހުގެ ކުރީ ދުވަސް ކަމަށްވާތީ، މިއީ ފިލްމުގެ މައުޟޫއާ ވަރަށް ބޮޑަށް ގުޅޭ ތާރީޚެކެވެ.

ދައްކާލި ޓީޒާއިން ފެންނަނީ 1947 ވަނަ އަހަރުގެ ބައިބައިވުމާއި ގުޅިފައިވާ ތަދުތަކާއި އިންސާނިއްޔަތުކަމުގެ ތަސްވީރެކެވެ. ޓީޒާގައި ފެންނަނީ އިންޑިއާ އާއި ޕާކިސްތާން ބައިބައިވެގެން ދިޔަ ގޮތް ރަމްޒުކޮށްދޭ މަންޒަރުތަކެކެވެ.

މި ފިލްމަކީ އަޞްޣަރު ވަޖާހަތުގެ މަޝްހޫރު ސްޓޭޖް ޕްލޭ “ޖިސް ލާހޯރު ނައި ފެކްޔާ، އޯ ޖަމްޔާ އީ ނައި” އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ބައިބައިވުމަށްފަހު މުސްލިމް އާއިލާއަކަށް ލިބުނު ގެއެއްގައި، ކުރިން އެގޭގައި އުޅުނު ދުވަސްވީ ހިންދޫ އަންހެނަކު އެގެއިން ނުނިކުމެ ހުރުމުން އުފެދޭ އަސަރުގަދަ ހާދިސާތަކެއްގެ މައްޗަށެވެ. ކުރިން “ލާހޯރު 1947” ގެ އުފައްދަން ފެށި މި ފިލްމުގެ ނަން މިހާރު ވަނީ “ބަޓްވާރާ 1947” އަށް ބަދަލުކޮށްފައެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަނީ ޑިއޯލްގެ އިތުރުން ޕްރިތީ ޒިންތާ، ޝަބާނާ އަޒްމީ، ކަރަން ޑިއޯލް، އަލީ ފަޒަލް އަދި އަބިމަންޔޫ ސިންގް ފެނިގެންދާނެއެވެ. އާމިރު ޚާން އާއި އަޕަރްނާ ޕުރޯހިތު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އޭ.އާރް ރަހުމާނެވެ. އަދި ފިލްމުގެ ޅެންތައް ލިޔެފައިވަނީ ޖާވިދު އަޚްތަރެވެ.

މި ފިލްމަކީ އިންސާނީ ކަރާމާތާއި، ޤައުމީ ބައިބައިވުމުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތައް ދައްކުވައިދޭނެ، 2026 ވަނަ އަހަރު ރިލީޒްކުރާ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top