އޭނާ އަހަރެންގެ ބިރުގަނެފައިވާ ދެލޮލަށް ބަލައިލާފައި ދުރަށް ޖެހިލިއެވެ. “އަހަރެންދެކެ ބިރުނުގަނޭ،” އޭނާ އަހަރެންގެ ކައިރިއަށް އަންނަން މަސައްކަތް ކުރަމުން އާދޭސްކުރިއެވެ.
“ނޫން!” އަހަރެން ބާރަށް ބުނަން މަސައްކަތް ކުރީމެވެ، އެކަމަކު ނުކުތީ މަޑު އަޑެކެވެ. “އައޭމް އޯކޭ އޭ، ހަމައެކަނި އަހަރެންނާ ދުރުގައި ހުރޭ،” އަހަރެން އިންޒާރު ދިނުމަށްފަހު ދުވެފައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ.
އަހަރެން އަވަހަށް ދޮރު ހުޅުވާލުމަށްފަހު ވަދެ ބާރަށް ދޮރު ލެއްޕީމެވެ. އަދި ދޮރުގައި ބުރަކަށި ޖައްސައިގެން އިނދެ ބިމަށް ތިރިވީމެވެ. އެވަގުތު އިސްއުފުލާ ބަލައިލިއިރު މުޅި ތަނުން ފެންނަނީ ގަދަ ނޫކުލައެވެ. ކިޔާމް އަހަރެންގެ ކަރުގައި ދަތް އެޅިލެއް ބާރުކަމުން ލޭތައް ދިޔައީ ވަރަށް ބާރަށް އޮހެމުންނެވެ. އަހަރެން ބޭނުންވީ އެތަން ނިވާކުރާނެ އެއްޗެކެވެ. ފަސޭހަވުމަށްޓަކައި އަހަރެން ބޭނުންވީ ގުދުރަތީ ފެނެވެ. އެކަމަކު އަހަރެންނަށް ފެންނަނީ ހަމައެކަނި އެ ނޫކުލައެވެ… ރަތްކުލައެއް ނޫނެވެ. މިއީ އަހަރެންގެ ކޮޓަރިއެއް ނޫނެވެ. އަހަރެންނަށް މި ވަދެވުނީ ކޮންމެވެސް އެހެން ލޭއިންސިއެއްގެ ކޮޓަރިއަށެވެ. އަދި އަހަރެންގެ ކަރުން މިދަނީ ވަރަށް ބޮޑަށް ލޭ އޮހެމުންނެވެ.
މިހާރު އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ!
ލިޔާމްގެ ނަޒަރުން….
އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އަހަރެންގެ ސިކުނޑީގެ ކޮޅެއްގައި އެކަން ބިންވަޅު ނެގިފައި ހުއްޓެވެ. އަހަންނަށް އެކަން އެނގުނެވެ. ނަމަވެސް އޭނާ ހުރީ ކިޔާމްއާ އެކުގައެވެ. އެންމެ ފަހުން އޭނާ ކިޔާމްއާ އެކު ހުއްޓާ ބަލަން ދިޔުމުން އަހަރެން މާ ބޮޑަށް ރުޅިގަދަވުން ނޫން ކަމެއް ނުވިއެވެ. ވެފައިވަނީ ކިހިނެއްތޯ ބަލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އޭނާ ހުންނާނީ އޭނާއާ މާ ކައިރީގައި ކަމަށް ވެދާނެއެވެ… ނުވަތަ އޭނާގެ ގައިގައި އަތްލަނީ ކަމަށް ވެދާނެއެވެ… ނުވަތަ ބޮސްދެނީ ކަމަށް ވެދާނެއެވެ.
އެ ނުލަފާ މީހާގަނޑު! އަހަރެން ކުކުރާލުމަށްފަހު އެނދުން ތެދުވެ، ދޮރާ ދިމާއަށް ބާރަށް ހިނގައިގަތީމެވެ. ދެން އަހަރެން ހުއްޓުނީމެވެ. ނޫނެކެވެ، އެއީ ނުރައްކާތެރި ވިސްނުމެކެވެ. އަހަރެން ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، ކިޔާމްއާ އެކު އޭނާ ހުންނާނީ ސަލާމަތުންނެވެ. އޭނާއާ ދިމާއަށް ފިޔަވަޅެއް އަޅަން ކެރޭވަރަށް ވުރެ ކިޔާމް މާ ފިނޑިވާނެއެވެ. އަހަރެން ކޮޓަރި ތެރޭގައި ހިނގަމުން ހީނލީމެވެ. އާނއެކެވެ، ކިޔާމް އަޒްމާރާގެ މައްޗަށް ބާރުފޯރުވާކަށް ނޫޅޭނެއެވެ… މިބުނީ އެ ކަނޑުރެއްސިގެ ވާހަކައެވެ. އޭނާގެ އަސްލު ނަމުން ގޮވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ މާނައަކީ އޭނާ ދެކޭ ގޮތާ މެދު ނުވަތަ އޭނާގެ އިހުސާސްތަކާ މެދު އަހަރެން ކަންބޮޑުވަނީއެވެ… އެކަމަކު އަހަރެން ކަންބޮޑެއް ނުވަމެވެ… ކުޑަކޮށްވެސް ކަންބޮޑެއް ނުވަމެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަލުން އެނދުގައި އިށީނީމެވެ.
އޭނާގެ ހިތުގެ ތެޅުން އަނެއްކާވެސް އަވަސްވިކަން އަހަންނަށް އެނގުނެވެ.
“މަޑުން ހުރޭ!” އަހަރެން ބާލީހަކުން ބޯ ނިވާކުރަމުން ހަޅޭއްލަވައިގަތީމެވެ.
އަހަރެން އެހެން ކަމަކާ މެދު ވިސްނޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ދަތުރުކުރަނީ މިއަދު ބައްޕައާއި އެ ކަނޑުރެއްސި އަހަރެމެންނާ ހިއްސާކުރި މައުލޫމާތާ ދިމާއަށެވެ.
ހަމައެކަނި މިތަނުގައި ހުރުމުގެ ސަބަބުން، އަދި އަހަރެންނާ… ނޫން، އަހަރެމެންނާ އެކު އުޅުމުގެ ސަބަބުން، އޭނާގެ އަމިއްލަ މީހުންގެ ފަރާތުން އޭނާއަށް އަދަބު ލިބިދާނެއެވެ. ފަހަރެއްގައި މަރުގެ އަދަބުވެސް ދީފާނެއެވެ. އެއީ އިންސާފަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިތަނަށް އައީ އޭނާގެ އިޚްތިޔާރަކު ނޫނެވެ! އެކަން އެކަންޏެއް ނޫނެވެ، އޭނާއަކީ މި ޒަމާނުގެ އެންމެ ބާރުގަދަ ކަނޑުރެއްސިއެކެވެ. އަހަރެމެން މި ކޮޅިގަނޑެއްގެ ތެރެއަށް ވަނީ ކީއްވެ ހެއްޔެވެ؟
ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަމުގެ އަގު ހުރި ކަމެކެވެ. އޭނާ އަނބުރާ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ވަރިހަމައެވެ.
އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވިފައި ބާރަށް ލެއްޕުނު އަޑު އިވުނެވެ. އެއީ ކާކު ހެއްޔެވެ…
އެ ވަގުތު އަހަންނަށް ވަހެއް ދުވިއެވެ. އެއީ މީރު، ހުތް ފޮނި، އަދި ހޫނު މޫސުމުގެ އިހުސާސް ކޮށްދޭ ވަހެކެވެ. އެ ވަހުގެ ސަބަބުން އަހަރެންގެ ކަރުތެރެ އަނދައިގަތް ކަހަލައެވެ. އަހަންނަށް އެ ވަސް އެނގެއެވެ… އެއީ އަޒްމާރާ އެވެ.
އަހަރެން ބާލީސް އެއްފަރާތް ކޮށްލުމަށްފަހު ތެދުވެ އިށީނީމެވެ.
“ކުޑަކުއްޖާ؟” ކޮޓަރި ތެރެއަށް ބަލައިލަމުން އަހަރެން ބުނީމެވެ. އެ ވަގުތު އޭނާ ދޮރު ކައިރީ ބިންމަތީގައި އިށީނދެގެން އިންދާ އަހަންނަށް ފެނުނެވެ. އޭނާ ހުރީ ވަރަށް ބަލިކޮށް ކަމަށް ފެނެއެވެ. ނަމަވެސް ސަބަބެއް ނޭނގެއެވެ. ދެން އަނެއްކާވެސް އެ ވަސް ދުވުމުން އަހަރެންގެ ނޭވާ ހުއްޓުނެވެ. އޭނާގެ ކަރުން ވަރަށް ގިނައިން ލޭ އަންނަނީއެވެ.
“އަޒްމާރާ؟” އަހަރެން އެނދުން ފުންމާލައިގެން ސިކުންތެއްގެ ތެރޭގައި އޭނާގެ ކުރިމައްޗަށް ދިޔީމެވެ. “ކިހިނެއްވީ؟” އަހަރެން ސުވާލުކުރީމެވެ.
“ފޮތިގަނޑެއް ގެނޭ،” އޭނާ އުނދަގުލުން ބުނެލިއެވެ. އޭނާގެ ނޭވާ ހުރީ ތުރުތުރުލާފައެވެ.
އަހަރެން ފާޚާނާއަށް ގޮސް ފޮތިގަނޑެއް ހިފައިގެން އޭނާގެ ކައިރިއަށް އައިސް، ޒަޚަމްގައި އެ ފޮތިގަނޑު އެޅީމެވެ.
އޭނާ ތަދުވެގެން ކުކުރާލިއެވެ. އަދި ބަލިގޮތަކަށް އަހަރެންގެ އަތް ދުރަށް ޖައްސަން މަސައްކަތް ކުރިއެވެ. “އަހަރެން އޯކޭ އޭ،” އޭނާ ފުން ނޭވާއެއްލަމުން ބުންޏެވެ. “އަހަރެން ކަލެއާ ދުރަށް ދާން ބޭނުން.” އޭނާ ތެދުވަން މަސައްކަތް ކުރިއެވެ.
“އަޒްމާރާ، ސީރިއަސްކޮށްތަ؟ ކަލޭ ކޮންތާކަށް ދާނީ؟ މިވަގުތު ކަލެއަށް އެންމެ ރައްކާތެރި މީހަކީ އަހަރެން…” އޭނާއަށް އެހީވުމަށްޓަކައި އަހަރެން އަވަހަށް ވިސްނީމެވެ.
“މި ލޭ… އަހަރެން މައާފަށް އެދެން. އަހަންނަށް އެނގޭ…”
“މަޑުން ހުރޭ، ކަލޭ ހީވަނީ ފަތްމިންޏެއް ހެން،” އަހަރެން ބުނީމެވެ.
ކޮންމެވެސް ސަބަބަކާ ހުރެ އޭނާއަށް މިއީ ވަރަށް މަޖާ ކަމަކަށް ވިއެވެ. އޭނާ ހީނލިއެވެ. “ކަލޭ ޓްވައިލައިޓް ކިޔަންތަ؟” ދެން އޭނާ ކަރުކެހިލިއެވެ. އެއީ އޭނާއަށް ތަދުވާވަރުން ލައްވައިލި އަޑެއް ކަމަށް ގަބޫލުކުރެވެއެވެ.
“އެ ވާހަކަ އެންމެނަށްވެސް އެނގޭނެ… ތިކަމާ ފަހުން ވާހަކަދެއްކިދާނެ،” އަހަރެން ބުނީމެވެ. “ކިހިނެއްވީ؟ އަހަރެން ކޮށްދޭންވީ ކޮން ކަމެއް؟” އަހަރެން ސުވާލުކުރީމެވެ. “ނޫނޭ، އަހަރެން ކުރަންވީ ކަންތައް އަހަންނަށް އެނގިއްޖެ…” އަހަރެންގެ އަތް އަހަރެންގެ އަނގަޔާ ދިމާއަށް ގެންދިޔައީމެވެ.
“ނޫން!” އަހަރެން ހީކުރި ވަރަށް ވުރެ ބާރަށް އޭނާ ބުންޏެވެ. “އަހަރެން ކަލޭގެ ލެއެއް ނުބޯނަން.”
“ކީކޭ؟” އަހަރެން ގާތްގަނޑަކަށް ހަޅޭއްލަވައިގަތީމެވެ. “މީގެ ސަބަބުން ތިކަމަށް ފަރުވާ ލިބޭނެ!”
“ނޫން، އަހަރެން ފެނާ ހަމައަށް ގެންގޮސްދީ…” އޭނާ އުނދަގުލުން ބުންޏެވެ.
“ކަލޭ ފެންވަރަން ބޭނުންވަނީތަ؟” އަހަރެން ހައިރާންވެ ހުރެ ސުވާލުކުރީމެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟
“ނޫން، އަހަރެން މިބުނީ ބޭރަށް… ގުދުރަތީ ފެންގަނޑަކަށް… ކޮންމެ ތަނަކަށް ވިޔަސް ވަރިހަމަ. ފެންގަނޑެއް ނުވަތަ ކުޅިއެއް. އަހަރެން ފެނަށް ވައްޓާލައިފިއްޔާ އަހަރެން ރަނގަޅުވާނެ،” އޭނާ ކިޔައިދިނެވެ.
“އޯކޭ،” އަހަރެން ބުނީމެވެ. އަދި އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެން، ގޭތެރެއިން ދުވެފައި ނުކުމެ، ޖަންގަލީގެ ތެރޭގައި އޮންނަ ބޮޑު ކުޅިއާ ހަމައަށް ދިޔީމެވެ. އެއީ ވަރަށް ފުން، ހިލަތަކާއި ގަސްތަކުން ވަށާލެވިފައިވާ ތަނެކެވެ.
އަހަރެން ފަހު ފަހަރަކަށް އޭނާގެ މޫނަށް ބަލައިލުމަށްފަހު ފެނުގެ ތެރޭގައި ބޭއްވީމެވެ. އޭނާ އެތަނުގައި އޮވެފައި މަޑުމަޑުން އަޑިއަށް ދާން ފެށިއެވެ. އަހަރެން ބިރުގަތެވެ.
އަހަރެން މާ ލަސްވީ ހެއްޔެވެ؟
އަހަރެން އޭނާ ނަގާފައި އަހަރެންގެ ލޭ ބޯން ދޭން އުޅުނު ވަގުތު، ފެންގަނޑު ދިއްލެން ފެށިއެވެ. އަހަރެން ރަނގަޅަށް ބަލައިލިއިރު، އެއީ ފެންގަނޑު ދިއްލެނީއެއް ނޫނެވެ، ދިއްލެނީ އަޒްމާރާއެވެ. އެއީ ނޫކުލައާއި ހުދުކުލައިގެ އަލިކަމެކެވެ. އެ އަލިކަން ގަދަވަމުން ގޮސް އަޒްމާރާގެ ސިފަވެސް ވަކިކުރަން ނޭނގޭ ވަރުވިއެވެ. އެއީ ވަރަށް ރީތި މަންޒަރެކެވެ.
މާތް ކަލާކޯ، އަހަރެން މިވަނީ ކިޔާމް ފަދަ މީހަކަށް ހެއްޔެވެ؟ އަހަރެން ފުން ނޭވާއެއްލާފައި ބޯ ހޫރާލީމެވެ.
ދެން ފެނުނީ އަޒްމާރާ ފެނުން މައްޗަށް ބޯ ހިއްލާލައި ފުން ނޭވާއެއްލި ތަނެވެ. ފެނުގެ އަޑީގައި އޭނާގެ ހަށިގަނޑުގެ ތިރީބައި މަޑުމަޑުން ނިގުލަކަށް ބަދަލުވަމުންދާތަން އަހަންނަށް ފެނުނެވެ. އެ ނިގުލުގެ ކުލަ އޭނާގެ އައިސް-ބްލޫ ދެލޮލާ ނުހަނު ގުޅެއެވެ. އިރުގެ އަލި ފެނަށް އެޅުމުން އޭގެ ކުލަ ބަދަލުވާހެން ހީވެއެވެ. އޭނާގެ އިސްތަށިގަނޑު ތެރޭގައާއި ކަރުގައި ހުޅުނބުތަކެއް ހުއްޓެވެ. މިހާރު އެއްވެސް ލެޔެއް ނެތެވެ… އޭނާގެ ކަރު އޮތީ މުޅިން ސާފުކޮށެވެ.
“ތެންކިޔޫ،” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާ އަހަންނަށް ބަލައިލާ ހީނލުމުން އޭނާގެ ހަންގަނޑު ދިއްލިގެން ދިޔަ ކަހަލައެވެ.
އަހަރެން ފުން ނޭވާއެއްލައި، ފެންގަނޑުގެ އަރިމަތީގައި އޮތް ބޮޑު ހިލައެއްގެ މަތީގައި އިށީނީމެވެ. “އަސްލު ކައެއް ކިހިނެއް ކިހިނެއްވީ؟” އަހަރެން ސީރިއަސްކަމާއެކު ސުވާލުކުރީމެވެ.
އޭނާ އުނދަގޫވެފައިވާ ގޮތަކަށް ފުން ނޭވާއެއްލުމަށްފަހު، ހަމައެކަނި ދެލޯ ފެންމަތީގައި ހުންނާނެހެން ފެނުގެ އަޑިއަށް ދިޔައެވެ.
“އަޒްމާރާ، އަހަރެން މި ދައްކަނީ ސީރިއަސް ވާހަކައެއް،” އަހަރެން ރުޅިވެރިކަމާއެކު ބަލައިލީމެވެ. “ކަލޭ ތިޔަ އިނީ އަހަންނަށް ދަރާފަ. އަހަރެން ކަލޭ ސަލާމަތްކުރީ.”
އޭނާ ލޯ އަނބުރާލުމަށްފަހު ހިލަގަނޑުގެ ކައިރިއަށް ފަތާފައި އައެވެ. އަދި ހިލަގަނޑުގައި އަތް ބާއްވައި، އޭގެ މަތީގައި ދަތްދޮޅި ވިއްދާލިއެވެ.
“އެއީ އެކްސިޑެންޓެއް،” އޭނާ ކުރު ގޮތަކަށް ޖަވާބު ދިނެވެ.
“ކޮން ކަހަލަ އެކްސިޑެންޓެއް؟” އަހަރެން ބުމަ އަރުވާލީމެވެ. “ވީ ކިހިނެއް ހެއްޔޭ؟”
“ކިޔާމް…” އޭނާ ފުން ނޭވާއެއްލިއެވެ.
“ކަލޭ ސީރިއަސްވެބަލަ!” އަހަރެން ހިލަގަނޑުން ތެދުވަމުން ހަޅޭއްލަވައިގަތީމެވެ. “އަހަރެން އޭނާ މަރާލާނަން.”
“ލިޔާމް، ނޫން!” އޭނާ އަހަރެންގެ ފައިގެ ތަނބިކަށީގައި ހިފެހެއްޓިއެވެ.
އަހަރެން އޭނާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. “އޭނާ ކަލޭގެ ގައިގައި ދަތްއެޅީ… އޭނާ ކަލޭ މަރާލަން އުޅުނީ. އެކަމަކު ކަލޭ ބޭނުންވަނީ އަހަރެން އެކަން ދޫކޮށްލަންތަ؟”
“އާނ… ކަލެއަށް އެކަން އެހާ ބޮޑުކަމަށް ވާނެ ކަމަކަށް އަހަރެން ހީއެއް ނުކުރަން،” ހައިރާންވެފައި އޭނާ ބުންޏެވެ.
“އެހެންވިއްޔާ ކަލޭ ދުވެފައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީ ކީއްވެ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ.
“އަހަރެން ދާން އުޅުނީ އަހަރެންގެ ކޮޓަރިއަށް… ދެވުނީ އޮޅުމަކުން…”
“އޮޅުމަކުންނޭ؟ ވަރަށް ހީވޭ!” އަހަރެން މަލާމާތުގެ ހިނިތުންވުމަކާއެކު ބުނީމެވެ. “އަހަރެންގެ ގޮތެއް ކަލެއަކަށް ނޭނގޭނެ. އަހަރެންގެ ކޮންޓްރޯލް ގެއްލި، އަހަރެން އަމިއްލައަށް ކަލޭގެ ގައިގަ ދަތްއަޅާ، ލޭ ހުސްކޮށްލެވުނީސް. އެކަމަކު، އަހަރެންގެ ކެތްތެރިކަން ހުރިކަން އެއީ ކަލޭގެ ނަސީބު،” އަހަރެން ފެނާ ކައިރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތީމެވެ. “އަހަރެން ހުރީ ކައިގެން ކަމުން، މާ ބޮޑަށް ބަނޑުހައި ނުވެ ހުރީތީ އެއީ ކަލޭގެ ނަސީބު.”
އޭނާ ބިރުން ފެނުގެ ތެރެއަށް ފަހަތަށް ޖެހިލިއެވެ.
އަހަރެން އިތުރަށް އެއްޗެއް ބުނަން އަނގަ ހުޅުވާލުމަށްފަހު، ފުން ނޭވާއެއްލައި ހަމަޖެހިލީމެވެ.
“ސޮރީ،” އަހަރެން ބުނީމެވެ. އަދި އަލުން ހިލަގަނޑުގައި އިށީނީމެވެ. އޭނާވެސް އަނބުރާ ހިލަގަނޑުގެ ކައިރިއަށް އައިސް، ފެނުގެ ތެރޭގައި އޭނާގެ ނިގޫ ހަލުވާލަ ހަލުވާލަ އޮތެވެ.
“ދެން…” އޭނާ މަލާމާތުގެ ހިނިތުންވުމެއް ދިނެވެ.
އަހަރެންވެސް ހިނިތުންވާން ބޭނުންވި ނަމަވެސް، އެކަން ހިފަހައްޓަމުން ބުނީމެވެ. “ކީކޭ؟”
“އުނހު، ކަލޭ ތީ ހާދަ ގޮތެއް ނެތް މީހެކޭ،” އޭނާ ލޯ އަނބުރާލިއެވެ.
އަހަންނަށް އެހެން ގޮތެއް ނެތެވެ. މި އިހުސާސްތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އެއީއެވެ. އަހަރެން ޖެހޭނީ އެކަންކަން ދުރަށް ޖައްސާށެވެ.
“އަހަރެން މިހުރީ ކުޑަކޮށް ނުތަނަވަސްވެފަ. އަހަރެންގެ އަމިއްލަ ބޭބެގެ އަތުން ކަނޑުރެއްސިއެއްގެ ފުރާނަ ސަލާމަތްކުރަން ޖެހުމަކީ ދުވަހަކުވެސް ވެދާނެ ކަމަކަށް އަހަރެން ހީކުރި ކަމެއް ނޫން،” އަހަރެން ބުނީމެވެ.
“އައިއޭސް ސޮރީ،” އޭނާ ބުންޏެވެ. “އެހެންވީމާ ކަލޭ ޓްވައިލައިޓް ވެސް ކިޔަނީތާ،” އޭނާ އަނެއްކާވެސް ހިނިތުންވެލިއެވެ.
“އަހަރެން މި ބުނީނު އެއީ އެންމެނަށްވެސް އެނގޭ ވާހަކައެކޭ،” އަހަރެން އެހެން ދިމާލަކަށް ބަލަމުން ބުނީމެވެ.
“ތިކަމާ ލަދުގަންނާނެ ކަމެއް ނެތް،” އޭނާ މަލާމާތް ކުރަމުން ބުންޏެވެ. “ވަރަށް ގިނަ ފިރިހެން ކުދިންވެސް ކިޔާ…”
“އޯކޭ، މަޑުކުރޭ،” އަހަރެން އޭނާގެ ވާހަކަ މެދުކަނޑާލީމެވެ. “ފުރަތަމަ ކަމަކީ، އަހަރެން މިއީ އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. ދެވަނަ ކަމަކީ، އަހަރެން އެ ފިލްމު ބެލީ ފައުޒާ އާ އެކު… އަހަރެން އެ ފޮތެއް ނުކިޔަން،” އަހަރެން ބުނީމެވެ.
“ހޫމް… ދެން ކަލޭ ބުނި އެއްޗެއް ގަބޫލުކުރަންތާ ޖެހޭނީ ދޯ،” އޭނާ ހީނލަމުން ބުންޏެވެ.
“އަސްލު ވީ ކިހިނެއް؟” އަހަރެން ސީރިއަސްކަމާއެކު އޭނާގެ ލޮލަށް ބަލައިލީމެވެ.
“ކަލޭ ގޮސް ކަލޭގެ ބޭބެ މަރާލާކަށް އަހަރެން ބޭނުމެއް ނޫން،” އޭނާ ސަމާސާ ރާގަކަށް ބުންޏެވެ.
“އަހަރެން އެހެންނެއް ނުހަދާނަން،” އަހަރެން ލޯ އަނބުރާލީމެވެ. “އަހަރެން… އަހަންނަށް ކުޑަކޮށް… އުހުނ މާ ބޮޑަށް ރިއެކްޓް ކުރެވުނީ.”
“އަހަރެމެން ކިސްކޮށްލީ… މިބުނީ އޭނާ އަހަރެންގެ ތުންފަތުގަ ކިސްކުރީ، އެކަމަކު އެންމެފަހުން… އޭނާ ކޮންޓްރޯލުން ނެއްޓުނީ،” އޭނާ ދެރަވެފައި، ނަމަވެސް ބިރުން ހުރެ ބުންޏެވެ.
ދެރަވެފައޭ؟ އޭނާ ދެރަވާންވީ ކީއްވެ ހެއްޔެވެ؟
“ކަލޭ އަހަރެން ކައިރިއަށް އައިކަން އޭނާއަށް އެނގޭތަ؟” އަހަރެން ސުވާލުކުރީމެވެ. އަހަރެން އެހެން އެހީ ކީއްވެ ހެއްޔެވެ؟
އަހަރެންގެ ސިކުނޑީގައި ވަނީ ކޮން ކަމެއް ހެއްޔެވެ؟
“އަހަރެން… އަހަރެން ކަލޭ ކައިރިއަކަށް ނާންނަން،” އޭނާވެސް އަހަރެންގެ ސުވާލުން ހައިރާންވިއެވެ. “އަހަރެން ހަމައެކަނި އޭނާއާ ދުރަށް ދިޔައީ.”
“އަހަރެން އަހަން އުޅުނީ އެހެންނެއް ނޫން. އަހަރެން ބުނަން އުޅުނީ…” އަހަންނަކީ ދުވަހަކުވެސް މިހާ ފަސޭހައިން ބަސް ހުއްޓޭ މީހެއް ނޫނެވެ. ބުނާނެ އެއްޗެއް ނޭނގިގެން އުޅޭކަށް ނުޖެހެއެވެ… ޚާއްޞަކޮށް އަންހެން ކުދިންނާ ވާހަކަދައްކާއިރުއެވެ. މިއީ އަހަރެންގެ ގޮތެއް ނޫނެވެ. މި އަންހެން ކުއްޖާ އަހަންނަށް މި ކުރަނީ ކީއް ހެއްޔެވެ؟ “އަހަރެން އަހާލަން އުޅުނީ އޭނާއަށް އެނގޭހޭ ކަލޭ އޯކޭކަން؟”
“އޯ، ނޫން… އަހަރެން އޭނާ ގާތު ބުނަން ޖެހޭނެ…” އޭނާ ފެނުން ބޭރަށް ނުކުންނަން އުޅެފައި ހުއްޓުނެވެ. “އޯ، ގޯޑް،” އޭނާ އަނބުރާ ފެނުގެ ތެރެއަށް ވަންނަމުން ކުކުރާލިއެވެ. “އަހަރެން ހާދަ މޮޔައޭ،” އޭނާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
“އަހަރެންވެސް ތިކަމާ ވިސްނާތާ ކިތަންމެ އިރެއް،” އަހަރެން ހީނލަމުން ބުނީމެވެ.
“މަޑުން ހުރޭ، ލިޔާމް!” އޭނާ ހަޅޭއްލަވައިގަތެވެ. “އަހަރެން މިދައްކަނީ ސީރިއަސް ވާހަކައެއް.”
“ކިހިނެއްވީ؟” އަހަރެން އަދިވެސް ހީނހީނ ހުރެ އެހީމެވެ.
“އަހަންނަކަށް މި ފެންގަނޑުން ބޭރަކަށް ނުނިކުމެވޭނެ،” އޭނާ ބުންޏެވެ.
“އެއީ ކީއްވެގެން؟” އަހަރެން އަނެއްކާވެސް ހީނލީމެވެ.
“ތި ހުނުން ހުއްޓާލާބަލަ!” އޭނާ ޝަކުވާ ކުރިއެވެ.
“ކޮބާ މައްސަލައަކީ؟” އަހަރެން ހިނިގަނޑު ހިފަހައްޓަމުން އަނެއްކާވެސް އެހީމެވެ.
“އަހަރެން ބޭރަށް ނުކުމެ… ހިކިގެން އަލުން އިންސާނަކަށް ބަދަލުވާއިރު… އަހަރެން ހުންނާނީ… މީ….،” އޭނާ ފެނުގެ އަޑިއަށް ވަދެފައި މަޑުމަޑުން އެއްޗެކޭ ބުންޏެވެ.
“އޯކޭ، އަހަރެންގެ ކަންފަތް ތޫނު ނަމަވެސް ތިހާ މަޑުން ބުނާ އެއްޗެއް ނީވޭނެ،” އަހަރެން ބުނީމެވެ.
“އަހަރެން ހުންނާނީ…” އޭނާ އަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ.
“އަޒްމާރާ، ދެން ތިކަން ހުއްޓާލާފަ ސާފުކޮށް ބުނެބަލަ،” އަހަރެން ކުޑަކޮށް ރުޅިއައިސްގެން ބުނީމެވެ.
“އަހަރެން ހުންނާނީ އޮރިޔާމުންނޭ!” އޭނާ ގާތްގަނޑަކަށް ހަޅޭއްލަވައިގަތެވެ. އަދި އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.
އަހަރެން ހައިރާންވެގެން އަނގަ ހުޅުވުނެވެ. ނަމަވެސް އަވަހަށް ހަމައަކަށް އެޅުނީމެވެ. އާނއެކެވެ، އޭނާ ހުންނާނީ އެހެންތާއެވެ… އޭނާ އިންސާނީ ސިފައަށް ބަދަލުވާއިރު ގައިގާ ފޭރާން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު މައްސަލައަކީ އެއެއް ނޫނެވެ. މައްސަލައަކީ އަޒްމާރާ އެ ހާލަތުގައި ހުންނާނެ ސިފަ އަހަރެންގެ ހިތަށް ވަނުމެވެ. ދެން ދުވަހަކުވެސް އޭނާއަށް ކުރިން ބެލި ގޮތަކަށް ނުބެލޭނެއެވެ. އަބަދު އަޒްމާރާއާ މެދު ވިސްނަން އަނެއްކާ އިތުރު ސަބަބެއް ބޭނުމެއް ނުވެއެވެ.
“އަހަންނަކަށް މި ފެންގަނޑަކުން ނޭރޭނެ،” އޭނާ އިތުރަށް ލަދުގަތެވެ.
“އަހަންނަކަށް މިވަގުތު އެނބުރި ގޮސް ހެދުން ގެނެވޭކަށް ނެތް،” އަހަރެން ވަށައިގެން ބަލައިލަމުން ބުނީމެވެ. “ކަލޭ މިތަނަށް އެކަނި ދޫކޮށްލާފަ ދާކަށް އަހަންނަށް ނުކެރޭނެ.”
“އެހެންވިއްޔާ… ކޮންމެވެސް ގޮތެއް ވިސްނާބަލަ،” އޭނާ ބުންޏެވެ.
“އަހަރެން…” ދެން އަހަރެންގެ ލެދަރު ޖެކެޓަށް ބަލައިލީމެވެ. އެއީ އަހަރެންގެ އުނަގަނޑަށް ވުރެ ތިރިއަށް ހުންނަ، އަހަންނަށްވެސް ކުޑަކޮށް ދޫ ޖެކެޓެކެވެ. އޭނާއަށް އެ ޖެކެޓް ފަސް ގުނަ ބޮޑުވާނެއެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ. “ބޭރަށް ނުކުމޭ،” އަހަރެން އަމުރުކުރީމެވެ.
“ކީކޭ؟”
“އަހަންނަށް އިތުބާރު ކުރަމެއްނު؟” އަހަރެން ބުމަ އަރުވާލަމުން އެހީމެވެ.
އޭނާ ކުޑަކޮށް ޖެހިލުންވި ނަމަވެސް، އަހަންނަށް އިތުބާރު ކުރާ ކަމަށް ދެއްކިއެވެ. އޭނާ ފެންގަނޑުގެ އަރިމަތީގައި ހުރި ގަސްގަނޑެއްގައި ހިފައިގެން މައްޗަށް އެރިއެވެ. އިރުގެ އަލީގައި އޭނާގެ ނިގޫ ވިދަމުން ދިޔައެވެ. އޭނާ އުއްމީދާއެކު އަހަންނަށް ބަލައިލިއެވެ. އޭނާ ހިކެން ފެށުމާއެކު، އޭނާގެ އުރަހަ ވަރަށް އަވަހަށް ފަޔަކަށް ބަދަލުވާން ފެށިއެވެ.
އަހަރެން އަވަހަށް ޖެކެޓް ބާލައި، އޭނާގެ ކޮނޑުމަތީގައި އެޅުވީމެވެ.
އޭނާގެ ހަންގަނޑުން ހުޅުނބުތައް ފިލައި، ދެފައި ވަކިވެ އޭނާ ކޮޅަށް ތެދުވިއެވެ. އަހަރެން ހީކުރި ގޮތަށް އެ ޖެކެޓް އޭނާއަށް ހީވަނީ ހެދުމެއް ހެންނެވެ. އޭނާ އެ ޖެކެޓްގައި ބާރަށް ބައްދާލިއެވެ.
“ޝުކުރިއްޔާ،” އޭނާ ހިނިތުންވުމަކާއެކު ބުންޏެވެ. “ވަރަށް ރަނގަޅު ޚިޔާލެއް.”
“އައި ތިންކް ސޯ،” އަހަރެން ފަރުވާކުޑަ ގޮތަކަށް ބުނީމެވެ. “ވަގުތު ސަލާމަތް ކުރުމަށްޓަކައި؟” އަހަރެން އޭނާ އަތްދަނޑިމައްޗަށް އުފުލާލަން އަތް ދިއްކޮށްލީމެވެ. ނުވަތަ އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ؛ އެއީ ވަގުތު ސަލާމަތް ކުރާށެވެ.
“އަހަންނަށް ހިނގާފައި ދެވިދާނެ. އަވަސް އަރުވާލާނެ ކަމެއް ނެތް،” އޭނާ ބޯ ހޫރާލަމުން އަހަރެންނާ ދުރަށް ފިޔަވަޅެއް އެޅިއެވެ.
“ނޫނީ އަހަރެން ކަލޭ އުފުލާލައިގެން ގެންދާނީ،” އަހަރެން ބުނީމެވެ.
“ނޫން،” އޭނާ އަހަރެން އަތްފޯރާ ފަށުން ދުރަށް ދިޔައެވެ.
“ކަލޭ ތިހާ ގޮތްދޫނުކުރަނީ ކީއްވެ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ.
“ކަލޭގެ ތިހާ ބަސްނާހާ ގޮތެއް ހުންނަނީ ކީއްވެ؟” އޭނާވެސް ރައްދުދެމުން ބުންޏެވެ.
“އެއީ އަހަރެންގެ ގޮތް ކަމަށްވާތީ… އެއީ އަހަރެންގެ ސިކުނޑި ހަމަޖައްސައިދޭ ގޮތް،” އަހަންނަށް ހަމަ އެހެން ބުނެވުނީ ހެއްޔެވެ؟
“އެންމެން ކަލެއާ ދުރަށް ޖެއްސުމުން؟އެއީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން،” އޭނާ ޒުވާބު ކުރިއެވެ.
“ކަލެއަކަށް ނޭނގޭނެ،” އަހަރެން އޭނާގެ މޭގައި އިނގިލި ޖައްސާލަމުން ބުނީމެވެ.
ހައިރާންވެފައި އޭނާ ފަހަތަށް ޖެހި ގަހެއްގައި ލެގުނެވެ.
އަހަރެން އޭނާއާ އިތުރަށް ކައިރިވީމެވެ. “އަހަރެން ޔަގީން ކުރަން ކަލެއަކީ ވަރަށް ވިސްނޭ ކުއްޖެއް ކަމަށް. ކަލޭގެ ރަސްކަމުގެ އާއިލާއިން ކަލޭ ގެންގުޅޭނީ ވަރަށް ފެންވަރުގަ ކަމަށް އަހަރެން ހީކުރަން. އަހަންނަށް އެކަހަލަ ކަމެއް ނުލިބޭ، އެނގިއްޖެތަ؟ އަހަރެންގެ މައިންބަފައިން ހީކުރަނީ އަހަންނަކީ ބޭކާރު މީހެއް ކަމަށް… އެމީހުން އަހަރެންގެ އުޅޭގޮތް ދެކެ ފޫހިވޭ. އެހެންވީމާ އެކަމުން ދެރަ ނުވުމަށްޓަކައި އަހަންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެމީހުންނަށް އަޅާނުލައި އެންމެން ދުރަށް ޖެއްސުން. އޭރުން ފަސޭހަވޭ،” އަހަރެން ބުނީމެވެ.
“ތިއީ ރަނގަޅު ގޮތެއް ނޫން، ލިޔާމް،” އޭނާ ބިރުނުގަނެ ބުންޏެވެ.
އޭނާ އަހަރެންދެކެ ބިރުނުގަންނަނީ ކީއްވެ ހެއްޔެވެ؟އަހަރެން މި އުޅެނީ އޭނާ ބިރުގަންނަވައި ފޮނުވާލާށެވެ! އޭނާ ދުރަށް ހިނގައްޖެނަމަ އަހަންނަށް މި އިހުސާސްތަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ… އަދި އަހަރެން މި އިހުސާސްތަކާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ.
“އަހަރެން ބުނިހެން،” އަހަރެން ބުނީމެވެ. “ކަލެއަކަށް ނޭނގޭނެ.” އަހަރެން އަތް އުރާލައިގެން އޭނާއަށް ބަލަން ހުރީމެވެ.
އޭނާ އަހަރެންގެ ހާމައަށް ހުރި އަތަށް ބަލައިލުމުން، އޭނާގެ ލޯ ބޮޑުވެގެން ދިޔަތަން ފެނުނެވެ. އަހަންނަށް ކުޑަކޮށް ހީނލެވުނެވެ.
އޭނާ އިސްއުފުލައި ބަލައިލުމަށްފަހު، އޭނާވެސް އަތް އުރާލިއެވެ. “ކީކޭ؟”
“ކަލޭ އަނެއްކާވެސް އަހަންނަށް ބަލަނީއޭ،” އަހަރެން ހީނލަމުން ބުނީމެވެ.
“ތިއީވެސް މީހުން ދުރަށް ޖައްސަން ކުރާ ކަމެއްތަ؟މަލާމާތް ކުރުން؟ ލިޔާމް، ކަލެއަކަށް އަހަރެން ދުރަކަށް ނުޖެއްސޭނެ،” އޭނާ ގޮތްދޫނުކޮށް ބުންޏެވެ.
އަހަރެންގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. “އެއީ މުހިންމު ކަމެއް ނޫން، ކަލޭ ވަރަށް އަވަހަށް މިތަނުން ދާނެ،” އަހަރެން މޫނު އަނބުރާލީމެވެ. އޭނާގެ އެ ގޮތްދޫނުކުރުމުގެ ސަބަބުން އޭނާގެ ތުންފަތުގައި ބޮސްދޭން އަހަރެން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ހަމަ މުޅިން ސަކަރާތްވީއެވެ.
“އެހެންވިއްޔާ ބުނެބަލަ، އަހަރެން މިތަނަށް ގެނައީ ކީއްވެ؟” އޭނާ އެހިއެވެ.
“އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން، ކުޑަކުއްޖާ،” އަހަރެން ބުނީމެވެ. “ހިނގާ ދާން.” އަހަރެން އެނބުރި އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ދުއްވައިގަތީމެވެ.
‘އާނއެކެވެ، ލިޔާމް. އޭނާ މިތަނުގައި ހުރުމުގެ ސަބަބެއް އެބައޮތެވެ… އެއީ ބަދަލުހިފުމެވެ. ކަލޭގެ އާއިލާއަށް އެހާ ބޮޑު ތަދެއް ދީފައިވާ ބަޔަކު ދެކެ ކަލެއަކަށް ލޯބިވެވިގެން ނުވާނެއެވެ!’ އަހަރެން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނީމެވެ.
‘ނަމަވެސް ކަލޭ ލޯބިވަނީ މުޅި އެ ނަސްލު ދެކެއެއް ނޫނެވެ… ކަލޭ ލޯބިވަނީ އެންމެ އަންހެން ކުއްޖަކު ދެކެއެވެ!’ އަހަރެންގެ ސިކުނޑީގެ އަނެއްބައި ބުންޏެވެ. ނޫނެވެ! އަހަންނަށް ކަނޑުރެއްސިއެއް ދެކެ ލޯބިވެވިގެން ނުވާނެއެވެ! އެއީ ހަމަ މޮޔަ ކަމެކެވެ!
“އަހަރެން ބިންމަތީގައި ބަހައްޓާ!” އޭނާގެ ކޮޓަރިއާ ހަމައަށް ފޯރުމުން އޭނާ ހަޅޭއްލަވައިގަތެވެ.
“ވަރިހަމަ،” އަހަރެން އޭނާ އެނދުމައްޗަށް ދޫކޮށްލީމެވެ.
“ހޭއި!” އޭނާ ހަޅޭއްލަވައިގަތެވެ. އަދި އަހަރެންގެ ޖެކެޓުން އޭނާގެ ހަށިގަނޑު މުޅިން ނިވާވެފައި ހުރިތޯ ބަލައި، ހެދުން ރީތިކޮށްލިއެވެ.
“ހޭ އަކީ އަސްތަކަށް ކާންދޭ އެއްޗެއް،” އަހަރެން މަލާމާތުގެ ހިނިތުންވުމަކާއެކު ބުނީމެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އޭނާގެ ތެތް އިސްތަށިގަނޑު އޮތީ މޫނުމައްޗަށް އެޅިފައެވެ. ފިނީގެ ސަބަބުން އޭނާގެ ކޮލާއި ނޭފަތް ހުރީ ކުޑަކޮށް ރަތްވެފައެވެ. އޭނާ ކުޑަކޮށް ތުރުތުރުލާކަން އަހަންނަށް ފާހަގަކުރެވުނެވެ. އޭނާ، އޭނާގެ ދެފައި ކައިރިކޮށްލިއެވެ. އޭނާގެ ދެލޯ އަހަރެންގެ މޫނުން ދޮރާ ދިމާއަށް ތަކުރާރުކޮށް ދަތުރުކުރަމުން ދިޔައެވެ.
“ކީއްވެ؟” އޭނާ ޖެކެޓްގައި ބާރަށް ހިފަހައްޓަމުން އެހިއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. “ކަލޭ ތިޔަ ބަލަނީ ކޯއްޗަކަށް؟” އޭނާ ސުވާލުކުރިއެވެ. އަދި އަނެއްކާވެސް ދޮރާ ދިމާއަށް ބަލައިލިއެވެ.
“އަހަންނަށްވެސް ތިޔަ ސުވާލު ކުރެވިދާނެ،” އަހަރެން ފުން ނޭވާއެއްލީމެވެ. އޭނާގެ ނަޒަރު އަލުން އަހަންނަށް ހުއްޓުނެވެ. “އަހަރެން ކިޔާމް މިތަނަށް ވަނުމުގެ ފުރުސަތެއް ނުދޭނަން.”
“އަހަރެން ނުވެސް އުޅެން ކިޔާމް މިތަނަށް ވައްދާކަށް…”
“އަޒްމާރާ، އެއީ ކަލޭގެ ލޮލުން ފެންނަން ހުރި ކަމެއް. ގޮސް ހެދުން ބަދަލުކުރޭ،” އަހަރެން އެނދުގެ ފައިލާކޮޅުގައި ފައުޒާ ބަހައްޓާފައި ހުރި ނިދާ ހެދުމަށް އިޝާރާތް ކުރަމުން ބުނީމެވެ.
“އަހަރެން… އޯކޭ،” އޭނާ ފުން ނޭވާއެއްލުމަށްފަހު ތެދުވެ، އެ ފަށުވި ހެދުން ނެގިއެވެ. އޭނާ މަޑުމަޑުން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ފާޚާނާއަށް ވަންނަން އުޅެފައި އޭނާ އެނބުރި އަހަންނަށް ބަލައިލިއެވެ. “ޝުކުރިއްޔާ،” އޭނާ އިޚްލާޞްތެރިކަމާއެކު ބުންޏެވެ. “އަހަރެން އަދި އޭނާއާ ވާހަކަދައްކަން ތައްޔާރެއް ނޫން.” ދެން އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އޭނާ ފާޚާނާއަށް ވަނެވެ.
އެއީ ރަނގަޅު ކަމެކެވެ. ސަބަބަކީ އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނީމައެވެ. އޭނާގެ އެ އިޚްލާޞްތެރިކަމުން އަހަރެން ހައިރާންވިއެވެ. ދުވަހަކުވެސް މީހަކު އަހަންނާ މެދު އެގޮތަކަށް ކަންތަކެއް ނުކުރެއެވެ. އަހަރެން ރުޅިއަރުވާލުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫނެވެ. އޭނާ ހުންނަނީ އޭނާގެ އަމިއްލަ ގޮތުގައެވެ. އެހެން އެއްވެސް ކަމަކަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ.
އޭނާގެ ހިތުގެ ތެޅުން ކުޑަކޮށް އަވަސްވިއެވެ. އޭނާ ވިސްނަމުންދަނީ ކޯއްޗެއް ބާވައޭ ކުއްލިއަކަށް އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ފާޚާނާގައި އެކަނި އިނދެގެން ވިސްނާނީ…
ދެން އޭނާ އަހަރެންގެ ޖެކެޓް ހިފައިގެން ނުކުތެވެ. އަހަރެންގެ ހިތުގެ ތެޅުމެއް ހުރި ނަމަ، އެއީވެސް ބާރަށް ތެޅޭނެ ވަގުތެކެވެ. އޭނާ ލައިގެން ހުރި ނިދާ ހެދުމަކީ ކުރީ ރޭރޭގެ ހެދުން ކަހަލަ ހެދުމެއް ނޫނެވެ. އޭނާ ލައިގެން ހުރި ކުރު ހެދުމުގެ ސަބަބުން އޭނާގެ ބަނޑުގެ ބައެއް ފެންނަން ހުއްޓެވެ. އަދި ސޯޓުބުރިވެސް އެހާ ކުރެވެ. އަޒްމާރާއަށް މިއަށްވުރެ އެކަށީގެންވާ ހެދުމެއް ހޯދުމަށް އަހަރެން ފައުޒާއާ ވާހަކަދައްކަން ޖެހޭނެއެވެ. އޭނާ ހުރީ ކުޑަކޮށް ލަދުގަނެފައެވެ. އިންސާނެއްގެ ލޮލަށް ފެންނާނީ އޭނާގެ މޫނު ކުޑަކޮށް ރަތްވެފައި ހުރި ތަނެވެ. އަހަރެން ކޮޓަރީގެ އަނެއް ފަރާތު ފާރުގައި ލެގިލައިގެން ހުރީމެވެ. އަހަރެން ތިރިއަށް ބަލައިލަމުން ބޯ ކަހާލީމެވެ. އޭނާގެ ސަބަބުން އަހަންނަށް މިހާ ބޮޑު ނުތަނަވަސްކަމެއް އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟އަހަރެން ކުރިންވެސް އަންހެނުންނާ އެކު އުޅުނީމެވެ… ވަރަށް ގިނަ އަންހެނުންނާ އެކުގައެވެ. އަންހެނަކު ކުރު ހެދުމެއްގައި ހުރުމުން މިހާރު އަހަރެން މިހާ ބޮޑަށް ހާސްވާކަށް ނުޖެހެއެވެ… އަހަންނަށް މިވަނީ ކީއް ހެއްޔެވެ؟
“މި އޮތީ،” އޭނާ މަޑުމަޑުން ޖެކެޓް ދިއްކޮށްލަމުން ބުންޏެވެ.
“އާނ،” އަހަރެން ޖެކެޓްގައި ހިފައި އަތުގައި އަޅުވާލީމެވެ.
“އަހަރެން މި ހެދުން ބަދަލުކުރުމަށްޓަކައި ފައުޒާގެ އަތުން އެހެން ހެދުމެއް ހޯދަން އެބަޖެހޭ،” އޭނާ ލަދުގަނެފައި ހުރެ ބުންޏެވެ.
“އާނ، ހިނގާ އޭނާގެ ކޮޓަރިއަށް ދާން،” އަހަރެން އަވަހަށް މޫނު އަނބުރާލުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތީމެވެ.
އެ ވަގުތު އޭނާ ހީނލި އަޑު އިވުނެވެ.
“ކީކޭ؟” އަހަރެން ބުމަ އަރުވާލަމުން އެނބުރި ބަލައިލީމެވެ.
“ކަލޭ ތިޔަ ހުންނަނީ ހާސްވެފަ،” އޭނާ އަނެއްކާވެސް ހީނލިއެވެ.
“ނޫން… ނޫނޭ،” އަހަރެން ހައިރާންވެފައި އޭނާއަށް ބަލަން ހުރީމެވެ. “އަހަރެން އަންހެން ކުދިން ފެނިގެން ހާހެއް ނުވަން. އަހަރެން ކަހަލަ މީހަކު އަންހެން ކުދިންނާ ހެދި ހާސްވާކަށް ވަގުތެއް ނެތް. ހަމައެކަނި އަނގަ މަޑުންލައިގެން ހުރޭ، ކުޑަކުއްޖާ،” އަހަރެން ބުނީމެވެ.
“ހާދަ ވަރަކަށް ރެކެން ތި ކުޅެނީ ދޯ ލިޔާމް،” އޭނާ ބޯ ހޫރާލިއެވެ.
“އަހަރެން ރެކޭކަށް ނޫޅެން!” އަހަރެން ދިފާއީ ގޮތަކަށް ޝަކުވާ ކުރީމެވެ.
“އާނ، އާނ،” އޭނާ ލޯ އަނބުރާލިއެވެ.
“ކަލެއަކީ ހަމައެކަނި އަހަރެން ‘ކުރަންޖެހޭ މަސައްކަތެއް’… އަހަރެން ކިތައް ފަހަރު މިހެން ބުނަންޖެހޭނެ؟ކަލެއަކީ އުނދަގޫ ބޮޑު މީހެއް، އަދި އަހަރެންގެ މަސައްކަތަށް ހުރަސްއަޅާ މީހެއް،” އަހަރެން ވަރަށް ބޮޑަށް ރުޅިއައިސްގެން ބުނީމެވެ. އަހަރެން މިފަދަ ކަންކަމަކަށް ބޭނުމެއް ނޫނެވެ… ޚާއްޞަކޮށް އޭނާގެ ފަރާތުންނެވެ… އަހަރެންގެ ހިތް މިހާ ބަލިކަށިވެފައިވާ ވަގުތެއްގައެވެ.
މި ވާހަކައިގެ ސަބަބުން އޭނާ ވަރަށް ދެރަވި ތަން ފެނުނެވެ… ދެން އޭނާ ރުޅިއައިސްގެން ބުންޏެވެ. “މައްސަލައެއް ނެތް، އެހެންވިއްޔާ އަހަރެން ފައުޒާގެ ކޮޓަރިއަށް ގެންގޮސްދީ.”
އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް މިއީ އަހަރެން ބޭނުންވި ގޮތެވެ. “ވަޓް އެވަރ،” އަހަރެން ބާރަށް ބުނެފައި ދޮރުން ނުކުތީމެވެ.
ފައުޒާގެ ކޮޓަރިއާ ހަމައަށް ދެވުނު ވަގުތު އޭނާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. “ކަލެއާ އެކު އުޅުމަށްވުރެ ކިޔާމްއާ ދިމާވުންވެސް އަހަންނަށް މާ ރަނގަޅު.”
އަހަރެން ފުން ނޭވާއެއްލުމަށްފަހު ދޮރު ހުޅުވާލީމެވެ. އެ ވަގުތު އަހަންނަށް ފެނުނީ ފެންނަން ބޭނުންނުވާ ފަދަ މަންޒަރެކެވެ. ރިޝްވާން އިނީ އެނދުމަތީގައި އަހަރެންގެ ކޮއްކޮގެ ގައިމަތީގައެވެ. ރިޝްވާން އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން ފައުޒާއާ ރައްޓެހިވެގެން އުޅޭ މީހާއެވެ. އޭނާގެ ކިބައިން އަހަރެންގެ ސިފަތައް ފެންނާތީ، އަހަރެން އޭނާ ދެކެ ފޫހިވެއެވެ. އޭނާއަކީ ރަންކުލައިގެ އިސްތަށިގަނޑެއް ހުންނަ، ހައިސްކޫލްގެ ފުޓްބޯޅަ ކުޅުންތެރިއަކާ ވައްތަރު މީހެކެވެ.
“މިއީ ކޮން ސަކަރާތެއް؟” އަހަރެން ރުޅިވެރިކަމާއެކު އަހާލީމެވެ.
— ނުނިމޭ —
