ޔޫއެފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން، ފީފާއާ މެދު އޮތް ނުރުހުން ފާޅުކުރުމުގެ ގޮތުން ވޯލްޑް ކަޕް ފައިނަލް ބޮއިކޮޓް ކުރެއްވި ކަމަށް އިނގިރޭސި މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާއާއި ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެމެދު އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި ނުތަނަވަސްކަން އުފެދުނު އެއް ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަރިހުން އެދިވަޑައިގަތުމާ ގުޅިގެން، އެމެރިކާގެ ފޯވާޑް ފޮލާރިން ބަލޯގަން އަށް ދެއްކި ރަތް ކާޑު ފީފާއިން ސަސްޕެންޑް ކުރުމެވެ. މި ނިންމުމަކީ އެއްވެސް ތަފްސީލެއް ނެތި، ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނިންމި ނިންމުމެކެވެ.
މުބާރާތް ބާއްވާ ގައުމުގެ ސިޔާސީ ނުފޫޒަށް އިންފަންޓީނޯ ލެނބުމުން ޔޫއެފާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމަކީ “މީގެ ކުރިން ދުވަހަކުވެސް ކަންކޮށްފައި ނުވާ، ބުއްދިއަށް ގަބޫލުނުކުރެވޭ އަދި ދިފާއު ނުކުރެވޭނެ” ނިންމުމެއް ކަމަށާއި، އެއީ “ރަތް ރޮނގު ހުރަސްކުރުން” ކަމަށް ޔޫއެފާ އިން ސިފަކުރިއެވެ.
މީގެ އިތުރުން، ސޯމާލިއާގެ ރެފްރީ އުމަރު އަރުތާން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނުދިނުމުން، އެކަމުގައި ފީފާއިން ދޫދިނުމަކީ ވެސް އުފެދުނު ހިލާފެކެވެ. މީގެ ރައްދުގައި ޔޫއެފާ އިން ވަނީ އަންނަ މަހު އޮންނަ ސުޕަރ ކަޕް ފައިނަލް އިންސާފުކުރުމަށް އަރުތާން އައްޔަންކޮށްފައެވެ.
ހަމައެއާއެކު، އެމެރިކާގައި ކުޅޭ އެހެން ޓީމުތަކާ އެއް ހަމައެއްގައި އީރާނަށް ކަންކަން ފަހިކޮށްދިނުމުގައި ވެސް ފީފާ ވަނީ ނުކުޅެދިފައެވެ. އީރާނުގެ ކޯޗު އަމީރު ގަލެނޮއީ ވިދާޅުވީ އޭނާގެ ޓީމަކީ މި ވޯލްޑް ކަޕްގައި އެންމެ ބޮޑަށް “އަނިޔާ ލިބުނު” ޓީމު ކަމަށެވެ. އަދި އީރާން މުބާރާތުން ކެޓުމުން، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ އެކަމާ އުފާފާޅުކުރައްވާފައެވެ.
ވޯލްޑް ކަޕްގައި ފީފާ އިން ތައާރަފުކުރި ބައެއް އައު ކަންކަން ބަލައިގަތުމަށް ވެސް ޔޫއެފާ އިން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި ކުޅުންތެރިން ފެންބުއިމަށް ދޭ މެދުކެނޑުންތަކާއި، ކާޑު ދެއްކުމުގައި އޮޅުން އެރި ވީއޭއާރް ޕްރޮޓޮކޯލްގެ އިތުރުން، އިދިކޮޅު ކުޅުންތެރިންނާ ވާހަކަދައްކާއިރު އަނގަމަތީގައި އަތްއަޅާ ކުޅުންތެރިންނަށް ކާޑު ދެއްކުން ހިމެނެއެވެ.
މުބާރާތް ފެށުމުގެ ކުރިން ސެފެރިން ވަނީ 48 ޓީމު ހިމަނައިގެން ބާއްވާ ބޮޑު މުބާރާތަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާގެ އުފަން ގައުމު ކަމަށްވާ ސްލޮވީނިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މުބާރާތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތް ގިނަ މެޗުތަކެއް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގެ ޓިކެޓް އަގުތަކާ މެދު ވެސް ސެފެރިން ވަނީ ފާޅުގައި ފާޑުވިދާޅުވެފައެވެ. ޔޫއެފާ އިން ބުނެފައިވަނީ 2028 ވަނަ އަހަރު އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ބާއްވާ ޔޫރޯ މުބާރާތުގައި ސަޕޯޓަރުންނަށް ހާއްސަ އަގުހެޔޮ ޓިކެޓްތައް ލިބޭނެ ކަމަށެވެ. އެގޮތުން 40 އިންސައްތަ ޓިކެޓް ހުންނާނީ 30 ޕައުންޑާއި 60 ޕައުންޑަށް ވުރެ ހެޔޮކޮށް ކަމަށާއި، ވަގުތަށް ބަލައި އަގު އުފުލޭ “ޑައިނަމިކް ޕްރައިސިންގ” ބޭނުންނުކުރާނެ ކަމަށް ވެސް ޔޫއެފާ އިން ވައުދުވެފައިވެއެވެ.
މުޅި މުބާރާތަށް ބަލާއިރު، ސެފެރިން ބައިވެރިވެވަޑައިގަތީ ހަމައެކަނި ޖޫން 11 ވަނަ ދުވަހު މެކްސިކޯ ސިޓީގައި ބޭއްވި މުބާރާތް ހުޅުވި މެޗުގައި އެކަންޏެވެ.
