ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސައްޔާރާ” އަށް އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ވިނައިލް ރެކޯޑެއް ނެރެފި

ޔަޝް ރާޖް ފިލްމްސް ވައީ.އާރް.އެފް އިން އުފެއްދި ކާމިޔާބު ފިލްމު “ސައްޔާރާ” އަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ފިލްމުގެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ލަންޑަނުގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ޚާއްޞަ “ކަލެކްޓާސް އެޑިޝަން” ވިނައިލް އެލް.ޕީ އެއް އިފްތިތާޙްކޮށްފިއެވެ. މި ރެކޯޑަކީ ފިލްމުގެ މިއުޒިކާއި އަޑުތަކަށް ލޯބިކުރާ ފަރާތްތަކަށް ފިލްމުގެ ހަނދާންތައް އާކޮށްދޭނެ ފުރިހަމަ ހަދިޔާއެކެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް، ވައީ.އާރް.އެފް ގެ ސީ.އީ.އޯ އަކްޝޭ ވިދާނީ ޕްރޮޑިއުސްކުރި “ސައްޔާރާ” އަކީ މުޅި ދުނިޔެއިން 580 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ލޯބީގެ ފިލްމުގެ ލަގަބު ހޯދާފައިވާ ފިލްމެކެވެ.

މި ރެކޯޑް އިފްތިތާޙްކުރުމަށް ވެމްބްލީ ސްޓޭޑިއަމް އިޚްތިޔާރުކުރީ ފިލްމުގެ ވާހަކައާ އެ ތަނާ ހުރި ގުޅުމެއްގެ ސަބަބުންނެވެ. ފިލްމުގެ މުހިންމު މަންޒަރެއްގައި، އަހާން ކުޅެފައިވާ ކްރިޝް ކަޕޫރުގެ ކެރެކްޓަރަށް އަނީތު ކުޅެފައިވާ ވާނީ ބަޓްރާ ފެންނަނީ މި ސްޓޭޑިއަމްގެ ބޮޑު ސްކްރީނުންނެވެ. އަދި ފިލްމުގެ ނިމުމުގައި ފެންނަ ކޮންސަޓްވެސް ބާއްވާފައިވަނީ މި ސްޓޭޑިއަމްގައެވެ.

ދެ ޑިސްކުގެ މައްޗަށް އެކުލެވޭ މި ރެކޯޑްގެ ފުރަތަމަ ޑިސްކުގައި ފިލްމުގެ ނުވަ ލަވަ ހިމެނޭއިރު، ދެވަނަ ޑިސްކުގައި ފިލްމުގެ ބެކްގްރައުންޑް މިއުޒިކުގެ 16 ރެކޯޑިންގް އާއި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ނުވަ ޑައިލޮގް ހިމެނެއެވެ. މީގެ އިތުރުން، މި ޕެކޭޖުގައި ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުގެ އިތުރުން މިއުޒިކް އުފެއްދުމުގައި ބައިވެރިވި ފަންނާނުންގެ ނޯޓްތައް ހިމެނޭ “ސައްޔާރާ” ޑައިރީއަކާއި، ފިލްމުގައި ބޭނުންކޮށްފައިވާ ފަދަ ގަލަމެއްގެ އިތުރުން ދެ ބުކްމާކް ހިމެނެއެވެ.

މި މުނާސަބަތުގައި އަކްޝޭ ވިދާނީ ވިދާޅުވީ، “ސައްޔާރާ” އަކީ ވަ.އީ.އާރް.އެފް އަށް ވަރަށް ޚާއްޞަ ފިލްމެއް ކަމަށާއި، މިއީ އެ ކުންފުނީގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކާ އެއްވަރުގެ އުފެއްދުމެއް ކަމަށެވެ. އަދި ޑައިރެކްޓަރު މޯހިތު ސޫރީ ވިދާޅުވީ، ކޮންމެ ލޯބީގެ ވާހަކައެއްގެވެސް ފުރާނައަކީ މިއުޒިކް ކަމަށާއި، މި ރެކޯޑަކީ ފޭނުންނަށް ފިލްމުގެ އަސަރުތައް އަލުން ތަޖުރިބާކޮށްލަން ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

“ސައްޔާރާ” ގެ މި ޚާއްޞަ ވިނައިލް ރެކޯޑް މިހާރު މުޅި ދުނިޔޭގެ ބާޒާރުން ގަންނަން ލިބޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top