ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗައިނާއިން ބިޔަ، ވައި ސާފުކުރާ ޓަވަރެއްގެ ބިނާކޮށްފި
ފޮޓޯ: ސައިންސް އެންޑް ފެކްޓްސް

ސިޓީތަކަށް ދިމާވެފައިވާ ވައި ނުސާފުވުމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ޗައިނާގެ ޝިއާންގައި ވައި ސާފުކުރުމަށް ބޭނުންކުރާ ތަޖުރިބާކާރު ޓަވަރެއް ބިނާކޮށްފިއެވެ. މި ޓަވަރަކީ “ޗައިނީޒް އެކަޑަމީ އޮފް ސައިންސަސް” ގެ ދަށުން ހިންގާ “އިންސްޓިޓިއުޓް އޮފް އާތު އެންވަޔަރަންމަންޓް” އިން ފަރުމާކޮށް ތައްޔާރުކޮށްފައިވާ އާލާތެކެވެ.

ގާތްގަނޑަކަށް 100 މީޓަރުގެ އުސްމިން ހުންނަ މި ޓަވަރުގެ ބުޑުގައި، އިރުގެ ހަކަތައިން ހޫނުކުރާ ގްރީންހައުސްތަކެއް ހުރެއެވެ. މި ގްރީންހައުސްތަކުން ނުސާފު ވައި ހޫނުކުރުމުން، އެ ވައި ޓަވަރުގެ މައްޗަށް އަރައިގެންދެއެވެ. އެގޮތަށް ވައި މައްޗަށް އަރައިގެންދާއިރު، އެކި ފަށަލަތަކަށް އެކުލެވޭ ފިލްޓަރުތަކުގެ އެހީގައި ވައި ސާފުކޮށް، ޖައްވުގެ ތެރެއަށް ދޫކޮށްލައެވެ.

މި ޓަވަރުގެ ތަޖުރިބާތަކަށްފަހު ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި، ދުވާލަކު ގާތްގަނޑަކަށް 10 މިލިއަން ކިއުބިކް މީޓަރުގެ ވައި މީގެން ސާފުކޮށްދެއެވެ. މީގެ ތެރޭގައި ހޫނު މޫސުމުގައި ދުވާލަކު 16 މިލިއަނާ ހަމައަށް އަދި ފިނި މޫސުމުގައި 8 މިލިއަނާ ގާތްކުރާ މިންވަރަކަށް ވައި ސާފުކުރާ ކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، މި ޓަވަރުގެ ސަބަބުން ގާތްގަނޑަކަށް 10 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި، ސިއްޙަތަށް ނުރައްކާތެރި PM2.5 މާއްދާގެ މިންވަރު ދަށްވެފައިވާކަން ކުރީގެ ދިރާސާތަކުން ދައްކައެވެ.

އެހެންނަމަވެސް، މިއީ އަދިވެސް ތަޖުރިބާގެ މަރުހަލާގައި އޮތް މަޝްރޫއެއްކަން މާހިރުން ފާހަގަކުރެއެވެ. ވަކި ސަރަހައްދެއްގެ ވައިގެ ފެންވަރު މީގެން ރަނގަޅުކޮށްދިން ކަމުގައި ވިޔަސް، ކާރުޚާނާތަކާއި އުޅަނދުފަހަރުން ވައި ނުސާފުވާ މިންވަރު އަސްލު މަސްދަރުން މަދުކުރުމުގެ ބަދަލުގައި، ހަމައެކަނި މިފަދަ ޓަވަރުތަކަށް ބަރޯސާވެގެން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top