ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހިތާދޫ އާއި ދަރަވަންދޫ ފައިނަލަށް
މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުއްރަހްމާން ޝުރައިހް އިބްރާހީމް / ފޮޓޯ: ދަރަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް

ބ. ދަރަވަންދޫގައި މިހާރު ކުރިޔަށްދާ “ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026 އަންޑަރ 16” ފުޓްސަލް މުބާރާތުގެ ފައިނަލަށް ހިތާދޫ އާއި ދަރަވަންދޫ ދަތުރުކޮށްފިއެވެ. ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ދަރަވަންދޫ ކައުންސިލުން ބާއްވާ 16 އަހަރުން ދަށުގެ ފުޓްސަލް މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފައެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހިތާދޫ އާއި ދޮންފަނެވެ. ގުރޫޕް ސްޓޭޖްގައި ވެސް މޮޅު ކުޅުމެއް ދެއްކި ހިތާދޫން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ފެށީއްސުރެ މެޗު ކޮންޓްރޯލްކޮށްގެން ހިތާދޫން ކުޅެމުންދިޔައިރު، ދޭތެރެއަކުން ފުރުސަތުތައް ހޯދައި ދޮންފަނުން ވެސް ދިޔައީ ހިތާދޫގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ލަނޑެއް ޖެހުމަށް ދެޓީމުން ވެސް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކުރީ ހިތާދޫންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހިތާދޫއަށް މި ލަނޑު ޖަހައިދިނީ ރަޒާން ޢަބްދުއްރައޫފެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނިއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ހިތާދޫންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހިތާދޫން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ މަނާލް އެވެ. 32 ވަނަ މިނިޓްގައި ހިތާދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ހިލޭޖެހުން ގޯލަށް ވައްދާލައި ދޮންފަނުން އުންމީދު އާކުރިއެވެ. ދޮންފަނަށް މި ލަނޑު ޖަހައިދިނީ ޒިހާން އެވެ. ނަތީޖާ ހަމަހަމަކުރުމަށް ދޮންފަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ހިތާދޫން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މެޗުގެ އިތުރު ވަގުތުގައި ހިތާދޫއަށް މި ލަނޑު ޖަހައިދިނީ ރަޒާން އެވެ.

3-1 އިން ހިތާދޫ މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ރަޒާން އަބްދުއްރައޫފެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ރަޒާން ޢަބްދުއްރައޫފް / ފޮޓޯ: ދަރަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަކުރީ ދަރަވަންދޫ އާއި ކަމަދޫ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ރީތި އަވަސް ޕާސްތަކާއިއެކު ލަނޑެއް ޖެހުމަށް އިސްކަން ދިންއިރު، ޑިފެންސް ކުރުމުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނު މިހާފު ނިމުނީ 0-0 އިންނެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލިބޭ ފުރުސަތުތަކުގައި ދުރުން ނަމަވެސް ގޯލެއް ޖެހޭތޯ ކަމަދޫން މަސައްކަތް ކުރަމުން ދިޔައިރު، ރީތި އަވަސް ޕާސްތަކެއް ދީގެން ކުޅެމުންދިޔަ ދަރަވަންދޫން ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ދަރަވަންދޫން ޖެހީ ދެވަނަ ހާފުގެ 11 ވަނަ މިނިޓްގަ އެވެ. ކަމަދޫ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލައި ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ޔޫތު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ވަނީ ބޭނުން ނުކުރެވިފައެވެ.

1-0 އިން ދަރަވަންދޫ މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ޓީމުގެ ޢަބްދުއްރަހްމާން ޝުރައިހް އިބްރާހީމެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ. ފައިނަލް މެޗުގެ ކުރިން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ތިންވަނަ ހޮވާ މެޗު އޮންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top