ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 13 ވަނަ މެޗު އެއްވަރުވެ ލަނޑުގެ ތަފާތުން ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޕްރިޒަންސް ކުލަބް އަދި ދެވަނަ ޓީމުގެ ގޮތުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. އަދި 14 ވަނަ މެޗު އެއްވަރުވެ ލަނޑުގެ ތަފާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް ގުރޫޕް ތިންވަނައިގައި މުބާރާތް ނިންމާލައިފިއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 13
ތޭރަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނައަށް ވާދަކުރާ ޕްރިޒަންސް ކުލަބާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. މި މެޗާއި ކުރިމަތިލީއިރު، ދެ ޓީމުން ވެސް ވަނީ ކުރިން ކުޅުނު ތިން މެޗު ކާމިޔާބު ކޮށްފައެވެ. ގުރޫޕްގެ އެއްވަނައިގައި ޕްރިޒަންސް އޮތީ އެސްޓީއޯއަށްވުރެ ފައިދާ ގޯލް ގިނަވުމުންނެވެ.
ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ޕްރިޒަންސްއަށް މެޗު އެއްވަރުކޮށްލައިގެން ވެސް ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތުމުން އެ ޓީމުން ވަނީ ޑިފެންސަށް ބޮޑު އިސްކަމެއް ދީފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު މި ހާފު ނިމުނީ 0-0 އިންނެވެ.
ދެވަނަ ހާފުގައި ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، މި ހާފުގައި ޕްރިޒަންސް އިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެސްޓީއޯއިން ހޯދިއިރު، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ. ދޭތެރެއަކުން ކައުންޓާރ އެޓޭކަށް އަރައި ލަނޑު ޖަހަން މަސައްކަތްކުރި ޕްރިޒަންސްއަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.
ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި، މި މެޗާއިއެކު ދެ ޓީމަށް ވެސް ވަނީ ދިހަ ޕޮއިންޓް ލިބިފައެވެ. ޕްރިޒަންސްގެ ފައިދާ ލަނޑުގެ ގޮތުގައި 17 ލަނޑު އޮތްއިރު، އެސްޓީއޯގެ ފައިދާ ލަނޑަކީ 13 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯއިން އުފެއްދި ގިނަ ހަމަލާތަކެއް ހުއްޓުވި ޕްރިޒަންސްގެ ކީޕަރު ޒުމްރާ އަޙްމަދެވެ.
މެޗު 14
ސާދަވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް އާއި ހުޅުމާލޭ ހޮސްޕިޓަލެވެ. މިއީ ގުރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މި މެޗާއި ކުރިމަތިލީއިރު، ދެ ޓީމަށް ވެސް ވަނީ، ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ގުރޫޕްގެ ތިންވަނައިގައި ޔޫތު މިނިސްޓްރީ އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ހަތަރުވަނައިގައި ހުޅުމާލޭ ހޮސްޕިޓަލް އޮތްއިރު، ގުރޫޕްގެ ފުލުގައި އޮތް ހެލްތު ރެކްރިއޭޝަންއަށް ޕޮއިންޓެއް ނުލިބެއެވެ. މި މެޗަށް ނުކުތްއިރު ވެސް މި ގުރޫޕް ލީޑު ކުރަމުންދިޔަ ޕްރިޒަންސް ކުލަބާއި އެސްޓީއޯއަށް ވަނީ ސެމީ ފައިނަލުން ޖާގަ ލިބިފައެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި، މެޗުގެ 28 ވަނަ މިނިޓްގައި ފާތިމަތު ޒިޔާން ޖަހައިދިން ލަނޑުން ހުޅުމާލޭ ހޮސްޕިޓަލް ލީޑު ނެގިއެވެ. ފާތިމަތު ޒިޔާން މި ލަނޑު ޖަހާފައިވަނީ އައިޝަތު ސައުސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލް ކުރިމަތީ ހުސްކޮށް ހުރެއެވެ. ނަތީޖާ ހަމަހަމަކޮށްލައިގެން ވެސް ގުރޫޕްގެ ތިންވަނަ ހޯދެން އޮތް ޔޫތު މިނިސްޓްރީން ނަތީޖާ ހަމަހަމަކުރުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހުކޮޅުއެވެ. މެޗު ނިމެން ތިން ސިކުންތަށް ވެފައި ވަނިކޮށް ޔޫތު މިނިސްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އައިޝަތު އަބްދުލްރައްޒާޤެވެ.
މި ނަތީޖާއާއެކު ދެ ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޔޫތު މިނިސްޓްރީއަށް ގުރޫޕްގެ ތިންވަނަ ލިބުނީ ހުޅުމާލޭ ހޮސްޕިޓަލަށްވުރެ ފައިދާ ލަނޑު ގިނަވުމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ހޮސްޕިޓަލްގެ ފާތިމަތު ޝާއިގާ އަބޫބަކުރެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.
