ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ ފައިނަލަށް ސްޓެލްކޯ އާއި އެސްޓީއޯ ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިރޭ ކުޅެފައިވާއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދި ޕްރިޒަންސް ކުލަބާއި ގުރޫޕް ބީގެ ދެވަނަ ހޯދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ. ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި އެޗްޑީސީ އާއި ގްރޫޕް އޭގެ ދެވަނަ ހޯދި އެސްޓީއޯ ރެކްރިއޭޝަން އެވެ. މި ދެ މެޗަށް ބަލާލާއިރު:
ސެމީ ފައިނަލް ފުރަތަމަ މެޗު
މި މެޗުގައި ބައްދަލުކުރީ ޕްރިޒަންސް ކުލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕްރިޒަންސް އާއި ސްޓެލްކޯ ބައްދަލުކުރި މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. ޑިފެންސަށް އިސްކަން ދިނުމާއި އެޓޭކް ކުރުމުގައި ދެ ޓީމުން ތަފާތު އުކުޅުތައް ބޭނުންކުރިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓާއި ހަމައަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެއެވެ. މި ހާފުގައި ފެނުނު ހަމައެކަނި ލަނޑު ސްޓެލްކޯއިން ޖަހާފައިވަނީ ހާފު ނިމެން 41 ސިކުންތަށް ވެފައިވަނިކޮށް އާމިނަތު މައިހާ އެވެ. ޕްރިޒަންސްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިޔާތެރެއަށް ވަދެ ތިރިތިރިން މައިހާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.
ދެވަނަ ހާފުގައި ސްޓެލްކޯއިން ކުޅުން ރަނގަޅު ކުރިއިރު، މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ޕްރިޒަންސަށް ނުހިފި ދިޔައިރު، 32 ވަނަ މިނިޓްގައި ސްޓެލްކޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝަހުލާ ތައުފީޤެވެ. މެޗުގެ ފަހުކޮޅު ޕްރިޒަންސްއަށް ލިބުނު ދުރު ޕެނަލްޓީ ސްޓެލްކޯގެ ކީޕަރު ދިފާއުކުރިއިރު، އޭގެ ފަހުން ލިބުނު ފުރުސަތެއްގައި މަރިޔަމް ވިޝާޔާ ވިލްދާން ވަނީ ސްޓެލްކޯގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
3-0 އިން ސްޓެލްކޯ މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޝަހުލާ ތައުފީޤެވެ.
ސެމީ ފައިނަލް ދެވަނަ މެޗު
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެސްޓީއޯ އާއި އެޗްޑީސީއެވެ. ފޯރިގަދަ ވާދަވެރިކަން ބޮޑު ކުޅުމެއް ފެނުނު މި މެޗު ލީޑުކުރީ އެޗްޑީސީންނެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޗްޑީސީން ދެވަނަ މިނިޓްގައި ލީޑު ނެގިއިރު، މި ލަނޑަކީ އެ ޓީމުގެ ސާލިޔާ ނެގި ކޯނަރު އެސްޓީއޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހު ވެސް އެޗްޑީސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. އެޗްޑީސީން އެ ޓީމުގެ ލީޑު ފުޅާކުރީ ފިރުޝާނާ ނަސީރު ޖަހައިދިން ލަނޑުންނެވެ. ހާފުގެ ފަހުކޮޅު އާމިނަތު ޝަފްނާ ޖަހައިދިން ލަނޑުން އެސްޓީއޯ އުންމީދު އާކުރި އެވެ.
ދެވަނަ ހާފުގައި އެސްޓީއޯއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުމައްޔާ ބިންތު ޢަބްދުލް ހަމީދެވެ. ދެވަނަ ފަހަރަށް އެޗްޑީސީއަށް ލީޑު ނަގައިދިނީ އާމިނަތު ރިސާލާ އެވެ. އެޗްޑީސީގެ ލީޑަށް މިނިޓެއް ނުވަނީސް ފަދުވާ ޒާހިރު ވަނީ އެސްޓީއޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސާލިޔާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި އާމިނަތު ރިސާލާ ތިންވަނަ ފަހަރަށް އެޗްޑީސީއަށް ލީޑު ނަގައިދިންއިރު މެޗުގެ ފަހުކޮޅު ފާތިމަތު ސާލިޔާ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
5ـ3 އިން މޮޅުވެ އެޗްޑީސީން ފައިނަލްގެ ދެވަނަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އާމިނަތު ރިސާލާ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.
