ބ. ދަރަވަންދޫގައި މިހާރު ކުރިޔަށްދާ “ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2026 އަންޑަރ 16” ފުޓްސަލް މުބާރާތުގެ ތިންވަނަ ދޮންފަނު ހޯދައިފިއެވެ. މިރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ދޮންފަނާއި ކަމަދޫ އެވެ.
ސެމީ ފައިނަލުން ބަލިވި މި ދެ ޓީމުގެ ކުރިމަތިލުން ފެށުނީ ދާދި ހަމަކޮށެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ކަމަދޫ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފުގެ މެދަކާއި ހަމައަށް ދިޔައިރު ވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ކުރެވިފައެއް ނުވެއެވެ. ކަމަދޫން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ދޮންފަނުގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ކަމަދޫން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ދޮންފަނު ކީޕަރު ދިފާއުކޮށްފައިވެއެވެ. ކަމަދުއަށް ލިބުނު ވަރަށް ނުލިބުނު ނަމަވެސް ދޮންފަނަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކަމަދޫންނެވެ. 15 ވަނަ މިނިޓްގައި ކަމަދުއަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ލޫތު އެވެ. ކަމަދޫ ހާފުތެރެއިން އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި ލޫތަށް ޖައްސާލިއިރު، އޭރިޔާ ކައިރީ ލޫތު ހުރީ ހުސްކޮށެވެ. ލޫތު ބޯޅަ ފޮނުވާލީ، ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރު ކައިރިން ޗިޕެއް ގޮތަށް ޖަހައެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ދޮންފަނުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. ކަމަދޫ ހާފުގެ ތެރެއިން، ދޮންފަނު ކުޅުންތެރިއަކަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ގޯލު ކުރިމަތީ ހުސްކޮށް ހުރި އަލްސަންއަށް ޖައްސާލުމާއިއެކު އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް އެބޯޅަ ވައްދާލާފައެވެ.
މުޅި މެޗުގައި ވެސް ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދޮންފަނަށެވެ. ދޮންފަނު ކުޅުންތެރިން ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް ގޮސް އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު، އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ޖައްސާލި ބޯޅަ މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ކުރަމުންދިޔަ މަސައްކަތް ދެ ޓީމުން އިތުރުކުރިއިރު، ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ކުރެވޭ ގޮތެއް ނުވިއެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ 26 ވަނަ މިނިޓްގައި ދޮންފަނުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒިހާން އެވެ. ދޮންފަނުން ޖެހި ދެވަނަ ލަނޑަށް މާގިނައިރެއް ނުވެ ޒިހާން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ފަހު ހާފުގައި މެޗުގެ ކޮންޓްރޯލް ހޯދި ދޮންފަނުން އެ ޓީމުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖެހީ ގާތްގާތުގައެވެ. މެޗުގެ ފަހުކޮޅު ކަމަދޫއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އައިދު އެވެ.
ދޮންފަނުން މި މެޗު ކާމިޔާބުކުރީ 5-2 އިންނެވެ.
