ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޕަލް ޓީވީގެ “ދަ މޯނިންގް ޝޯ” ފަސްވަނަ ސީޒަނާއެކު ނިންމާލަނީ

އެޕަލް ޓީވީގެ މަޝްހޫރު ޑްރާމާ ސީޒަން “ދަ މޯނިންގް ޝޯ” ކުރިއަށް އޮތް ފަސްވަނަ ސީޒަނަށްފަހު ނިންމާލަން ނިންމާފައިވާކަން “ވެރައިޓީ” އަށް ވަނީ އެނގިފައެވެ. މި ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގައެވެ.

މިއީ އެޕަލް ޓީވީގެ ތާރީޚުގައި މުހިންމު ދައުރެއްގެ ނިމުމެވެ. ސަބަބަކީ “ދަ މޯނިންގް ޝޯ” އަކީ އެޕަލް އިން އެންމެ ފުރަތަމަ އުފެއްދި އަމިއްލަ ސީރީޒްތަކުގެ ތެރެއިން އެކެކެވެ. 2019 ވަނަ އަހަރު އެޕަލްގެ ސްޓްރީމިންގް ޚިދުމަތް ފެށުމުގެ ދެ އަހަރު ކުރިން، 2017 ވަނަ އަހަރު، ޖެނިފާ އެނިސްޓަން އަދި ރީސް ވިދަރސްޕޫން މައިގަނޑު ރޯލުތަކުން ފެންނަ ގޮތަށް މި ސީރީޒްގެ ދެ ސީޒަނެއް އުފެއްދުމަށް އެޕަލް އިން އޮތީ ހަވާލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެނިސްޓަން ބުނީ، އެޕަލް އިން ފެށުނީއްސުރެ މި ސީރީޒްގެ ތަސައްވުރަށް ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި ދުނިޔޭގައި ހިނގާ ކަންކަން މަޖާޒީ ގޮތެއްގައި ގެނެސްދިނުމުގެ ފުރުސަތު ލިބުމަކީ ނަސީބެއް ކަމަށް އޭނާ ފާހަގަކުރިއެވެ. “މި ސީޒަނަކީ އެންމެ ފަހު ސީޒަންކަން އެނގި ތިބެ، މި ވާހަކަ އެންމެ ފުރިހަމަ ގޮތުގައި ނިންމާލުމުގެ ފުރުސަތު ލިބުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް.” އޭނާ ބުންޏެވެ.

ވިދަރސްޕޫން ބުނި ގޮތުގައި މި ސީރީޒްގައި މަސައްކަތް ކުރި ފާއިތުވި ނުވަ އަހަރަކީ އޭނާގެ ހަޔާތުގައި ލިބުނު ބޮޑު ޝަރަފެކެވެ. މިއީ ހަމައެކަނި ނިއުސްރޫމެއްގެ ވާހަކައެއް ނޫން ކަމަށާއި، މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަޤީޤަތް ހާމަކުރުމަށް ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒްއެއް ކަމަށް އޭނާ ބުންޏެވެ.

މި ސީރީޒްގެ ތަރިންގެ ތެރޭގައި އެނިސްޓަން އާއި ވިދަރސްޕޫންގެ އިތުރުން ބިލީ ކްރޫޑަޕް، މާކް ޑުޕްލާސް، ނެސްޓަރ ކާބޮނެލް ފަދަ ތަރިން ހިމެނެއެވެ. ފަސްވަނަ ސީޒަނުގައި ޖެފް ޑެނިއަލްސް އާއި ރެނޭ ރެޕް ފަދަ އާ ފަންނާނުންތަކެއް ވެސް ފެނިގެންދާނެއެވެ.

ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ޝާލޮޓް ސްޓައުޓް އަދި މިމީ ލެޑާ މަސައްކަތް ކުރާއިރު، މީޑިއާ ރެސް އިން އުފައްދާ މި ސީރީޒްގެ ފަހު ބާބާމެދު އެޕަލްގެ އިސްވެރިން ވަނީ ވަރަށް ބޮޑު އިތުބާރެއް އޮތްކަން ހާމަކޮށްފައެވެ. އެޕަލްގެ ވޯލްޑްވައިޑް ވީޑިއޯގެ ވެރިޔާ ޒެކް ވަން އެމްބާގް ބުނީ، މިއީ އެޕަލް ޓީވީ ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ސީރީޒް ކަމަށެވެ.

“ދަ މޯނިންގް ޝޯ” ގެ ސީޒަން 4 ފެށުނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ސީޒަނުގައި ދައްކުވައިދިނީ އެމެރިކާގެ ސިޔާސީ މަސްރަހު ބައިބައިވެފައިވާ ދަނޑިވަޅެއްގައި، ދޮގު ޚަބަރުތަކާއި ކުންފުނިތަކުގެ ސިއްރުތަކުގެ ތެރެއިން ހަޤީޤަތް ހޯދުމަށް ކުރާ މަސައްކަތެވެ.

މި ސީރީޒަކީ އެވޯޑްތަކުގެ ރޭހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ސީރީޒްއެކެވެ. މިހާތަނަށް 28 އެމީ ނޮމިނޭޝަން ލިބިފައިވާއިރު، ހަތަރު އެވޯޑެއް ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ބިލީ ކްރޫޑަޕް އަށް ލިބުނު ދެ އެވޯޑް ހިމެނެއެވެ.

ޝޯގެ ޝޯރަނަރ ޝާލޮޓް ސްޓައުޓް ބުނީ، ފާއިތުވި ފަސް ސީޒަނުގައި މި ނޫސްވެރިން އެމީހުންގެ ހުވަފެންތަކުގެ ފަހަތުން ދުވެފައިވާ ކަމަށާއި، މިހާރު މި ބަލަނީ އެމީހުންގެ މަންޒިލަކީ ކޮބައިކަން ދެނެގަތުމަށް ކަމަށެވެ. ޑައިރެކްޓަރު މިމީ ލެޑާ ސިފަކުރި ގޮތުގައި މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަޤީޤަތް ހާމަކުރުމުގެ މުހިންމުކަން ދައްކުވައިދިން ވަރަށް މާނަފުން ދަތުރެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top