ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ ހޯދައިފިއެވެ. ރޭ ކުޅެވުނު ފައިނަލްގައި ބައްދަލުކުރީ ވެމްކޯ އާއި ދިވެހި ސިފައިންގެ ކުލަބެވެ. ވެމްކޯއިން މި މެޗު ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.
ދިވެހި ސިފައިންގެ ކުލަބަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.
ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ވެމްކޯ ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބް ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗުން ވެމްކޯ ކައިރިން ބަލިވި ނަމަވެސް ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗު 9-5 ގެ ތަފާތުބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކުލަބެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރުގަދަ ކުޅުމެކެވެ. މެޗު ފެށުމާއިއެކު ލަނޑެއް ޖެހުމަށް ދެ ޓީމުން މަސައްކަތް ކުރިއެވެ. ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ ދިއުމަށް ނިމުން ގެނައީ ދިވެހި ސިފައިންގެ ކުލަބެވެ. މެޗުގެ ހަވަނަ މިނިޓްގައި ސުމައްޔާ މަޓުސުޝިމާ ދިވެހި ސިފައިންގެ ކުލަބަށް ލީޑު ނަގައިދިނެވެ. ސުމައްޔާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ސަބީނާ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ވެމްކޯގެ އޭރިޔާތެރޭ ހުސްކޮށް ހުރެ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.
ދިވެހި ސިފައިންގެ ކުލަބްގެ ލަނޑަށްފަހު ކުޅުން ރަނގަޅުކުރި ވެމްކޯއިން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯދިއެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ވެމްކޯއަށް އެކަން ކާމިޔާބުވީ 17 ވަނަ މިނިޓްގަ އެވެ. ނޫރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެމްކޯއަށް މި ލަނޑު ޖަހައިދިނީ އާމިނަތު ފަޒްލާ އެވެ. ފަހަތުން އަރައި ވެމްކޯއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ މަޔާރާ ކަސްސިއާ ބަލްދާއްސޯ އެވެ. ޓީމުވަންތަ ކުޅުމަކުން ބަލްދާއްސޯ ކާމިޔާބުކުރި މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ވެމްކޯ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ 24 ވަނަ މިނިޓްގައި ވެމްކޯއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އާމިނަތު ފަޒްލާ އެވެ. ގޯލު ކުރިމައްޗަށް އަޗްލޭ ޖައްސާލި ބޯޅަ ފަޒްލާ ގޯލުގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް ހުރެއެވެ.
ވަރުގަދަ އެޓޭކިން ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު މި މެޗުގެ ފަހުކޮޅު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވިފައެވެ.
3-1 އިން މެޗު ކާމިޔާބުކޮށް ވެމްކޯ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ މަޔާރާ ކަސްސިއާ ބަލްދާއްސޯ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކުލަބްގެ ސުމައްޔާ މަޓުސުޝިމާ އެވެ. މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކުލަބްގެ މައިޝާ އަބްދުލްހަންނާނެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ބިސްބުރު ސްޕޯރޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު ޢަލީ ނަދީމެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިވެހި ސިފައިންގެ ކުލަބްގެ ސުމައްޔާ މަޓުސުޝިމާ، ދިވެހި ސިފައިންގެ ކުލަބްގެ ސަބީނާ ކާތުން، ވެމްކޯގެ ފާތިމަތު ޝައުޝަން، ވެމްކޯގެ އަޗްލޭ ލަރިއްސާ އޮލިވިއޭރާ ޑަ ސިލްވާ އަދި ވެމްކޯގެ މަރިޔަމް ނޫރާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އަޗްލޭ ލަރިއްސާ އޮލިވިއޭރާ ޑަ ސިލްވާ އެވެ.
