ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޓީސީސީ ބަލިކޮށް އާރުއާރުސީ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ، މިދިޔަ އަހަރުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބް (އާރުއާރުސީ) ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު، އެޗްޑީސީއާ ބައްދަލުކޮށް ކާމިޔާބު ކުރީ މިދިޔަ އަހަރުގެ ރަނަރަޕް އެސްޓީއޯ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗު ރޭގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ މި އަހަރުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާރުއާރުސީ އާއި އެމްޓީސީސީ އެވެ.

ވަރުގަދަ އެޓޭކިންގ ގޭމަކުން މެޗު ފެށި އާރުއާރުސީއިން ވަނީ ހަތަރުވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އަފްލާޒެވެ.

ފުޓްސަލްގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންތަކެއް ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުން ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. ލަނޑު ޖެހުމަށްފަހު އާރުއާރުސީން މެޗު ކޮންޓްރޯލްކުރި ނަމަވެސް، ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދައި އެމްޓީސީސީން ވަނީ އާރުއާރުސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެމްޓީސީސީން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ނުވަވަނަ މިނިޓްގަ އެވެ. ގޯލު ކުރިމައްޗަށް އަޔާޒް އަޙްމަދު ނަގައިދިން ހުރަސް މުޙައްމަދު އިސާމް ގޯލްގެ ތެރެއަށް ފޮނުވާލީ މެއިންނެވެ.

ފޯރިގަދަ ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ސޯޅަވަނަ މިނިޓްގައި އެމްޓީސީސީން ވަނީ ފަހަތުން އަރައި، ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފަ އެވެ. އާރުއާރުސީގެ ފައުލް ހަމަވެގެން އެމްޓީސީސީއަށް ލިބުނު ދުރު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބު ކޮށްދިނީ ނައްޓަން ސޮއަރެސް ސޮއަރެސް އެވެ. މި ނަތީޖާއާއެކު މެޗު ނިންމާލަން އެމްޓީސީސީން މަސައްކަތް ކުރިއިރު، ނަތީޖާ ހަމަހަމަ ކުރުމަށް އާރުއާރުސީން ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއެވެ. އެމްޓީސީސީގެ ފަސް ފައުލް ހަމަވެގެން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އާރުއާރުސީއަށް ލިބުނު ދުރު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި ހާފު ނިމުމުގެ ކުރިން އާރުއާރުސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަނާން ރަޝާދެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތް ދެ ޓީމުން ވެސް ވަނީ ހާފު ފެށުމާއިއެކު އިތުރުކޮށްފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި އާރުއާރުސީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާދަމް ނާސިހް އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން ދަނިކޮށް މޮހްސިން މޮންޓަޒޭމީ ވަނީ އާރުއާރުސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް ގޮސް އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގެ ފަހު ހާފުގައި ވެސް ވަނީ އެމްޓީސީސީއަށް ދުރު ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އެމްޓީސީސީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ފުރަތަމަ ހާފުގައި ވެސް ދުރު ޕެނަލްޓީ ކާމިޔާބުކޮށްދިން ނައްޓަން ސޮއަރެސް ސޮއަރެސް އެވެ.

3-4 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އާރުއާރުސީން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މޮހްސިން މޮންޓަޒޭމީ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ބައްދަލުކުރި އެސްޓީއޯ އާއި އާރުއާރުސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top