ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަޝްހޫރު ފާސްޓްފުޑް ރެސްޓޯރެންޓްތަކަކުން ނަޖިހުގެ އަސަރު ހުރި ގަނޑުފެން
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ބީބީސީ ވަންގެ “ވޮޗްޑޮގް” ޕްރޮގްރާމުން ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ ތަހުޤީޤަކުން ހާމަވިގޮތުގައި، އިނގިރޭސިވިލާތުގައި ހިންގާ މަޝްހޫރު ފާސްޓްފުޑް ޗެއިންތައް ކަމަށްވާ ކޭއެފްސީ، ބާގާ ކިންގް އަދި މެކްޑޮނަލްޑްސްގެ ބައެއް އައުޓްލެޓްތަކުން ސާވްކުރާ ގަނޑުފެނުން އިންސާނުންގެ ނަޖިހުގައި ހުންނަ “ފީކަލް ކޮލިފޯމް” ބެކްޓީރިއާ ފެނިއްޖެއެވެ.

މުޅި ޤައުމުގެ އެކި ސަރަހައްދުތަކުން ޖުމްލަ 30 ބްރާންޗަކުން ނެގި ސާމްޕަލްތައް ލެބޯޓްރީގައި ޓެސްޓްކުރިއިރު، ކޭއެފްސީގެ 10 ބްރާންޗެއްގެ ތެރެއިން 7 ތަނަކުންނާއި، ބާގާ ކިންގްގެ 10 ތަނަކުން 6 ތަނެއްގެ އަދި މެކްޑޮނަލްޑްސްގެ 10 ތަނަކުން 3 ތަނެއްގެ ގަނޑުފެނުގައި ބެކްޓީރިއާ ހުރިކަން ވަނީ ކަށަވަރުވެފައެވެ. މީގެ ތެރެއިން ކޭއެފްސީގެ 5 ސާމްޕަލަކާއި ބާގާ ކިންގްގެ 4 ސާމްޕަލެއްގައި ބެކްޓީރިއާ ހުރީ ނުރައްކާތެރި މިންވަރަކަށެވެ. އިނގިރޭސިވިލާތުގެ ތިމާވެށި، ކާބޯތަކެތި އަދި ރޫރަލް އެފެއާޒްއާ ބެހޭ ވުޒާރާ ގެ ޤަވާއިދުތައް ބުނާގޮތުން، ބޯފެނާއި ގަނޑުފެނުގައި މިފަދަ އެއްވެސް ބެކްޓީރިއާއެއް ހުރެގެން ނުވާނެއެވެ.

ޗާޓާޑް އިންސްޓިޓިއުޓް އޮފް އެންވަޔަރަންމަންޓަލް ހެލްތުގެ ފަރާތުން ޓޯނީ ލޫވިސް ވިދާޅުވި ގޮތުގައި، މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިކަން މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބަކީ ބުއިންތައް ތައްޔާރުކުރާ މުވައްޒަފުން އަތްދޮވުމުގެ ކަންކަމުގައި އިހުމާލުވުމާއި، ގަނޑުފެން އުފައްދާ މެޝިންތައް ޤަވާއިދުން ސާފުނުކުރުމުގެ ސަބަބުން އޭގައި ޖަރާސީމު އަށަގަތުމެވެ.

މި ހޯދުންތަކާ ގުޅިގެން، ކޭއެފްސީން ވަނީ މައްސަލަ ޖެހުނު އައުޓްލެޓްތަކުގެ ގަނޑުފެން މެޝިންތައް ވަގުތުން ބަންދުކޮށް، ފުރިހަމައަށް ސާފުކުރުމަށްފަހު މުޅި ޤައުމުގައި ހުރި އެ ކުންފުނީގެ ހުރިހާ ބްރާންޗްތަކެއް އިންސްޕެކްޓްކުރުމަށް އަމުރުކޮށްފައެވެ. ބާގާ ކިންގްއިން ވަނީ އެ ކުންފުނީގެ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ހަރުދަނާކުރާނެ ކަމަށް ބުނެފައެވެ. އަދި މެކްޑޮނަލްޑްސްއިން ބުނެފައިވަނީ އެ ތަނުގެ ސާމްޕަލްތަކުން “އީ-ކޮލައި” ފަދަ ނުރައްކާތެރި ބަލިމަޑުކަން ފަތުރާ ޖަރާސީމެއް ފެނިފައިނުވާ ކަމަށާއި، މި ސިނާއަތުގައި ބޭނުންކުރާ ގަނޑުފެނުގެ ފެންވަރު ހިފެހެއްޓުމަށް ރަސްމީ މިންގަނޑުތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

މަޖޮސް2 ގަޑިއިރު ކުރިން

ރާއްޖޭގަ އަދި މާ ކަންތައް ގޯސްކޮށް އޮންނާނޯ

Home
Menu
Search
Back to top