2026/2027 ގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުންދާ ވިކްޓްރީ ސްޕޯރޓްސް ކުލައިބާއި، ސީނިއާރ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ގުޅިއްޖެ އެވެ.
މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ޤައުމީ ޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރާ ނާއިޒް ހަސަން (ދާދު) ގެ އިތުރުން ޤައުމީ ޓީމުގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވިކްޓްރީގެ ކުޅުންތެރިންގެ ގޮތުގައި، އެ ޓީމުން ވަނީ ރަސްމީކޮށް ތައާރަފް ކޮށްފައެވެ. ކުރިން ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ކަމުގައިވާ ހުސައިން ނިހާން (ނިހާޓް) އާއި ހިސާމް ސަލީމް (ކޮކީ) ވެސް ވަނީ ވިކްޓްރީއާ ގުޅިފައެވެ.
ނިއުރޭޑިއަންޓުން ވިދާލި ހަމްޒާ މުޙައްމަދު ވޭތުވެދިޔަ ހަތް އަހަރު ކުޅެފައިވަނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އަށެވެ. ވިކްޓްރީއަކީ އޭނާ ކުޅޭ ތިންވަނަ ޓީމެވެ. މިވަގުތު އޮޕްރޭޝަނެއް ކޮށްގެން ހުރި ހަމްޒާ މުޙައްމަދު ކުޅެން ފެށޭވަރު ވާނީ ސީޒަންގެ މެދުތެރެ ހިސާބުގައެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީސީން ހޯދި އަހަރު އެ ޓީމުން ވިދާލި، ނާއިޒް ހަސަން ވަނީ ފުރަތަމަ ޑިވިޝަންގައި އެ ޓީމާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. ދެވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްފަހު ފުރަތަމަ ޑިވިޝަންގައި ކުޅުނު ފުރަތަމަ އަހަރު ފުރަތަމަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދިއެވެ. ޓީސީން ހޯދި ކާމިޔާބީތަކުގައި ނާއިޒް ހަސަންގެ ހިއްސާ ބޮޑެވެ. ނާއިޒް ހަސަން ވެސް އެންމެ ފަހުން ކުޅުނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އަށެވެ. އަށް އަހަރު ދުވަހަށްފަހު މާޒިޔާ ދޫކޮށް ވިކްޓްރީއާ ގުޅުނު ނާއިޒް ހަސަން، ކުޅޭ ތިންވަނަ ޓީމަކީ ވިކްޓްރީ އެވެ.

ނާއިޒް ހަސަން (ދާދު) / ފޮޓޯ: ވިކްޓްރީ ސްޕޯޓްސް އެފްބީ
ވޭތުވެދިޔަ އަހަރުގެ ޤައުމީ މުބާރާތް އޮޑި ސްޕޯރޓްސްއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި، ޤައުމީ ޓީމުގެ ކީޕަރު މުޙައްމަދު ޝަފީއު އެވެ. ފުރަތަމަ ޑިވިޝަންގެ އެހެން ބައެއް ކުލަބްތަކަށް ވެސް ކުޅެފައިވާ މުޙައްމަދު ޝަފީއުއަކީ ވިކްޓްރީއަށް ސޮއިކުރި ޤައުމީ ޓީމުގެ ތިންވަނަ ކުޅުންތެރިޔާ އެވެ.
މި ކުޅުންތެރިންގެ އިތުރުން މި ސީޒަނަށް ވިކްޓްރީއާ ގުޅުނު ކުޅުންތެރިންނަށް ބަލާލާއިރު، ހުސައިން ނިހާން އާއި ހިސާމް ސަލީމްއަކީ ކުރިން ޤައުމީ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އަދި މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު، ދުރުނޫން މުސްތަޤުބަލެއްގައި ޤައުމީ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު އޮތް ދެ ކުޅުންތެރިންނެވެ.
ސީޒަން ފެށުމުގެ ކުރިން ވިކްޓްރީއާ އަދި އިތުރު ކުޅުންތެރިންތަކެއް ގުޅުމަށް ހަމަޖެހިފައިވާއިރު، ނިމުނު ސީޒަންގައި ވިކްޓްރީގައި ތިބި މުހިންމު ގިނަ ކުޅުންތެރިން ޓީމުގައި މަޑުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ، ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ނިމުނު ސީޒަންގެ އެފްއޭ ކަޕް ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ދިވެހި ޕްރެމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.
