ޒެންތަން ގަމް އަކީ އައިސްކްރީމް، ޔޯގަޓް، ސޯސް، ކޭކު އަދި ގްލޫޓެން ފްރީ ޕާސްތާ ފަދަ ތަކެތީގެ އޮމާންކަމާއި އޮލަކަން ދެމެހެއްޓުމަށްޓަކައި ކާބޯތަކެތި އުފައްދާ ސިނާއަތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ މާއްދާއެކެވެ. މީގެ އިތުރުން، ކާއެއްޗެހި ދިރުވަން އުނދަގޫވާ ބަލި ތަހައްމަލުކުރާ މީހުންނަށް ދިޔާތަކެތި ދިރުވުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ތަކެތި އޮލަކުރުމަށް ވެސް މި މާއްދާ ބޭނުންކުރެއެވެ.
ނަމަވެސް، ބްރެޒިލްގެ ފެޑަރަލް ޔުނިވަރސިޓީ އޮފް ސައޮ ޕައުލޯ އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މި މާއްދާ ގަވާއިދުން ގިނަދުވަސްވަންދެން ބޭނުންކުރުމަކީ އޭގެ ނުރައްކާ އޮތް ކަމެކެވެ. ދިހަ ހަފުތާ ވަންދެން ޒެންތަން ގަމް ދެވުނު މީދާތަކެއްގެ ބޮޑުގޮހޮރު ދުޅަވެ، ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ބަދަލު އައިސް، ގޮހޮރުގެ ފާރުގެ ރައްކާތެރިކަން ކުޑަވެފައިވާކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ނިއުޓްރިޝަނިސްޓް އަދި ސްޕީޗް ތެރަޕިސްޓް އެލެސަންޑްރާ ރިޝިޓެލީ ވިދާޅުވި ގޮތުގައި، މީގެ މަގުސަދަކީ ޒެންތަން ގަމްއަކީ ގޯސް އެއްޗެއްގެ ގޮތުގައި ސިފަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިކަމާ ގުޅޭގޮތުން އިންސާނުން ބޭނުންކޮށްގެން އިތުރު ދިރާސާތައް ކުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ. މަދު މިންވަރަކަށް، ދޭތެރެއަކުން ބޭނުންކުރުމަކީ ސިއްހަތަށް ނުރައްކާވާނެ ކަމެއް ނޫން ކަމަށް ވިޔަސް، ކޮންމެ ދުވަހަކު ބޭނުންކުރުމާއި، ހަށިގަނޑުގައި މި މާއްދާ ޖަމާވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ކޮންމެ ދުވަހަކު ބޭނުންކުރުމުން ކުރިމަތިވާ ނުރައްކާ
ކާބޯތަކެތި ދިރުވަން އުނދަގޫވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކޮންމެ ދުވަހަކު މި މާއްދާ ހިމެނޭ ތަކެތި ބޭނުންކުރަން ޖެހުމަކީ ސައިންސްވެރިންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ޕްރޮސެސްކޮށްފައިވާ ކާބޯތަކެއްޗާއި، ޕްރޮޓީން ޝޭކް ފަދަ ތަކެތީގައި ވެސް މި މާއްދާ ގިނަ އަދަދަކަށް ހުރެއެވެ. އެހެންކަމުން، ބްރެޒިލްގެ ކާބޯތަކެތީގެ އިރުޝާދުތަކުގައިވާ ފަދައިން، ގިނަ އަދަދަކަށް އެޑިޓިވްސް ހުންނަ އަދި މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާބޯތަކެތިން ދުރުހެލިވުން މުހިންމެވެ.
ޒެންތަން ގަމް އުފައްދަނީ ‘ޒެންތޯމޯނަސް ކެމްޕެސްޓްރިސް’ ކިޔާ ބެކްޓީރިއާއެއް ބޭނުންކޮށްގެން ފާމެންޓްކޮށްގެންނެވެ. މިއީ ގަސްގަހާގެއްސަށް ބަލިޖައްސާ ބެކްޓީރިއާއެކެވެ. ކާބޯތަކެތި ދިރުވަން އުނދަގޫވާ ބައެއް މީހުންނަށް ކޯންސްޓާޗް ފަދަ ތަކެތި ބޭނުން ނުކުރެވޭތީ، ޒެންތަން ގަމްއަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗަކަށް ވެދާނެއެވެ. މިފަދަ ހާލަތްތަކުގައި، ގޮހޮރުގެ ދުޅަހެޔޮކަން ބެލުމާއި، ޕްރޯބަޔޮޓިކްސް ބޭނުންކުރުން ފަދަ ގޮހޮރު ރައްކާތެރިކުރާނެ ގޮތްތައް ހޯދުމަށް ރިޝިޓެލީ ލަފާދެއްވައެވެ.
ޅަފަތުގެ ތުއްތުކުދިންނަށް ކުރިމަތިވި ސިއްހީ މައްސަލަތައް
އެމެރިކާގައި ދުވަސް ނުފުރާ ވިހާ ތުއްތުކުދިންނަށް ޒެންތަން ގަމް ހިމެނޭ ކާނާ ދިނުމުން، ގޮހޮރު ހަލާކުވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ‘ނެކްރޮޓައިޒިން އެންޓެރޯކޮލައިޓިސް’ ޖެހުނު މައްސަލަތަކަށް މި ދިރާސާއިން އަލިކަމެއް ލިބިގެންދެއެވެ. 2012 ވަނަ އަހަރު މިފަދަ 22 ކުއްޖަކަށް މި ބަލިޖެހި، ތިން ކުއްޖަކު މަރުވުމާ ގުޅިގެން، އެމެރިކާގެ އެފް.ޑީ.އޭ އިން ވަނީ ދުވަސް ނުފުރާ ވިހާ ކުދިންގެ ކާނާގައި މި މާއްދާ ބޭނުންކުރުން މަނާކޮށްފައެވެ.
ގޮހޮރުގެ ރައްކާތެރިކަން ކުޑަވުން
ދިރާސާވެރިން ބުނާގޮތުގައި ޒެންތަން ގަމްގެ ސަބަބުން ގޮހޮރުގެ ސެލްތަކުގެ މެދުގައި ހުންނަ ފާރު ބަލިކަށިވެ، ބޭރުގެ މާއްދާތައް ގޮހޮރުގެ ތެރެއަށް ވަނުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ގޮހޮރު ދުޅަވުމަށް މެދުވެރިވެއެވެ. މި ދިރާސާގައި ބޭނުންކުރި މީދާތަކުގެ ގޮހޮރުން ދުޅަވުމުގެ އަލާމާތްތައް ފެނިފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ގިނަ އަދަދަކަށް ޒެންތަން ގަމް ދެވުނު މީދާތަކަށެވެ.
ގޮހޮރުގެ ބެކްޓީރިއާތަކަށް އަންނަ ބަދަލު
ގިނަދުވަސްވަންދެން ޒެންތަން ގަމް ބޭނުންކުރުމުން ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކުގެ ބާވަތްތަކުގެ އަދަދަށް ބޮޑު ބަދަލެއް ނައި ނަމަވެސް، އެ ބެކްޓީރިއާތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ގެއްލިގެންދެއެވެ. މިގޮތުން، ބަލިތަކާއި ދުޅަވުމަށް މަގުފަހިކުރާ ބެކްޓީރިއާތައް އިތުރުވާކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
