އެޕަލް ކުންފުނީގެ އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރޭ ‘އައިފޯން 20’، 2027 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. މިއީ 2017 ވަނަ އަހަރު އައިފޯންގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ނެރުނު ‘އައިފޯން އެކްސް’ އަށް ފަހު، މި ފޯނުގެ ފަރުމާއަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް ލަފާކުރެވެއެވެ.
އައިފޯން އެކްސްއިން ‘ހޯމް ބަޓަން’ އުނިކޮށް، މުޅި މޫނުމަތި ސްކްރީނަކަށް ބަދަލުކޮށްލި ފަދައިން، 2027ގެ މޮޑެލްއަކީ ކުރިއަށް އޮތް އަހަރުތަކަށް އައިފޯންގެ އައު ފަރުމާ ކަނޑައަޅައިދޭނެ ފޯނަކަށް ވާނެއެވެ. ބެލެވޭ ގޮތުގައި މި ފޯނު ބާޒާރަށް ނެރޭނީ އެޕަލްގެ ދެވަނަ ޖީލުގެ ފަތްޖަހާލެވޭ (ފޯލްޑަބަލް) އައިފޯނާ އެކީގައެވެ.
ކޮޅުތައް ގުދުކޮށްފައިވާ، މުޅިން ބިއްލޫރި ފަރުމާއެއް
މި އައު ފަރުމާގެ އެންމެ ހާއްސަ ސިފައަކީ ބިއްލޫރި ބޭނުންކޮށްފައިވާ ގޮތެވެ. ބްލޫމްބާގްގެ މާކް ގާމަން ބަޔާންކުރާ ގޮތުގައި، މި ފޯނުގެ ސްކްރީނުގައި އެއްވެސް ކަނޑައިނެގުމެއް (ކަޓްއައުޓް) ނުހުންނާނެއެވެ. އަދި ފޯނުގެ ފަހަތާއި ހަތަރު އަރިމަތިވެސް ބިއްލޫރިން ފަރުމާކުރެވި، މުޅި ފޯނަކީ އެއް ބިއްލޫރިގަނޑެއް ފަދައިން ފެންނާނެއެވެ. މިއީ އެޕަލްގެ ކުރީގެ ޗީފް ޑިޒައިނަރ ޖޯނީ އައިވް ދެކެމުން އައި ހުވަފެނެއްގެ ފެށުމެވެ. މިހާރުވެސް އެޕަލްގެ ސަޕްލައި ޗެއިންތަކުން މިކަމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެމްސަންގް ގެލެކްސީ ފޯނުތަކުގައި ބޭނުންކުރާ ފަދަ ވަރުގަދަ ގުދުތަކެއްގެ ބަދަލުގައި، އެޕަލްއިން ބޭނުންކުރާނީ ވަރަށް ކުޑަ ގުދެއް ނުވަތަ “މައިކްރޯ-ކާވްސް” އެވެ. މީގެ ސަބަބުން ފޯނު އަތަށް ފަސޭހަވެ، ސްކްރީނުގެ އަރިމަތިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެޕަލްއިން މި ސްކްރީނަށް “ލިކުއިޑް ގްލާސް ޑިސްޕްލޭ”ގެ ނަން ދިނުން އެކަށީގެންވެއެވެ. އަދި މި ފޯނުގެ ސްކްރީނުގެ އަރިމަތީ ބޭސަލްސް އަކީ އެންމެ 1.1 މިލިމީޓަރުގެ ތުނި މިނެއް ކަމަށްވެސް ބުނެވެއެވެ.
ޑައިނަމިކް އައިލެންޑް އުނިކުރަނީތަ؟
ފޯނުގެ ކުރިމަތީ ފަރާތާ މެދު އަދިވެސް އޮތީ ސުވާލު މާކެކެވެ. އެޕަލްގެ އަމާޒަކީ ‘ފޭސް އައިޑީ’ ސިސްޓަމާއި ކެމެރާ ސްކްރީނުގެ އަޑިއަށް ބަދަލުކޮށް، މުޅި މޫނުމަތީގައި އެއްވެސް ލޯވަޅެއް ނެތް ސާފު ސްކްރީނެއް ތައާރަފުކުރުމެވެ. ނަމަވެސް، މި ޓެކްނޮލޮޖީ 2027 އަށް މުޅިން ފުރިހަމަވާނެ ކަމާ މެދު ބައެއް މާހިރުން ޝައްކު އުފައްދައެވެ. އެހެންކަމުން، ކުޑަ ލޯވަޅެއް ނުވަތަ ޑައިނަމިކް އައިލެންޑްގެ މާ ކުޑަ ވަރޝަނެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދެ ސައިޒެއްގެ ފޯނު
މި ޚާއްސަ މޮޑެލްގެ ދެ ސައިޒެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 6.3 އިންޗި އަދި 6.9 އިންޗީގެ ދެ ފޯނެވެ. ނަމަވެސް ބޭސަލްސް ތުނިވުމުގެ ސަބަބުން ބޮޑު ފޯނު 7 އިންޗީގެ ފޯނެއްގެ ގޮތުގައި މާކެޓްކުރުން އެކަށީގެންވެއެވެ.
ތުނި އަދި އޮމާން ފްރޭމް
ފޯނުގެ އަރިމަތީ ފްރޭމް ހުންނާނީ ވަރަށް ތުނިކޮށް އޮމާންކޮށްފައެވެ. މީގައި ބޭނުންކުރާނީ ކޮން މާއްދާއެއް ކަމެއް އަދި ޔަގީނެއް ނޫނެވެ. ބައެއް މީހުން އެލްމިނިއަމް ބޭނުންކުރާނެ ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ މިއީ ތަފާތު މާއްދާއަކަށް ވެދާނެ ކަމަށެވެ.
ހެޕްޓިކް ބަޓަންތައް
މި ފޯނުގައި އާދައިގެ އޮބޭ ބަޓަންތަކުގެ ބަދަލުގައި ބޭނުންކުރާނީ ‘ހެޕްޓިކް’ ބަޓަންތަކެވެ. މިއީ “ޕްރޮޖެކްޓް ބޮންގޯ”ގެ ނަމުގައި ކުރިއަށްދާ މަސައްކަތެކެވެ. މީގެ ސަބަބުން ފޯނުގެ އަރިމަތީގައި އެއްވެސް ހުޅުވުމެއް ނުވަތަ ހަރަކާތްކުރާ ބަޓަނެއް ނުހުންނާނެއެވެ. މި ބަޓަންތަކަކީ އަތް ތެތްކޮށް ހުއްޓަސް ނުވަތަ އަތަށް އަންގި ލައްވައިގެން ހުއްޓަސް މަސައްކަތްކުރާނެ ބަޓަންތަކެކެވެ. އަދި ފޯނުގެ ޗާޖު ހުސްވި ނަމަވެސް، ވަރަށް ކުޑަ ކަރަންޓުކޮޅަކުން މި ބަޓަންތައް މަސައްކަތްކުރާނެ ކަމަށް ބުނެވެއެވެ.
