ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެޝަނަލް އެވޯޑާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ދަނޫޝް ރައްދު ދީފި
ފޮޓޯ: ބޮލީވުޑް މެޝީން

72 ވަނަ ނެޝަނަލް ފިލްމް އެވޯޑްސްގައި އޭނާއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ދަނޫޝް ރައްދުދީފިއެވެ. އެންމެ މޮޅު ތަމަޅަ ފިލްމުގެ އެވޯޑް ހޯދި، 2024 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި “ރާޔަން” އަށްވުރެ މޮޅު ފިލްމުތައް އެ އަހަރު ހުރިކަމަށް ދަނޫޝް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އެ ފިލްމަށް އޭނާ ކުރި މަސައްކަތަކީ އިޚްލާސްތެރި މަސައްކަތެއްކަން ފާހަގަކުރަމުން، އެއް އަހަރެއްގެ ތެރޭގައި ތަމަޅަ ފަންނާނަކަށް ދެ ނެޝަނަލް އެވޯޑް ލިބުމަކީ ފާހަގަކުރަންޖެހޭ ކާމިޔާބީއެއް ކަމަށް އޭނާ ބުންޏެވެ. “ރާޔަން” ގެ އިތުރުން “ކެޕްޓަން މިލަރ” އިން ދެއްކި މޮޅު ހުނަރަށްޓަކައި ދަނޫޝް އަށް ވަނީ ޚާއްސަ އެވޯޑެއް ވެސް ލިބިފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ދަނޫޝް ބުނީ، މީގެ ކުރިން އޭނާ ކުޅުނު އަދި ގިނަ ބައެއްގެ ތަރުހީބު ލިބުނު ބައެއް ފިލްމުތަކަށް، އެވޯޑް ޙައްޤުވި ނަމަވެސް ނެޝަނަލް އެވޯޑް ނުލިބި ގޮސްފައިވާ ކަމަށެވެ. “ފިލްމު ނުކުތް ގޮތަކަށް ނުކުތަސް، އެ ފިލްމަށް އަޅުގަނޑު ކުރި މަސައްކަތަކީ ވަރަށް ތެދުވެރި މަސައްކަތެއް.” ފާޑުކިޔުމުގެ ބަދަލުގައި ތަމަޅަ ސިނަމާގެ ކުރިއެރުމަށް ތަރުހީބު ދިނުމަށް އެދެމުން ދަނޫޝް ބުންޏެވެ.

26 ޖުލައި 2024 ގައި ރިލީޒްކުރި “ރާޔަން” އަކީ ދަނޫޝް އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް، މައިގަނޑު ރޯލު އަދާކޮށްފައިވާ އެކްޝަން-ޑްރާމާ ފިލްމެކެވެ. ސަން ޕިކްޗާސްގެ ކަލާނިތީ މާރަން އުފައްދާފައިވާ މި ފިލްމުގައި އެސް.ޖޭ ސޫރިޔާ، ޕްރަކާޝް ރާޖް، ސެލްވަރާގަވަން، ސުންދީޕް ކިޝަން، ކާލިދާސް ޖަޔަރާމް، ދުޝާރާ ވިޖަޔަން، އަޕަރްނާ ބާލަމުރަލީ އަދި ވަރަލަކްޝްމީ ސަރަތުކުމާރު ހިމެނެއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އޭނާގެ އާއިލާ ހިމާޔަތްކުރުމަށްޓަކައި، ނުރައްކާތެރި ކުށްވެރިންގެ މާހައުލެއްގެ ތެރެއަށް ވަންނަން މަޖުބޫރުވާ އާދައިގެ ކާބޯތަކެތީގެ ވިޔަފާރިއެއް ހިންގާ މީހެއްގެ މައްޗަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top