ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“ސާޑީން ޓްރެންޑް” – މީސް މީޑިއާ ޓްރެންޑެއް ނަމަވެސް ސައިންޓިފިކް ހަގީގަތެއް!

މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މަގުބޫލުވަމުންދާ ހަމުގެ ފަރުވާއާ ގުޅޭ ޓްރެންޑަކީ ހަގީގީ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

މިއީ ހަމައެކަނި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކަށްވުރެ ބޮޑަށް، އޭގެ ފަހަތުގައި ސައިންޓިފިކް ހަގީގަތްތަކެއް އެކުލެވިގެންވާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

އާންމުގޮތެއްގައި ދިހުންގަދަ، ސިއްހަތު ރަނގަޅު ހަމެއް ހޯދުމަށްޓަކައި އަގުބޮޑު ކްރީމްތަކާއި ގިނަ ވަގުތު ހޭދަވާ ފަރުވާތައް ބޭނުންކުރި ނަމަވެސް، ހަމުގެ ފަރުވާގައި ބޭނުންކުރާ ތަކެތީގެ އިތުރުން ކާބޯތަކެތީގެ ދައުރު ވެސް ނުހަނު ބޮޑު ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ޑެންމާކްގެ ޓީވީ 2 އަށް މައުލޫމާތު ދެއްވަމުން، ހަމުގެ ބަލިތަކާބެހޭ ޑޮކްޓަރު ސެސިލީ ޖޯހަންސަން އަދި ކްލިނިކަލް ނިއުޓްރިޝަން އެކްސްޕާޓް ސްޓީނާ ޑެނާފްޖޯޑް ވިދާޅުވި ގޮތުގައި، މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ޓްރެންޑަކީ އެހެން ޓްރެންޑްތަކާ ހިލާފަށް ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

ކްރީމްތަކުގެ ކުރިން ކާބޯތަކެތި
“އީޓް ޔޯ ސްކިންކެއާ” ނުވަތަ “ކާބޯތަކެތީގެ ޒަރީއާއިން ހަމުގެ ފަރުވާ ހޯދުން” މި ޓްރެންޑަކީ ހަމައެކަނި އުނގުޅާ އެއްޗެއްސަށް ބަރޯސާވުމުގެ ބަދަލުގައި، ކާބޯތަކެތީގެ ޒަރީއާއިން ހަމުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއަޅާ ކަމެކެވެ. މިގޮތުން، ފަހަކަށް އައިސް ދަޅުގައި ބަންދުކުރި ސާޑީން މަހަކީ އެންމެ ގިނައިން ދެކެވޭ އެއް ބާވަތެވެ. ސަބަބަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވުމެވެ.

ޑެނާފްޖޯޑް ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުންނަށް ކެއުމުގައި އޮމެގާ-3 ބޭނުންކުރެވެނީ އިރުޝާދު ދީފައިވާ މިންވަރަށްވުރެ މަދުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ފައިދާހުރި ފެޓްތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަންގަނޑުގައި ބިހި އަދި އޮށާޅަ ނެގުމާއި އެގްޒީމާ ފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވާ “އިންފްލެމޭޝަން” ނުވަތަ ދުޅަވުން ކުޑަކޮށްދޭ އެއްޗެކެވެ.

މިވެސް ކިޔާލަން:  ކޯވިޑް 19 - އަނެކުންނަށް އަޅައިލުމުގެ މާތްކަން!

އެއްރެއިން ބަދަލު އަންނާނެ ކަމަކަށް ނުބަލާ
ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ކާބޯތަކެތީގެ ސަބަބުން ހަމަށް ފައިދާ ކުރި ނަމަވެސް، އެއްވެސް ބާވަތެއްގެ ކާނާއަކުން އެއްރެއިން ހަންގަނޑު މުޅިން ބަދަލުކޮށްލާނެ ކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. ސާޑީން ފަދަ ތެޔޮ މަހުގެ ބާވަތްތައް ކެއުމަކީ ދުޅަހެޔޮ ދިރިއުޅުމުގެ އެއް ބައެއް ކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް، މިއީ ހަމުގެ ފަރުވާގައި ބޭނުންކުރާ އިތުބާރު ހުރި އުސޫލުތަކުގެ ބަދަލުގައި ކުރަންޖެހޭ ކަމެއް ނޫނެވެ.

މީގެ އިތުރުން، ހަމުގެ ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކުން ހަމައެކަނި ސޯޝަލް މީޑިއާ ޓްރެންޑްތަކަށް ނުވަތަ ކާބޯތަކެތީގެ ބަދަލުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސިއްހީ މާހިރުންގެ ލަފާ ހޯދުމަށް ވެސް އެ ބޭފުޅުން އިރުޝާދު ދެއްވައެވެ.

ދުޅަހެޔޮ ހަންގަނޑެއް ހޯދުމަށް ކުރެވިދާނެ ކަންތައްތައް
ތަޖުރިބާކާރުންގެ ނަޒަރުގައި، ދުޅަހެޔޮ ހަންގަނޑެއް ހޯދުމަށްޓަކައި މުހިންމީ ވަގުތީ ޓްރެންޑްތަކަށްވުރެ ބޮޑަށް ދާއިމީކޮށް ކުރާ ކަންތައްތަކެވެ. އެގޮތުން ދެއްވާފައިވާ ބައެއް އިރުޝާދުތަކަކީ:

🩺 އަވިން ރައްކާތެރިވުމަށް އެސް.ޕީ.އެފް30 ނުވަތަ އެއަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުން.

🩺 ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން މޫނު ރީތިކޮށް ސާފުކުރުން.

🩺 ފެންވެރުމަށްފަހު ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒާ ބޭނުންކުރުން.

🩺 ކެއުމުގައި ތެޔޮ މަހުގެ ބާވަތްތަކާއި އެކި ކަހަލަ ފައިދާހުރި ކާނާ ހިމެނުން.

🩺 ހަމުގެ ފަރުވާގައި ބޭނުންކުރާ ތަކެތީގައި ކޮންމެހެން ބޭނުން ނޫން ވަސްތައް (ފްރެގްރޭންސަސް) ހުންނަ ތަކެތި ބޭނުންނުކުރުން.

🩺 ހަމުގެ ބަލިތައް ދިގުލައިދާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން.

ސޯޝަލް މީޑިއާގައި މަގުބޫލު މި ސާޑީން ޓްރެންޑަކީ ހަމުގެ ފަރުވާގައި ބޭނުންކުރާ އުސޫލުތަކަށް އައި ބަދަލަކަށް ނުވި ނަމަވެސް، މިއީ މުހިންމު މެސެޖެއް ދޭ ކަމެކެވެ. އެއީ ހަމުގެ ދުޅަހެޔޮކަން ފެށެނީ މުޅި ހަށިގަނޑުގެ ސިއްހީ ދުޅަހެޔޮކަމުން ކަމާއި، އެކަމުގައި ރަނގަޅު ކާނާއަކީ ނުހަނު ބޭނުންތެރި އެއްޗެއްކަމެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ހެޑްވިގާ ގޮލިކްގެ ހަށިގަނޑު ފެނުނީ އޭނާ މަރުވިތާ 42 އަހަރު ފަހުން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top