ކޮފީ ބުއިމަކީ ފުރަމޭގެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން ބޮޑު ދިރާސާއަކުން ދައްކައިފިއެވެ.
“ކްލިނިކަލް ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ ނަތީޖާތަކުން އުންމީދީ ކަންތައްތަކެއް ފެނުނު ނަމަވެސް، ހަމައެކަނި ފުރަމޭ (ލިވާރ)ގެ ރައްކާތެރިކަމަށްޓަކައި ކޮފީ ބޯން ފެށުމަށް ދިރާސާވެރިން ލަފައެއް ނުދެއެވެ. ސަބަބަކީ މި ދިރާސާއިން ދައްކައިދެނީ ކޮފީއާއި ފުރަމޭގެ ދުޅަހެޔޮކަމާ ދެމެދު އޮތް ގުޅުން އެކަނި ކަމަށްވާތީއެވެ. މިއީ ސީދާ ކޮފީގެ ސަބަބުން ލިބޭ ފައިދާއެއްކަން ކަށަވަރުކޮށެއް ނުދެއެވެ.
މީގެ އިތުރުން، މާ ގިނައިން ކޮފީ ބުއިމަކީ ނިދި މަދުވުމާއި ހިތުގެ ތެޅުން އަވަސްވުން ފަދަ ޞިއްޙީ މައްސަލަތަކަށް މަގުފަހިވާ ކަމެއްކަން ދިރާސާވެރިން ފާހަގަކުރެއެވެ. އެހެންކަމުން، ކޮފީ ބޭނުންކުރަންވާނީ މިންހެޔޮ މިންވަރަކަށް ކަމަށް ޞިއްޙީ މާހިރުން ލަފާދެއެވެ.
ހަމައެކަނި ކެފެއިންއެއް ނޫން
މި ދިރާސާއިން އެނގުނު ގޮތުގައި އާދައިގެ ކޮފީއާއި ކެފެއިން ނުހިމެނޭ (ޑީކޭފް) ކޮފީ ބޭނުންކުރި ނަމަވެސް ފެނިފައިވަނީ އެއް ނަތީޖާއެކެވެ. މީގެ މާނައަކީ މިއީ ހަމައެކަނި ކެފެއިންގެ ސަބަބުން ލިބޭ ފައިދާއެއް ނޫން ކަމެވެ.
ދިރާސާވެރިން ޤަބޫލުކުރާ ގޮތުގައި ކޮފީގައި ގުދުރަތީގޮތުން އެކުލެވޭ އެހެނިހެން މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަތައް އިންފެލެމޭޝަން (ދުޅަވުން) ކުޑަކޮށްދީ، ފުރަމޭ ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. މި ނިންމުންތައް ބިނާކޮށްފައިވަނީ ދިރާސާގެ ބައިވެރިންގެ އެމް.އާރް.އައި (މެގްނެޓިކް ރިސޮނެންސް އިމޭޖިން) ސްކޭންތަކާއި ލޭގެ ސާމްޕަލްތައް ތަޙުލީލުކޮށްގެންނެވެ.
ބޯންވީ ކިތައް ތަށި ކޮފީ؟
މި ދިރާސާގައި ޔޫ.ކޭ ބަޔޯބޭންކްގެ ގާތްގަނޑަކަށް 355,000 މީހުންގެ ޞިއްޙީ ހާލަތު 13 އަހަރު ވަންދެން ބަލާފައިވެއެވެ.
ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ދުވާލަކު ފަސް ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯ މީހުންނަށް، ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު ފުރަމޭ ހަލާކުވުމާއި (ސައިރޯސިސް)، ފުރަމޭގެ ކެންސަރު އަދި ފުރަމޭގެ ބަލިތަކުގައި މަރުވުމުގެ ފުރުޞަތު ކުޑައެވެ. ހަމައެއާއެކު، ދުވާލަކު ތިނެއް ނުވަތަ ހަތަރު ތަށި، ނުވަތަ އެކެއް ނުވަތަ ދެ ތަށި ކޮފީ ބޯ މީހުންނަށް ވެސް މި ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކަމަށް މި ދިރާސާއިން ދައްކައެވެ.
