ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ ޗެމްޕިއަންކަން ހޯދައިފި
މުބާރާތުގެ ޗެމްޕިއަން ޓީމް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) / ފޮޓޯ: ކުލަބް މޯލްޑިވްސް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގައި އަލަށް ވާދަކުރި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރީ އެޗްޑީސީ އެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި އެޗްޑީސީން ހަތަރުވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެޗްޑީސީއިން ނެގި ކޯނަރު ދިފާއުކުރަން މަސައްކަތް ކުރި ސްޓެލްކޯގެ ކީޕަރުގެ އަތުގައި ޖެހިފައި ފަހަތަށް ދިޔަ ބޯޅަ އެޗްޑީސީގެ ފިރުޝާނާ ނަސީރު ގޯލުގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެ ހުސްކޮށް އޮތް ގޯލުގެ ތެރެއަށެވެ.

އެޗްޑީސީން ލީޑު ނަގައި ހަމަޖެހި ނުލެވި އުޅެނިކޮށް ސްޓެލްކޯއިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ސްޓެލްކޯއަށް މި ލަނޑު ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޝަހުލާ ތައުފީޤެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގޯލްލައިން ދޫކޮށް ކުރިޔަށް ނުކުމެ ހުރި އެޗްޑީސީގެ ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ އެޗްޑީސީންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއިރު، ސްޓެލްކޯއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ.

މިވެސް ކިޔާލަން:  "ބަވަތި" އަޅުވަން ނުވަ ދުވަހަށް ވެއްޖެ!

އެޗްޑީސީން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ އެޗްޑީސީންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ސްޓެލްކޯއަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައިރު، ދެވަނަ ހާފުގެ ހަތްވަނަ މިނިޓުގައި އެޗްޑީސީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ސާލިޔާ އެވެ. އިތުރު ލަނޑެއް ޖެހުމަށް ސްޓެލްކޯއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހުކޮޅު އެވެ. މި މެޗުގައި ސްޓެލްކޯގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ޝަހުލާ ތައުފީޤެވެ. މި ލަނޑަށްފަހު ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ސްޓެލްކޯއަށް ލިބި ވަނީ ބޭނުން ނުކުރެވި ގޮސްފައެވެ.

ދެވަނަ ފަހަރަށް އެޗްޑީސީން ލީޑު ފުޅާކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފިރުޝާނާ ނަސީރު ޖަހައިދިން ލަނޑުންނެވެ.

4ـ2 އިން މޮޅުވެ އެޗްޑީސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ފިރުޝާނާ ނަސީރެވެ.

މުބާރާތުގެ އެހެނިހެން މަގާމުތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަންސް ކުލަބްގެ ފާތިމަތު އިނާޝާ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ޕްރިޒަންސް ކުލަބެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ޔޫތު މިނިސްޓްރީގެ އާއިޝަތު މަރީޝާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޑީސީގެ ފާތިމަތު ސާލިޔާ އެވެ. މުބާރާތުގެ އެންމެ ވަރުގަދަ ސަޕޯޓިންގ ޓީމަކީ ކުލަބް އެޗްޑީސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކުލަބް އެޗްޑީސީގެ ކޯޗް ފަރުހާދު އިސްމާއިލް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ސްޓެލްކޯގެ ޝަހުލާ ތައުފީޤް، އެޗްޑީސީގެ އާމިނަތު ރިސާލާ، އެޗްޑީސީގެ ފާތިމަތު ސާލިޔާ، ސްޓެލްކޯގެ މަރިޔަމް ޒާނާ އަދި އެޗްޑީސީގެ ފިރުޝާނާ ނަސީރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ފާތިމަތު ސާލިޔާ އެވެ.

މިވެސް ކިޔާލަން:  އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top