މަޝްހޫރު ޑައިރެކްޓަރު އެޓްލީ އާއި އެކްޓަރު އައްލޫ އަރުޖުން ގުޅިގެން އުފައްދާ ސައިންސް ފިކްޝަން އެކްޝަން ފިލްމު “ރާކާ” އަކީ އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 1,000 ކްރޯޑް ރުޕީސް އެވެ. ފިލްމު އުފައްދާ ފަރާތުން މި އަދަދު ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ހޮލީވުޑް ފެންވަރުގެ ވީއެފްއެކްސް ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަޤުވާމީ މަޝްހޫރު ސްޓޫޑިއޯތަކަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކަލާނިތީ މާރަންގެ ސަން ޕިކްޗާސްއިން އުފައްދާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އައްލޫ އަރުޖުން އާއި ދީޕިކާ ޕަޑުކޯން އެވެ. މީގެ އިތުރުން، ޝާހްރުކް ޚާން މި ފިލްމުގެ ޚާއްސަ ފެނިލުމަކުން ފެންނާނެ ކަމަށާއި، އޭނާގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ފިލްމުގެ ފުރިހަމަ ވާހަކަ ސިއްރުކޮށްފައިވީ ނަމަވެސް، މި ފިލްމަކީ ތަފާތު ދެ ދުނިޔެއެއްގެ މައްޗަށް ބިނާކޮށް، ސައިންސް ފިކްޝަން، އެކްޝަން އަދި ފެންޓަސީ ހިމެނޭ ގޮތަށް އުފައްދާ ފިލްމެއް ކަމަށްވެއެވެ.
ފިލްމު ސިނަމާތަކަށް ނެރޭނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފިލްމުގައި ހިމެނޭ ގިނަ ވީއެފްއެކްސް މަސައްކަތްތަކަށް ވަގުތު ބޭނުންވާތީ، ޑިސެމްބަރު 2027 ގައި ފިލްމު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ފިލްމީ ދާއިރާގެ ޚަބަރުތައް ބުނެއެވެ.
މިހާ ބޮޑު ބަޖެޓަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ އުފެއްދުންތެރިކަމެއްގެ އިތުރުން މަޝްހޫރު ތަރިން ހިމެނޭ “ރާކާ” އަކީ މިހާރުވެސް އިންޑިއާގައި އެންމެ އުންމީދީ އެއް ފިލްމެވެ. އަދި މިއީ އިންޑިއާގެ ސައިންސް ފިކްޝަން ސިނަމާގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
